އެމެރިކާގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ސްކިލްޑް ވޯކަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެހެން ގައުމަކަށް ނުގޮސް ވިސާ އައު ކުރެވޭ ގޮތަށް ހަމަޖައްސައިދޭން އެމެރިކާ ސަރުކާރުން ނިންމާފައިވާ ކަމަށް ރޮއިޓާސް ނޫހުން ރިޕޯޓުކޮށްފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅާ ގުޅުވާ އެމެރިކާ ސަރުކާރުން މިގޮތަށް ނިންމި ކަމަށް ރޮއިޓާސްއިން ރިޕޯޓުކުރީ މިކަމުގެ މައުލޫމާތު އެނގޭ ތިން މީހަކާ ހަވާލާދީއެވެ. އަދި އެމެރިކާ ސަރުކާރުގެ މި ނިންމުން މި ހަފުތާ ނިމުމުގެ ކުރިން ސްޓޭޓު ޑިޕާޓްމަންޓުން އިއުލާނު ކުރާނެ ކަމަށް ވެއެވެ.

ކުރިން އޮންނަ ގޮތުން އެމެރިކާގައި "އެޗް-ވަންބީ" ވިސާގައި އުޅޭ މީހުން ވިސާ އައު ކުރުމުގެ ކުރިން އެހެން ގައުމަކަށް ދަތުރުކުރަން ޖެހެއެވެ. އެކަމަކު، މިހާރު ގެންނަން ނިންމާފައިވާ ބަދަލުތަކާއެކު މިހާރު ވެސް އެމެރިކާގައި ވިސާ ނަގައިގެން އުޅޭ އިންޑިއާ ރައްޔިތުންނަށް މިގޮތަށް ދަތުރުކުރަން ނުޖެހި، ވިސާ އައު ކުރެވޭނެ ގޮތް ފަހިވެގެން ދާނެއެވެ.

މިއީ ކޮންމެ ތިން އަހަރަކުން އާ ކުރަން ޖެހޭ ވިސާއެކެވެ.

އިންޑިއާ ރައްޔިތުންނަށް ލިބޭ ވިސާ އައު ކުރުމުގެ މި ލުއިތައް ދޭން ނިންމާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެހެން ނަމަވެސް މި ޕްރޮގްރާމް ފަށާއިރު ވިސާ ލުއިތައް ދޭން ނިންމާފައިވާ ދާއިރާތައް ހާމަކުރަން ރޮއިޓާސްއާ ވާހަކަދެއްކި އޮފިޝަލުން ވަނީ ދެކޮޅު ހަދާފައެވެ.

އެމެރިކާ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސްކިލްޑް ވޯކަރުންނަށް ހާއްސަކޮށްފައިވާ "އެޗް-ވަންބީ" ވިސާތަކުގައި އެ ގައުމުގައި މަސައްކަތްކުރަމުން އަންނަ ހަތަރު ލައްކައަށް ވުރެ ގިނަ މީހުންގެ 70 ޕަސެންޓަކީ އިންޑިއާ މީހުންނެވެ.

ކޮންމެ އަހަރަކު އެމެރިކާއިން މިފަދަ 65،000 ވިސާ ކުންފުނިތަކަށް ހާއްސަކުރަމުން އަންނައިރު، މި ވިސާތަކުގައި އެންމެ ގިނަ މީހުން މަސައްކަތްކުރަމުން އަންނަނީ އިންޑިއާގައި މަރުކަޒުވެފައިވާ އިންފޯސިސް އަދި ޓާޓާ ކޮންސަލްޓަންސީ ސާވިސަސްގެ އިތުރުން އެމޭޒަން އާއި އެލްފެބެޓްގެ އިތުރުން މެޓާ ފަދަ އެމެރިކާގެ ބިޔަ ކުންފުނިތަކުގައެވެ.