ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ސިޔާސީ ބަރުލަމާނީ، އަދި ގައުމީ ހަޔާތަށް ކޮންމެ ބަދަލެއް އަޔަސް އެކަމެއްގައި މުގުރު ޖަހާނެ ފަރާތެވެ؛ މިހާރު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ދުވަހަކު ވެސް ނުފެން ވަރުގެ ހަލަބޮލި، ވާދަވެރި އަދި ފުދުންތެރިވެފައި ނަތީޖާ ވެސް ނެރެދޭ މަޖިލީހެކެވެ. ހަމަ އެއާއި ނަފުރަތު ވެސް އިތުރުވެފައިވާ މަޖިލީހެކެވެ. އެހެން ކަމުން ރައްޔިތުންގެ މަޖިލީހު ދައުރުތަކުގެ ތެރެއިން ތިން ދައުރުގެ ދެމެދަށް ލިބޭ ޗުއްޓީއަކީ މެންބަރުންގެ ނޭވޭ ހައްޓަށް ފައްތާލަން ލިބޭނެ ރަނުގެ ފުރުސަތަކަށް ވެ އެވެ. ސިޔާސީ ހަލަބޮލި ކަމުން ބޯދަމައިގަންނަންވެސް ލިބިވަޑައިގަންނަވާނެތީ އެވެ.

ނަމަވެސް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީތައް ވެގެން ދަނީ މެންބަރުން އަރާމުކޮށްލަން ލިބިވަޑައިގަންނަވާ ވަގުތުކޮޅަކަށްވުރެ ބޮޑަށް ހާސްކަން ގެނުވައިދޭ ސިޔާސީ ގޮތުން "ކަންތައްގަނޑެއް"ގެ ތެރޭގައި ހޭދަ ކުރައްވަންޖެހޭ ދުވަސްތަކަކަށެވެ. ހޫނު ބަހުސްތައް ބަހައްޓާފައި ޗުއްޓީއަށްދާ ކޮންމެ ފަހަރަކު މިހާރު ފެންނަނީ ރާއްޖޭގެ ސިޔާސީ ބިމަށް ހެލުމެއް އަންނާތީ އެވެ. ސިޔާސީ ޗާޓް ބަދަލުވެ ހީވެސް ނުކުރާ ކަހަލަ ގޮތަކަށް ކަންކަން ފުރޮޅިގެންދެ އެވެ.

މިދިޔަ އަހަރުގެ މަޖިލިސް ޗުއްޓީއަށް ދިޔަ ފަހަރުތަކުގައި ސިޔާސީ "ރަށް ގުޑުމެއް" އައެވެ. މަޖިލިސް ދެވަނަ ދައުރަށް ދިއުމުން އެފަހަރު ފެށުނީ މެންބަރުން ޕާޓީ ބަދަލު ކުރެއްވުމުގެ ސިލްސިލާއެކެވެ. ވަރުގަދަ ޑީއާރްޕީގެ އެތެރޭގެ ކޯޅުންތައް ފަޅައިގެން ގޮސް ޕާޓީ ދޫކުރައްވައި ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު އެމްޑީޕީއާ ގުޅިވަޑައިގަތެވެ. މެންބަރު އަބްދުﷲ އަބްދުއްރަހީމް އެމްޑީޕީއާ ގުޅިވަޑައިގެންނެވިއިރު، ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު (އަލިބެ) ޑީއާރްޕީ ވަކިވެޑައިގެންނެވި އެވެ. އެއާއެކު ޒެޑް ފެކްޝަންގެ އަސްލު ސިފަޖެހި ޕީޕީއެމްގެ ގޮތުގައި ޕާޓީއަކަށް ވެގެން ދިޔަ އެވެ. އޭގެ ތެރޭގައި ހައިރާންކަން ގެނުވި އެތައް ކަމަމާއެކު އެވެ.

