ބައެއް ފިލްމު ސެޓުތަކުގައި މަސައްކަތްކުރުމަކީ، ޗުއްޓީ ހޭދަކުރުންކަހަލަ ކަމެއްގެގޮތުގައި އެކްޓަރު ރޮނިތު ރޯއި ސިފަކޮށްފިއެވެ.

ދާދިފަހުން ފިލްމު "ޝެހެޒާދާ"އިންވެސް ފެނުނު ރޮނިތު ރޯއި ބުނެފައިވަނީ، ފިލްމުތަކުގައި ލިބޭ ރޯލު ކިތަންމެ ކުޑަނަމަވެސް އެކަމާ ޝަކުވާކުރަން ބޭނުންނުވަނީ މިސަބަބާހެދިކަމަށެވެ. ބައެއް ފިލްމުތަކުން ބޭރު ގައުމުތަކަށް ދަތުރުކުރުމުގެ ފުރުސަތާއެކު، ސެޓުގައި އަރާމުކޮށްލަންވެސް ވަގުތު ލިބޭކަމަށް ރޮނިތުވަނީ ބުނެފައެވެ.

ރޮނިތު ރޯއި ދާދިފަހުން ކުޅެފައިވާ ގިނަ ފިލްމުތަކަކީ ބެލުންތެރިންގެ މާބޮޑު މަގުބޫލުކަމެއް ލިބިފައިވާ ފިލްމުތަކަށް ނުވުމާއެކު ރޮނިތުގެ ސަޕޯޓަރުންވަނީ މިކަމާގުޅޭގޮތުން ސުވާލު އުފައްދާފައެވެ. އޭގެ ޖަވާބުގައި ރޮނިތު ބުނެފައިވަނީ ފިލްމުތަކުން ލިބޭ ރޯލް ކުޑަނަމަވެސް މަސައްކަތެއްނެތި ގޭގައި އިނދެވެން ނެތްކަމަށެވެ.

ބައެއް ފިލްމް ޕްރޮޑިއުސަރުން ރޮނިތުއަށް ފިލްމު ސްކްރިޕްޓު ހުށަހަޅާއިރު އޮންނަގޮތާ ފިލްމު ސެޓަށް ދާއިރު ކުޅެން ލިބޭ ރޯލް ތަފާތުވުމަކީވެސް އާއްމުކަމެއްކަމަށް ރޮނިތުވަނީ ބުނެފައެވެ. އެހެންނަމަވެސް އެނިންމުން ބަދަލުނުވާނެކަން އެނގޭތީ އެކަމުގެ ޝަކުވާކުރަން ބޭނުންނުވާކަމަށް 57 އަހަރުގެ އެކްޓަރުވަނީ ބުނެފައެވެ.

ރޮނިތު ކުޅޭ ރޯލްތަކުން ލިބޭ އާމްދަނީ ރަނގަޅުވެފައި ގިނަ ފިލްމުތައް މެދުވެރިކޮށް ބޮލީވުޑްގެ އެންމެ ތަޖުރިބާހުރި ޑައިރެކްޓަރުންނާއެކު މަސައްކަތްކުރަން ފުރުސަތު ލިބުމަކީ ވެސް އޭނާ، އާދައިގެ ކުދި ރޯލްތަކަށް އެއްބަސްވާ މައިގަނޑު ސަބަބުކަމަށް އެކްޓަރުވަނީ ބުނެފައެވެ. އަދި އޭގެ ސަބަބުން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނާ ދެމެދު ގާތް ގުޅުމެއް އޮވެ އެގުޅުުން އިތުރަށް ވަރުގަދަވެގެންދާކަމަށް ރޮނިތުވަނީ ބުނެފައެވެ.

ފިލްމު "ޖާން ތެރެ ނާމް"އިން 1992ވަނަ އަހަރު ހިންދީ ސިނަމާއަށް ނުކުތް އެކްޓަރަށް އޭރު ލިބުނު ކާމިޔާބީއާއެކު 90އިގެ އަހަރުތަކުގެތެރޭގައި ރޮނިތުވަނީ ގިނަ ފިލްމުތަކަކުން ފުރުސަތު ހޯދާފައެވެ. ފިލްމުތަކުން ލީޑް ރޯލް ނުލިބުނުނަމަވެސް ރޮނިތުވެފައިވަނީ ވަރަށް ގިނަ ފިލްމުތަކެއްގައި ހިމެނުނު އެންމެ މުހިއްމު ރޯލް އަދާކުރާ އެކްޓަރެއްގެގޮތުގައެވެ. އޭގެތެރޭގައި، ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދަ އިއަ"، "ޝޫޓްއައުޓް އެޓް ވަޑާލާ"، "ކާބިލް" އަދި "ލައިގާ"ފަދަ ފިލްމުތައް ހިމެނެއެވެ. މީގެއިތުރުން ޓެލެވިޒަން ސީރީސް "ކަސޯޓީ ޒިންދަގީ ކޭ"ގައި ރޮނިތު ކުޅުނު ރޯލް ރިޝަބް ބަޖާޖްވެފައިވަނީ ވަރަށްބޮޑު މަޤުބޫލުކަމެއް ހޯދި ރޯލަކަށެވެ.