ބޮލީވުޑްގެ މަގުބޫލު ޑައިރެކްޓަރު ފަރާ ޚާންއާއި ޝާހްރުކްއާ ދެމެދު ފިލްމެއްގެ މަޝްވަރާތައް ކުރެވެމުންދާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ޝާހްރުކް ޚާންއާއި ފަރާ އެކީގައި އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ ފިލްމު "ހެޕީ ނިއު އިއާ"ގައެވެ. މިފިލްމަކީ، 2014ވަނަ އަހަރު ޝާހުގެ އަމިއްލަ ފިލްމު ކުންފުނި ރެޑް ޗިލީޒްއާ ގުޅިގެން ފަރާ ގެނެސްދިން ފިލްމެކެވެ.

މިއަހަރަކީ، ޝާހު ދެ ފިލްމެއްގެ މަސައްކަތުގައި އަވަދިނެތި އުޅޭ އަހަރެއްކަމުން ފަރާގެ ފިލްމަށް ވަގުތު ދެވޭނެ އިރެއް ނޭނގޭކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި މިފިލްމު އުފެއްދުމާބެހޭ މަޝްވަރާތައް ދެ ފަރާތުގެ މެދުގައި ކުރިޔަށްދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ މިޑް-ޑޭއިން ބުނެފައިވަނީ، ދެ ފަރާތުން ވަކިގޮތަކަށް އެއްބަސްވެ މަޝްވަރާތަކަށް ނިމުން އައިސްފިނަމަ މިއަހަރުގެ ފަހުކޮޅު ފިލްމުގެ މަސައްކަތް ފަށަން ނިންމާފައިވާކަމަށެވެ.

ޝާހުއާއި ފަރާ ޚާންއަކީ، ވަރަށް ގާތް ދެ އެކުވެރިންނަށް ވެފައި ޝާހުގެ އާއިލާއާވެސް ގާތް ގުޅުމެއް އޮންނަ ފަރާގެ ހުށަހެޅުމަކަށް ޝާހު އެއްބަސްނުވެނުދާނެކަމަށް ރިޕޯޓުތަކުން ބުނެއެވެ. ފަރާ ޚާން ފިލްމު ޑައިރެކްޝަނަށް ތަޢާރަފުވި ފުރަތަމަ ފިލްމު "މޭ ހޫނ ނާ" އަކީ އޭގެ ހެއްކެކެވެ. އެއަށްފަހު ރިލީޒްވި ފިލްމު "އޯމް ޝާތީ އޯމް"ގެ ލީޑް ރޯލްވެސް ހުށަހެޅީ ޝާހުއަށެވެ.

ފިލްމު ޑައިރެކްޓްކުރުމުގެ އިތުރުން ފަރާ ޚާންއަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކުގައި ކޮރިއަގްރާފަރެއްގެގޮތުގައި މަސައްކަތްކުރަމުން އަންނަ ކުޅަދާނަ ފަންނާނެކެވެ. ޝާހްރުކް ޚާން އިތުރު ފިލްމެއްގެ މަސައްކަތަށް ތައްޔާރުވަމުން އަންނައިރު އެންމެ އަވަހަށް އެކްޓަރުގެ ފިލްމެއް ސިނަމާއަށް އަންނާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެއަށްފަހު މިއަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރާ ސަލްމާން ޚާންގެ ފިލްމު "ޓައިގާ3"ގެ ވަރަށް ޚާއްސަ ފެނިލުމަކުން ޝާހު ފެންނާނެއެވެ.