01 May 2012, 13:23
ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ގޮވާލައި ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ޒިންމާދާރު ގޮތެއްގައި ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ގޮވާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ޑީއާރުޕީ އިން ތާއިދު ނުކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީނު އަލީގެ ގެކޮޅު، މއ. ސީރާޒީގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަސްމީނު ވިދާޅުވީ ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ޑީއާރުޕީން ތާއިދު ނުކުރުމަށް ނިންމީ ކޮމަންވެލްތުން ރާއްޖެ ވަކި ވެއްޖެ ނަމަ އެކަމުގެ ގެއްލުން ރާއްޖޭގެ ރައްޔިތުންނަށް ކުރާނެ ކަމަށް ޑީއާރުޕީން ދެކޭތީ ކަމަށެވެ.
"ކޮމަންވެލްތުން ވަކިވާ ވާހަކަ ދައްކާ ބަހުސްކޮށް ހެދުމަކީ ޒިންމާދާރު ކަމެއްނޫން. އޭގެ ސަބަބުން އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރާއްޖެ އަށާއި ރައްޔިތުނަށް ގެއްލުން ވެގެންދާނެ ކަމެއް،" ތަސްމީނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) އިން ނެރެފައިވާ ބައެއް ރިޕޯޓުތަކާ މެދު ޑީއާރުޕީން ވެސް ހިތްހަމަ ނުޖެހޭ ކަމަށާއި އެގޮތުން ސީމެގުން ނެރިފައިވާ ބަޔާނުގައި އިންކުއަރީ ކޮމިޝަން މިނިވަން ކުރުމަށް ގޮވާލައި ނެރިފައިވާ ބަޔާނުގައިވާ އެއްޗެއް ސާފުނުވާ ކަމަށެވެ.
"އިންކުއަރީ ކޮމިޝާނާ ގުޅޭ ގޮތުން ސީމެގުން ދައްކާ ވާހަކަތައް ސާފުނުވާކަން އަޅުގަނޑުމެނަށް ފާހަގަކުރެވެނީ. އެހެންވީމާ އެބަޖެހޭ ސިދާ ކޮމަންވެލްތުން މި ބޭނުން ވަނީ ކޮން ކަމެއްތޯ ސާފުކުރަން. ބޭރު ޓެކްނިކަލް އެސިސްޓެންޓުން ހިމެނުނީމާ އެއީ ސިމެގަށް ގަބޫލުކުރެވޭ ގޮތެއްތޯ. މިހާރު އަޅުގަނޑުމެނަށް އިވޭ އަޑުތައް އެބަ ތަފާތުވޭ. އެކަން ކަން ސާފުވާން ޖެހޭ." ތަސްމީނު ވިދާޅުވި އެވެ.
އެހެން ނަމަވެސް ވާހަކަ ދައްކާ މަޝްވަރާކޮށްގެން މައްސަލަ ހައްލު ކުރުމުގެ ގާބިލުކަން ޕާޓީތަކުގެ ލީޑަރުންގެ ހުންނަން ޖެހޭނެ ކަމަށް ތަސްމީނު ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވެސް ސީމެގުން ނިންމަވާފައި އެ ނެރޭ ބަޔާންތަކާ މެދު ހިޔާލުތަފާތުވޭ. އެހެން ނަމަވެސް މި ކަހަލަ ދަނޑިވަޅުތަކުގައި އަޅުގަނޑުމެން ޕާޓީތަކުގެ މެންބަރުންގެ ހުންނަން ވާނީ އެފަރާތްތަކާ ވާހަކަ ދައްކައިގެން އެ ފަރާތްތަކާ މަޝްވަރާކޮށްގެން ކަންކަން ނިންމުމުގެ ގާބިލުކަން." ތަސްމީނު ވިދާޅުވި އެވެ.
ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ކަމަށް ބުނެ، ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިކުރުމަށް މަޖިލީހަށް ބިލެއް މިދިޔަ އާދިއްތަ ދުވަހު މަޖިލީހަށް ވަނީ ވައްދައިފަ އެވެ. އެ ބިލް ހުށަހަޅާފައި ވަނީ ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ރިޔާޒް ރަޝީދު އާއި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އެވެ.