03 Jul 2023, 08:08
ގޫގުލްއިން ލޭޒާ ލައިޓް ބޭނުންކޮށްގެން ދުރު ހިސާބުތަކަށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއެއް ފަށައިފިއެވެ.
ތާރާގެ ނަމުން ނަން ދީފައިވާ މަޝްރޫއަކީ ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓްގެ ލެބް "އެކްސް"ގެ ދަށުން ހިންގާ މަޝްރޫއެކެވެ. މިއީ ފަޒާގެ ތެރެއަށް ދޫކުރާ ފުއްޕާހަންތަކެއް މެދުވެރިކޮށް އިންޓަނެޓް ފޯރުކޮށްދިނުމަށް އެ ކުންދުނިން 2016 ވަނަ އަހަރު ކުރިއަށްގެންދިޔަ މަސައްކަތް ނާކާމިޔާބުވުމުން ފެށި މަޝްރޫއެކެވެ.
ތާރާ އާއި އިންޑިއާގެ އެންމެ ބޮޑު އެއް ޓެލެކޮމިއުނިކޭޝަން އަދި އިންޓަނެޓް ފޯރުކޮށްދޭ ކުންފުނި ބާރަތީ އެއާޓެލްއިން ގުޅިގެން މިހާރު ދަނީ އިންޑިއާގައި އެ ލޭޒާ އިންޓަނެޓް ޓެކްނޮލޮޖީ ފަށަން ތައްޔާރުވަމުންނެވެ.
މީގެ އިތުރުން އޮސްޓްރޭލިއާ، ކެންޔާ އަދި ފިޖީ ހިމެނޭ ގޮތަށް 13 ގައުމެއްގައި އެ ޚިދުމަތް ފުޅާކުރަން ރާވާފައިވާ ކަމަށް ތާރާއިން ބުންޏެވެ.
ބާރްތީ އެއާޓެލްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ރަންދީޕް ސެޚޮން ވިދާޅުވީ ތާރާގެ ސަބަބުން ކުރިއަރާފައިވާ ގައުމުތަކުގެ އާބަން ސަރަހައްދުތަކުގައި ހަލުވި ކަމާއެކު އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް މަގުފަހިވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފައިބާ އޮޕްޓިކް ކޭބަލްތައް ވަޅުލުމަށް ވުރެ އިމާރާތްތަކުގެ މެދުގައި ޑޭޓާ ބީމް ކުރުމަކީ ޚަރަދު ކުޑަ ކަމެކެވެ.
"އިންޑިއާގައި [ހަލުވި އިންޓަނެޓް ނުލިބޭ] އެތައް ހާސް އަވަށެއް އެބަ އޮތް. އެ ހުރިހާ މީހުން އޮންލައިންއަށް ގެނައުމަށް މި ޓެކްނޮލޮޖީގެ ބޭނުން ހިފޭނީ ކިހިނެއްތޯ ބަލަން އަހަރެމެން މިތިބީ ކެތްމަދުވެފައި،" ސެޚޮން ވިދާޅުވިއެވެ.
ގޫގުލްއިން މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ އިންޑިއާ ޑިޖިޓައިޒް ކުރުމަށް 10 ބިލިއަން ޑޮލަރު ޚަރަދުކުރަން ނިންމައިފައެވެ. އެއާއެކު އެ ކުންފުނިން ވަނީ ބާރްތީ އެއާޓެލްގެ 1.28 ޕަސެންޓް ހިއްސާ 700 މިލިއަން ޑޮލަރަށް ގަނެފައެވެ.