މި އަހަރުގެ މިހާތަނަށް މިފްކޯއިން މަސްވެރިންގެ އަތުން 39 ހާސް މެޓްރިކް ޓަނަށް ވުރެ ގިނައިން މަސް ގަނެފިއެވެ.

މިފްކޯގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން، ހިނގަމުން މި އަންނަ ޖޫން މަހުގެ 23 ގެ ނިޔަލަށް މި އަހަރު އެ ކުންފުންޏަށް ވަނީ 39،601 މެޓްރިކް ޓަނުގެ މަސް ކިރުވާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މިފްކޯއަށް ކިރުވި މަހާ އަޅާ ބަލާއިރު 9000 ޓަނު ނުވަތަ 30 އިންސައްތައިގެ ކުރިއެރުމެކެވެ.

މިފްކޯއިން ބުނި ގޮތުގައި މިއަހަރު އެންމެ ބޮޑު ކުރިއެރުމެއް ލިބިފައި ވަނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށެވެ. އެގޮތުން އެ ކުންފުންޏަށް މިދިޔަ އަހަރު 23،315 ޓަނުގެ މަސް ކިރުވިއިރު މިއަހަރުގެ މިމުއްދަތުގައި 30،409 ޓަނުގެ މަސް ކިރާފައިވެއެވެ.

ތަފާސްހިސާބު ދައްކާގޮތުން ދެވަނައަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައި ވަނީ 4348 ޓަނުގެ މަސް ގަނެގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިންނެވެ. މިއީ މިދިޔަ އަހަރަށް ވުރެ 68 އިންސައްތައިގެ ކުރިއެރުމެކެވެ.

މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ދާދި ފަހުން އެ ކުންފުންޏަށް ވަނީ "ޖަޒީރާ 103" ނަން ދީފައިވާ އިތުރު ބޯޓެއް ގެނެސްފައެވެ. މި ބޯޓުގައި ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައި ވާއިރު، ދުވާލަކު 120 މެޓްރިކް ޓަަނުގެ މަސް ގަނެ، ފިނި ކުރެވޭނެެވެ. އަދި 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވެެއެވެ.