އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަން ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް 'ދަ ޑިމޮކްރެޓްސް'އިން ކުރާނެކަމަށް މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސް ޕާޓީގެ މެންބަރުންނާއި ޕީޕީއެމްއިން ގުޅިގެން މަސައްކަތް ކުރުމަށް ކުރި މަޝްވަރާތައް ނިންމާލުމަށް ފަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އާޒިމް ވިދާޅުވީ، ޑިމޮކްރެޓުން ތާއީދު ކުރަނީ އިންސާފުވެރި ޝަރީއަތަކަށް ކަމަށެވެ. އަދި ގިނަ ބަޔަކު ޝާމިލްވާ އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް ޔާމީން ގިނިކަންޏާ ޖަލު ހުކުމް ތަންފީޒު ކުރަން ޖެހުމަކީ އިންސާފު ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމަ އެކަނި އެއް ބޭފުޅަކަށް ހުކުމް ކޮށްފަ ޖަލަށް ލާފަ އިންނަ އިނުމަކީ އަޅުގަނޑު އަބަދުވެސް ކަންބުޑުވާކަމެއް އިނގޭތޯ،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އިންސާފުވެރި ޝަރީއަތެއް ރައީސް ޔާމީނަށް ހޯދައިދޭން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ޕީޕީއެމްއިން ކުރާ މަސައްކަތާ ޑިމޮކްރެޓުން ގުޅިދާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަސް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ މަސައްކަތުގައި ޑިމޮކްރެޓުން ފެންނާނެ ކަމަށެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތައް ޑިމޮކްރެޓުން ތާއީދު ނުކުރާކަމަށެވެ. ނަމަވެސް ދެފަރާތުން ގުޅިގެން މަސައްކަތް ކުރަނީ، ދޫދޭންޖެހޭ ކަންކަމުގައި ދޫދީގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުން، އަޅުގަނޑުމެންގެ ފިކުރާ އެއްގޮތައް ޕީޕީއެމް ޕީއެންސީއަކުން ވެސް އެއްދުވަހުގެ ތެރޭގައި ބަދަލުވެގެނެއް ނުވާނެ. އެ ކަންކަމަށް ވަގުތު ނަގާނެ އަދި އަޅުގަނޑުމެން އެކަމަށް ގަބޫލު ވެސް ވާންޖެހޭ،" އޭނާ ވިދާޅުވިއެވެ.

ޑިމޮކްރެޓުންނާއި ޕީޕީއެމް ގުޅިގެން ބާއްވާ ޖަލްސާއެއް އަންނަ ހޯމަ ދުވަހު ބާއްވާނެކަން މިއަދުގެ ބައްދަލުވުމުގައި ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް އެ ޖަލްސާ ބާއްވާނެ ތަނާއި ވަގުތު އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

ޕީޕީއެމް އާއި ޑިމޮކްރެޓުންގެ މަޝްވަރާ ބައްދަލުވުންތަކަށް ދެ ޕާޓީން ވަނީ ކޮމިޓީއެއް އެކުލަވައިލާފައެވެ. އެގޮތުން، ޕީޕީއެމްގެ ފަރާތުން އެ ކޮމިޓީގައި ތިއްބަވަނީ:

  • ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް

  • މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު
  • ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު
  • މުހައްމަދު ހުސައިން ޝަރީފު (މުންދު)
  • ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު

ޑިމޮކްރެޓްސްގެ ފަރާތުން ތިއްބަވަނީ:

  • މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް

  • ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު
  • ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ
  • އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައި ވަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި ފައިސާ ލޯންޑާކުރި ކަމަށް ކުރި ދައުވާއެވެ. އެ މަނިކުފާނަށް ޖަލު ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25ގައެވެ.