27 Jun 2023, 08:01
އެކްޓަރު އަޖޭ ދޭވްގަން ކުޅެފައިވާ ފިލްމު "ރެއިޑް"ގެ ދެވަނަ ބައެއް އުފައްދަން ނިންމައިފިއެވެ.
ހަޤީޤީ ޙާދިސާތަކުގެ އަލީގައި އިންކަމް ޓެކްސް-ރެއިޑްގެ ހާދިސާތައް ދައްކުވައިދޭ މިފިލްމުގެ ދެވަނަ ބައި ގެނެސްދޭން ނިންމާފައިވަނީ "ރެއިޑް2"ގެ ނަމުގައެވެ. މިފިލްމުގެ ދެވަނަ ބައިގައިވެސް ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކުރާނީ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރު ރާޖް ކުމާރު ގުޕްތާއެވެ.
ޕެނެރޯމާ ސްޓޫޑިއޯސްއާއި ޓީ-ސީރީސް ގުޅިގެން ގެނެސްދިން "ރެއިޑް"ގެ ދެވަނަ ބައި އުފެއްދުމުގެ ޚިޔާލާއެކު ފިލްމުގެ ވާހަކަވެސް ގެނެސްދޭނެގޮތުގެ ޕްލޭނެއް އަޖޭ ދޭވްގަންވަނީ ޑައިރެކްޓަރާ ހިއްސާކޮށްފައިކަމަށް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ އަހަރު ފިލްމު "ދްރިޝްޔަމް2"އަށް ލިބުނު ކާމިޔާބީއާއެކު އަޖޭ ދޭވްގަންއާއި "ރެއިޑް"ގެ ޕްރޮޑިއުސަރު ކުމާރު މަންގަތުއާ ދެމެދު މިފިލްމު ސިލްސިލާ ތަރައްޤީކުރުމުގެ މަޝްވަރާތައް މާކުރިންވަނީ ކުރެވިފައިކަމަށް ރިޕޯޓުތައް ބުނެއެވެ.
މިފިލްމުގެ ދެވަނަ ބައިންވެސް ފުރަތަމަ ފިލްމުގައި ދައްކުވައިދިން، އެހެންނަމަވެސް އެއަށްވުރެ ފުޅާކޮށް ކޮރޮޕްޝަންއަށް މަގުފަހިކުރުވާ ހާދިސާތަކެއް ގެނެސްދޭނެކަމަށް ޕްރޮޑިއުސަރު ކުމާރު މަންގަތުވަނީ ބުނެފައެވެ. އަޖޭ ދޭވްގަން މިހާރު މަސައްކަތް ފަށާފައިވާ "ސިންގްހަމް އަގެއިން"އަދި "އޯރޯ މޭން ކަހާ ދަމް ތާ"ގެ މަސައްކަތް ނިމުނުހާ އަވަހަށް "ރެއިޑް2"ގެ މަސައްކަތް ފަށާނެކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމު "ރެއިޑް2"އިން އަޖޭ ދޭވްގަން ލީޑް ރޯލްއިން ފެންނާނެކަން ކަށަވަރުވެފައިވާއިރު މިފިލްމުގެ ކާސްޓުންގެތެރޭގައި ދެން ހިމެނޭނީ ކޮން ބައެއްކަމެއް އަދި ނޭނގެއެވެ.
ފިލްމު "ރެއިޑް"ގެ ފުރަތަމަ ބައިން ފެނުނު އިތުރު ތަރިންގެތެރޭގައި، ބަތަލާ އިލީނާ ޑީކްރޫޒް، ސޯރަބް ޝުކްލާ، އަމިތު ސިއާލް އަދި ޝީބާ ޗައްދާ ހިމެނެއެވެ.
އަޖޭ ދޭވްގަން އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިއަހަރު ރިލީޒްކުރި ފިލްމު "ބޯލާ"އިންނެވެ. އަޖޭ އަމިއްލައަށް ޑައިރެކްޓްވެސްކޮށްފައިވާ މިފިލްމަކީ، ބޮޑު ބަޖެޓަކުން އުފެއްދި ފިލްމެއްނަމަވެސް ފިލްމަށްކުރި ޚަރަދު ފޫބެއްދުނީ ކިރިޔާއެވެ. އަޖޭ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިއަހަރު ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ފިލްމު "މައިދާން"އިންނެވެ. މިފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި އިޢުލާނު ނުކުރެއެވެ.