އެކްޓަރު ޝާހްރުކް ޚާން މިހާރު މަސައްކަތް ފަށާފައިވާ "ދުންކީ"އަށްފަހު ދަރިފުޅު ސުހާނާ ޚާންއާއެކު ފިލްމެއްގައި މަސައްކަތްކުރުމަށް ހަމަޖެހިއްޖެއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ، މިފިލްމަކީ، ޝާހުއާއި އަންހެނުން ގޯރީ ޚާންގެ ރެޑް ޗިލީޒް ކުންފުންޏާއި މާފްލިކްސް ކުންފުނީގެ ދަށުން އުފައްދާ ފިލްމެއްކަމަށެވެ. ޝާހްރުކްއާއެކު މިފިލްމުގެ މުހިއްމު ރޯލްއިން ދަރިފުޅު ސުހާނާ ޚާން ފެންނާނެކަމަށްވެސް ރިޕޯޓުތަކުންވަނީ ބުނެފައެވެ.

ޑައިރެކްޓަރު ޒޯޔާ އަޚްތަރު ނެޓްފްލިކްސްއަށް ތައްޔާރުކޮށްދޭ "ދަ އާޗީސް"ގެ ވެރޮނިކާގެ ރޯލްއިން ސުހާނާ ޚާން ފެންނަ ފުރަތަމަ ޑިޖިޓަލް ފިލްމުގެ ޓްރެއިލާ ދާދިފަހުންވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ.

ރެޑް ޗިލީޒްއާއި މާފްލިކްސް ގުޅިގެން އުފައްދާ މިފިލްމަކީ، ސުހާނާގެ ފުރަތަމަ ތިއޭޓަ ފިލްމެވެ. އަދި ފިލްމުގެ ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކުރާނީ ޝާހްރުކްގެ ފިލްމު "ޕަތާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދެވެ. މާފްލިކްސް ކުންފުންޏަކީ ސިދާތުގެ އަމިއްލަ ފިލްމު ކުންފުންޏެކެވެ.

މިފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތް ފެށިފައިވާއިރު ފިލްމު "ދުންކީ"ގެ މަސައްކަތް ނިންމާލުމަށްފަހު މިއަހަރުގެ ފަހުކޮޅު ޝާހުގެ ހުރިހާ ވަގުތެއް ހުސްކުރަން ހަމަޖެހިފައިވަނީ ދަރިފުޅު ސުހާނާގެ ފިލްމަށެވެ. ފިލްމު "ޕަތާން"ގައި ޑައިރެކްޓަރު ސިދާތްއާއެކު ޝާހުވަނީ ވަރަށް ގާތުން މަސައްކަތްކޮށްފައެވެ. އެހެންކަމުން ސުހާނާގެ ފުރަތަމަ ތިއޭޓަ ރިލީޒްއަކީ ވަރަށް ފުރިހަމަ ފިލްމަކަށް ސިދާތު ހަދައިދޭނެކަމުގެ ޔަގީންކަން ޝާހުއަށް އެބައޮތްކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމީ ދާއިރާއާއި ސުހާނާ ޚާން ނުކުންނަން ތައްޔާރުވެފައިވާއިރު ބެލުންތެރިންގެ އުއްމީދަކީ ބައްޕަ ޝާހްރުކް ޚާން ފަޚުރުވެރިވާނެފަދަ ފިލްމީ ތަރިއަކަށް ސުހާނާ ވުމެވެ. ސުހާނާ ފިލްމީ ދާއިރާގައި ކެމެރާ ކުރިމަތީ މަސައްކަތްކުރަން ނިންމާފައިވާއިރު ޝާހުގެ ދޮށީ ދަރިފުޅު އާރްޔަން ޚާންވެސްވަނީ ކެރިއަރުގެ ފުރަތަމަ ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ. އެހެންނަމަވެސް އާރްޔަން މަސައްކަތްކުރާނީ ކެމެރާގެ ފަހަތުގައެވެ. އާރްޔަން އެމޭޒަން ޕްރައިމަށް ތައްޔާރުކުރާ ފުރަތަމަ ވެބް ސީރީސްގެ ނަމަކީ "ސްޓާޑަމް"އެވެ.