މިހާރު އެކުލަވާލަމުން އަންނަ ތައުލީމީ އާ މަންހަޖުގައި މަދަނީ ތައުލީމުގެ އަސާސީ ބައިތައް ހިމަނުއްވާނެ ކަމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަހުމަދު އާސިމް ވިދާޅު ވެއްޖެ އެވެ.

މަދަނީ ތައުލީމުގެ ގައުމީ މަހާސިންތާ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން އާސިމް ވިދާޅުވީ މަދަނީ ތައުލީމުގެ ކެމްޕެއިންގެ ސަބަބުން އިންސާނީ ކަރާމާތާއި ރާއްޖޭގެ ވެށީގެ އަމާންކަމާއި ދިވެހިންގެ ރީތިނަން ކުރިއަށް އޮތްތާގައި އާއުސްމިންތަކަކަށް ދަތުކުރާނެ ކަމަށާއި މަދަނީ ތައުލީމް ނުވަތަ ސިވިކް އެޑިޔުކޭޝަނަކީ ސުކޫލްތަކުގެ ދަރިވަރުންނަށް ނުހަނު ބޭނުންތެރި ބައެއް ކަމަށާއި މިހާރު ވެސް ސުކޫލްތަކުގައި ސިވިކް އެޑިޔުކޭޝަންގެ ޕްރޮގްރާމްގެ ދަށުން ބައެއް ހަރަކާތްތައް ހިންގަވަމުން ގެންދަވާ ކަމަށެވެ.

"އާ މަންހަޖުގައި މަދަނީ ތައުލީމް[ސިވިކް އެޑިޔކޭޝަން]ގެ އަސާސީ ބައިތައް މިގެންދަނީ ހިމަނަމުން. އަދި މިހާރު ވެސް ސްކޫލު މަދަރުސާތަކުގައި ހިންގާ އެކިއެކި ހަރަކާތްތަކުގައި މަދަނީ ތައުލީމިގެ ބައެއް ބައިތައް ކޮންމެވެސް މިންވަރަކަށް ފޯރުކޮށްދެވޭ،" އާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިއްޔެ އިފުތިތާހުކުރި މަދަނީ ތައުލީމުގެ ކެމްޕެއިނުގެ ޒަރީއާ އިން ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތަކަށް އިތުރު ހަރުދަނާ ކަމެއް ލިބި ނަތީޖާ ކުރިއަށް ވުރެ ވެސް ބޮޑު ތަނުން ރަނގަޅުވެގެން އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އާސިމްގެ ވާހަކަފުޅުގައި ރާއްޖޭގެ މަތީތައުލީމުގެ ފުރުސަތުތަކުން ގިނަ ޒުވާނުން ނުފެންނަކަމީ ކަންބޮޑުވެވަޑައިގެންނަވާ ކަމެއް ކަމަށް ފާހަގަކުރައްވަމުން ޒުވާނުން އެފަދަ ފުރުސަތުތަކުން ނުފެންނަ ސަބަބުތައް ވަނީ ވިދާޅުވެފަ އެވެ. އެފަދަ ސަބަބުތަކުގެ ތެރޭގައި ޓެކްނިކަލް ވޮކޭޝަނަލް ޓްރެއިންގްއާ ޒުވާނުން ބީރައްޓެހިވުމާއި މަސައްކަތްތެރިކަމުގެ އަގުވަޒަން ކުރެވޭ މިންވަރު ޒުވާނުންގެ ކިބައިގައި ކުޑަވުން ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އިފްތިތާހުކުރެވުނު މަދަނީ ތައުލީމުގެ ކެމްޕެއިނުގެ ޒަރީއާ އިން ޒުވާނުން މަސައްކަތްތެރިކަމާ އިތުރަށް ރައްޓެހިކުރުމުގެ މަސައްކަތެއް އާ އަޒުމަކާ އެކު ފެށިގެން ދާނެ،" އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

އާސިމް ވިދާޅުވީ ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމް ހިންގުމުގައި ދަރިވަރުންނާއި ސުކޫލްތަކުގެ މުދައްރިސުންނާއި ބެލެނިވެރިންނަކީ ވެސް އެ ޕްރޮގްރަމްގެ މުހިންމު ބައިވެރިން ކަމަށާއި އެ ފަރާތްތަކަށް އަމާޒުކޮށްގެން އެކި ޕްރޮގްރާމްތައް ހިންގަވާނެ ކަމަށެވެ.

މަދަނީ ތައުލީމިގެ ގައުމީ ކެމްޕެއިން އިއްޔެ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެވެ.

މަދަނީ ތަޢްލީމުގެ ޤައުމީ ކެމްޕޭން ހިންގަވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި، ޤައުމަށްޓަކައި އަމާން ވެއްޓެއް ޤާއިމް ކުރުމާއި އިންސާނީ ކަރާމާތް ޙިމާޔަތް ކުރުމާއި މަދަނީ ޖަމްޢިއްޔާތަކުގެ ކަންކަން ކުރިއެރުވުމާއި ޙަރަކާތްތެރި ކުރުވުމާއި މަޢުލޫމާތުގެ ޙައްޤު ހޯދައި ލިބިގަތުމާއި ފުލުހުން ޒިންމާދާރު ކުރުވުމާއި ރައްޔިތުން ޒިންމާދާރު ކުރުވުން ހިމެނެ އެވެ.