އަލަށް އުފައްދަން މަސައްކަތް ކުރާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްދަ ދިނުމަކީ އެ ކޮމިޝަނުން ގާނޫނީ ވާޖިބު އަދާކުރުމުގައި ކުރިއަށް އެޅި ހަރުދަނާ ފިޔަވަޅެއް ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ވަކިވި، ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އެ ޕާޓީ އުފައްދަން މަސައްކަތް ކުރައްވާތާ މަހެއްހާ ދުވަސް ވެއްޖެއެވެ. އީސީގެ ރައީސް ފުއާދު ތައުފީގަށް އިތުބާރު ނެތް ކަމަށް ބުނެ، ކޮމިޝަންގެ ތިން މެންބަރަކު ޖަލްސާއަށް ހާޒިރުނުވާން ނިންމުމުން އެ ޕާޓީއަށް ހުއްދަ ދިނުން ވަނީ ލަސްވެފައެވެ.

އީސީން މިއަދު ނިންމާފައި ވަނީ އީދު ބަންދަށް ފަހު އަންނަ އެންމެ ފުރަތަމަ ރަސްމީ ދުވަސް ކަމުގައިވާ އަންނަ އާދިއްތަ ދުވަހު އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދޭށެވެ.

އެކަމާ ގުޅިގެން ޤާސިމް އިބްރާހީމް ވަނީ ރައީސް މުހައްމަދު ނަޝީދަށާއި، ދަ ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވާފައެވެ. ޤާސިމް ވިދާޅުވީ، ރާއްޖޭގައި އިސްލާހަށާއި ޑިމޮކްރަސީ އާއި ހެޔޮވެރިކަމަށްޓަކައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އީސީން އެ ހުއްދަ ދޭނެ ކަމަށް ބުނި ނަމަވެސް, ހުއްދަ ނުދީ ލަސްވާ މައްސަލައިގައި އީސީއާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅަން "ދަ ޑިމޮކްރެޓްސް" އިން ވަނީ ނިންމާފައެވެ.

ޑިމޮކްރެޓްސްގެ އިތުރުން އިދިކޮޅު ސިޔާސީ ޕާޓީތަކުން ވެސް ވަނީ އެ ކޮމިޝަނަށް އަށް އިތުބާރު ނެތް ކަމަށް ބުނެފައެވެ. އެގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި އެމްއެންޕީ އާއި ޖޭޕީގެ އިތުރުން އެމްއާރުއެމް އާއި ދަ ޑިމޮކްރެޓްސްއިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީތަކުގެ މަންދޫބުން ވަނީ އީސީއަށް އިތުބާރު ނެތުމުން އަންނަ ރިޔާސީ އިންތިހާބު އިންސާފުވެރިވާނެ ކަމާ މެދު ސުވާލުއުފައްދާފައެވެ.