މިދިއަ އަހަރު މަޖިލީހުގެ ތިން ވަނަ ދައުރު ނިންމައި ތިން މަހުގެ ޗުއްޓީއަކަށް ދިއުމާއެކު ބަހުގެ ހަމަލާތަކުގެ ތެރޭގައި ތިބި އިދިކޮޅު ޕާޓީތައް އެއްގަލަކަށް އަރާ ނަޝީދުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތަކެއް ފެށިއެވެ. ފެށުމަކީ ޑިސެންބަރު 23 ގެ މުޒާހަރާ އެވެ. ދެން ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހައްޔަރު ކުރުމެވެ. މުޒާހަރާތައް ވަރުގަދަވީ ކްރިމިނަލް ކޯޓްގެ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުންނެވެ. އެ މުޒާހަރާތަކުގެ ސަބަބުން ބޭރު ދުނިޔޭގެ ލޯ ރާއްޖެއަށް އަމާޒުވި އެވެ. މުޒާހަރާތަކަށް 22 ދުވަސް ނުވަނީސް ފުލުހުންނާއި ސިފައިންގެ އިތުރުން އާންމު ރައްޔިތުން ޖުމްހޫރީ މައިދާނަށް ނުކުމެ، ހިންގިކަންތައްތަކުގައި ފެބްރުއަރީ 7، 2012 ރައީސް ނަޝީދުގެ ސަރުކާރު ވެއްޓުނެވެ. އަދިވެސް ރާއްޖެ މިއޮތީ އެ ހެލުންގަނޑުގެ ތެރޭގައި ހަމައަކަށް ނޭޅި ހެލުވި ހެލުވި އެވެ.

މިއަހަރަށް މަޖިލިސް ހުޅުވުމަށްފަހު އެއްމަހާއި 10 ދުވަހުގެ ޗުއްޓީއަކަށް އިއްޔެ މަޖިލިސް ދިއުމާއެކު ވެސް އައީ ދިމާވީ ހައިރާން ކުރުވަނިވި ކަމެކެވެ. އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) އާއި ނައިބު ރައީސް އަލްހާން ފަހުމީ މަގާމުން ވަކިކޮށް، ލީޑާ ޝިޕުން ބޭރުކޮށްލުމެވެ.

އަލުން މަޖިލިސް ހުޅުވޭއިރު، އެބޭފުޅުން ތިއްބާވަނީ ސިޔާސީ ގޮތުން ކޮން ކޭމްޕެއްގައި ކަމެއް ނޭނގެ އެވެ. އެނގޭ ކަމަކީ މަޖިލިސް ޗުއްޓީއަށް ދިއުމަކީ ކޮންމެ ފަހަރަކު ވެސް ސިޔާސީ ބޮޑު ކުޅިގަނޑެއްގެ ފެށުމަށް ވަމުން ދިއުމެވެ. ބައެއް ފަހަރަށް މަޖިލިސް ޗުއްޓީއަށް ދިއުމާއެކު ސިޔާސީ ގޮތުން ކުރިމަތިވާ މިފަދަ ހައިރާން ކުރުވަނިވި ބަދަލުތަކަކީ ގަސްދުގައި ގެންނަ ބަދަލުތަކެއްހެން ހީވި ފަހަރުތައް ވެސް މިދިޔަ ދުވަސްތަކުގައި ފެނުނެވެ. މިސާލަކަށް މަޖިލިސް ޗުއްޓީއަށް ދާ ދުވަސް ކައިރިވުމުން ޗުއްޓީ އަށް ފަހު ފަށާއިރު ޗާޓް އޮންނާނީ މިވެނި ގޮތަކަށް ކަމަށް ސިޔާސީ ލީޑަރުން ވިދާޅުވާ ވިދާޅުވުން ނެގިދާނެ އެވެ. އެހެންނަމަވެސް މުޅިން ކަން ހިނގާފައިވަނީ އެހެނޭވެސް ބުނާނެ ޖާގައެއް ނެތެވެ. އެނގޭ ކަމަކީ މަޖިލިސް ޗުއްޓީއަށް ދިއުމުން ޗުއްޓީ ހަދަން ނުތިބެވޭ ވަރަށް ސިޔާސީ މައިދާން ތެޅިގަންނަ ކަމެވެ.
ރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ ބޮޑު ތާރީހެއް އެބައޮތެވެ. މީގެ ކުރީގެ މަޖިލިސްތަކުގެ ޗުއްޓީގައި ކަންވީ ގޮތާއި ހިނގައިވާ ހާދިސާތައް ދެރަވެފައި މަދީއެއް ނޫނެވެ. އެވާހަކަތައް އެހެން ފަހަރަކު ލިޔާނީ އެވެ.