އެމްޑީޕީން ވަކިވެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އުފައްދަން މަސައްކަތް ކުރާ އައު ސިޔާސީ ޕާޓީ، "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ ދިނުން ލަސްވާތީ، އިލެކްޝަންސް ކޮމިޝަން (އީސީ) އާ ދެކޮޅަށް އެ ޕާޓީން ދައުވާ ކޮށްފިއެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ އެ ޕާޓީގެ މުއައްސިސް ހަސަން ލަތީފްއެވެ.

އެ މައްސަލައިގައި ބުނެފައި ވަނީ ޕާޓީ އުފެއްދުމަށް ބޭނުންވާ ހުއްދަ ލަސްކުރުމެއް ނެތި ދޭނެ ކަމަށް އީސީން، އެ ޕާޓީއަށް މައުލޫމާތު ދިން ކަމުގައި ވީނަމަވެސް، އެކަށީގެންވާ އެއްވެސް ސަބަބެއް ނެތި، ޕާޓީ ރަޖިސްޓްރީ ވެގެން ދިޔުން ލަސްކުރުމުގެ ނިޔަތުގައި އީސީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި، ޕާޓީ އުފައްދަން ދޭން ޖެހޭ ހުއްދަ ދިނުން ހިފަހައްޓައިގެން، އެކަމަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރުމަކީ އީސީން އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި، ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޝަރުއީ ހަމަތަކާ ޚިލާފަށް ކުރަމުންދާ ކަމެއް ކަމަށް ދައުވާގައި ބުނެފައިވެއެވެ.

"އެ ހައްގުތައް ކަށަވަރުވެގެންދާކަން ކަށަވަރު ހިއްޕަވައިދެއްވުން އެދި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) އަދި ގާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ގާނޫނު9 46 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަމްބަރުގެ ދަށުން ހުށައަޅާ ޖުޑީޝަލް ރިވިއުގެ މައްސަލައެކެވެ." ދައުވާގައި ބަޔާންކޮށްފައި ވެއެވެ.

އީސީން އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދޭން ނިންމާފައި ވަނީ އަންނަ އާދިއްތަ ދުވަހުއެވެ. އާދިއްތަ ދުވަހަކީ، ޢީދު ބަންދަށް ފަހު އަންނަ އެންމެ ފުރަތަމަ ރަސްމީ ދުވަހެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ އާދިއްތަ ދުވަހު ދޭން ނިންމާފައިވާއިރު، އެ ޕާޓީއަށް ހުއްދަ ދޭން އިލެކްޝަންސް ކޮމިޝަނުން ބާއްވަން ޖެހޭ ބައްދަލުވުން ނުބޭއްވި ލަސްވި މައްސަލަ ވަނީ ހޫނުވެފައެވެ.

އެ ކޮމިޝަނުގެ ބައްދަލުވުން ނުބޭއްވުނީ، އީސީގެ ރައީސް ފުއާދު ތައުފީގަށް އިތުބާރު ނެތް ކަމަށް ބުނެ، ކޮމިޝަންގެ ތިން މެންބަރަކު ޖަލްސާއަށް ހާޒިރުނުވާން ނިންމުމުންނެވެ.