26 Jun 2023, 08:13
އެކްޓަރު އަބީޝެކް ބައްޗަންގެ ފިލްމީ ކެރިއަރުގައި ކާމިޔާބީއާއި އެއްވަރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނުކަމަށް އޭނާ ބުނެފިއެވެ.
މީގެ 23 އަހަރުކުރިން ފިލްމީ ދާއިރާއަށް ނުކުތްއިރު ވަރަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަބީޝެކްއަށް އަމާޒުވިކަމަށް އޭނާވަނީ ބުނެފައެވެ. އަދި އަބީޝެކްއަކީ 'ނެޕޮޓިޒަމް'ގެ އުފެއްދުމެއްކަމަށާއި އެފަދަ ތުހުމަތުތަކެއް އަމާޒުވިޔަސް ފާޑުކިޔުންތެރިންނަށް އެއްވެސް ހިތްބަރުކަމެއް ނެތްކަމަށް އޭނާވަނީ ބުނެފައެވެ. އަދި މި ބަހަކީ މީޑިއާއިން އުފައްދާ ކުރި ފެޅުވި ބަހެއްކަމަށާއި މިއީ ފިލްމީ ތަރިންނާ ދެކޮޅަށް މީޑީއާއިން ބޭނުންކުރާ ހަތިޔާރެއްކަމަށް އޭނާ ބުނެފައިވެއެވެ.
ފިލްމު "ރެފިއުޖީ"އިން 2000ވަނަ އަހަރު ބޮލީވުޑަށް ނުކުތް އަބީޝެކްއަކީ އިންޑިއާގެ މެގަސްޓާރު އަމީތާބް ބައްޗަންއާއި ކުރީގެ މަގުބޫލު ބަތަލާ ޖަޔާ ބައްޗަންގެހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ.
ފިލްމީ ދާއިރާއަށް ނުކުތުމާއެކު ބައްޕަ އަމީތާބްގެ އެކްޓިންގްއާއި އަބީޝެކްގެ އެކްޓިންގްއާ އަޅައިބެލުންވީ ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމަކަށްކަމަށް އަބީޝެކް ބުނެފައިވެއެވެ. އަދި އެއީ އެންމެ އިންސާފުވެރިގޮތްކަމަށް ނުދެކޭކަމަށް އެކްޓަރުވަނީ ބުނެފައެވެ.
އިންޑިއާގެ އީ-ޓައިމްސްއަށް ދިން އިންޓަވިއުއްގައި 47 އަހަރުގެ އަބީޝެކް ބުނީ ޒުވާން ދުވަސްވަރު ވަރަށްބޮޑަށް ބެލުންތެރިންގެ ފާޑުކިޔުންތައް ސީރިއަސްކަމާއެކު ބަލައިގަނެވުނުކަމަށެވެ. ނަމަވެސް އަބަދު އަމިއްލަ ނަފުސު ބޭނުންވާގޮތަށް ކަންކަން ނުވެދާނެކަން ޤަބޫލުކުރެވުމާއެކު މަސައްކަތްކުރީ ލިބިފައިހުރި އެކްޓިންގެ ތަޖުރިބާގެ އަލީގައި ކުރިޔަށްވުރެ ބޮޑަށް މަސައްކަތްކުރުމަށްކަމަށް އޭނާވަނީ ބުނެފައެވެ.
ފިލްމުތަކުގެ އިތުރުން ބައެއް ވެބް ސީރީސްތަކުގައި އަބީޝެކް ދައްކުވައިދިން އެކްޓިންގްއަށް ގިނަ ބައެއްގެ ތަޢުރީފުވަނީ ލިބިފައެވެ. އޭގެތެރޭގައި، އެމޭޒަން ޕްރައިމްގެ ވެބް ސީރީސް "ބްރީތު" ހިމެނެއެވެ. އަދި ދާދިފަހުން ރިލީޒްކުރި ފިލްމު "ދާސްވީ"ގައިވެސް އަބީޝެކް ދެއްކި މޮޅު އެކްޓިންގްއަށް ގިނަބަޔަކުވަނީ ތަޢުރީފުކޮށްފައެވެ.
ވިހި އަހަރުފަހުން ނަމަވެސް އަމިއްލަ އެކްޓިންގްއަށް ބެލުންތެރިންގެ ފަރާތުން ލިބޭ ހިތްވަރުގެ ބަސްތަކާއެކު ފިލްމީ ކެރިއަރުގެ ކުރީކޮޅުގައި ދެއްކުނީ އެންމެ ރަނގަޅު ޕާފޮމެންސް ނޫންކަމަށް ގަބޫލުކުރެވޭކަމަށް އެކްޓަރުވަނީ ބުނެފައެވެ. ކާމިޔާބު ބަތަލާ އައިޝްވާރްޔާ ރާއީއަށް ކައިވެނިކޮށް އަންހެން ދަރިއަކު ލިބިފައިވާ އެކްޓަރު އެންމެ ފަހުން ސޮއިކޮށްފައިވަނީ "ގޫމަރު"ގެ ނަމުގައި އުފައްދާ ފިލްމަކަށެވެ.