އިދިކޮޅު ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމާ މެދު ޝައްކެއް ނެތް ކަމަށާއި އެމަނިކުފާނަށް ކެމްޕެއިން ކުރުމުގެ ހަރަކާތްތައް އީދު ބަންދަށް ފަހު ފަށާނެ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރު މުޙައްމަދު އަމީން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިނަށް ތައްޔާރުވުމަށްޓަކައި އިދާރީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ވަނީ ހުރިހާ ރަށެއްގެ ހިންގާ ކޮމިޓީތައް އެކުލަވާލާ، ދާއިރާތަކުގެ ރައީސުންނާއެކު ކުރަން ޖެހޭ މަސައްކަތްތައް ފަށާފަ. އިރާދަކުރެއްވިއްޔާ އީދު ބަންދަށް ފަހު އިންތިހާބުގެ ހަރަކާތްތައް ކިކްއޮފްކޮށް، ޕާޓީގެ ސިޔާސަތުތައް ނެރެ މެނިފެސްޓޯ އިއުލާން ކުރާނެ ވާހަކަވެސް ދަންނަވަން،" އަމީން ވިދާޅުވިއެވެ.

ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި ފައިސާ ލޯންޑާކުރި ކަމަށް ކުރި ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމަނިކުފާނަށް ޖަލު ހުކުމް ކުރުމާ އެކު، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދަކުރެއްވޭނެކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ނަމަވެސް މިއަދު އަމީން ވިދާޅުވީ، ރައީސް ޔާމީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ވެރިކަމަށް ވަޑައިގަންނަވާނެކަމާ މެދު ވެސް ޝައްކެއް ނެތް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ [ވޯޓު ކަރުދާހުގަ] ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ، ރައީސް ޔާމީން 2023ގައި ހުވާވެސް ކުރައްވާނެ،" އަމީން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސިޔާސީ ގޮތުން ފިކުރު ތަފާތުވި ނަމަވެސް ގައުމުގެ ދިފާއުގައި ތެދުވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި ދީނަށް ޓަކައި ޕީޕީއެމަށް ވޯޓު ދޭން ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ.

"ޖަލުގައި ހުންނަވައިގެން ދިވެހި ރައްޔިތުންނާއި ގައުމުގެ ހައްގުގައި އެ ކުރައްވަނީ ކެމްޕެއިނެއް،" އަމީން ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވައެއްގައި އޮންނަ އިންތިޚާބަށް ޕީޕީއެމާއި ޕީއެންސީއިން ތައްޔާރު ވަމުން އަންނަ އިރު ކޯލިޝަނުން ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވަން މަސައްކަތް ކުރައްވާ ޑިމޮކްރެޓްސްއާ އެކު މަސައްކަތް ކުރަން އިއްތިހާދެއް އުފައްދާފައެވެ.

އެ އިއްތިހާދުގެ މަގުސަދަކީ މިހާރު އޮތް އެމްޑީޕީގެ ވެރިކަން ނިންމުންކަން ކަމަށާއި ރިޔާސީ އިންތިޚާބަށް ނެރޭނީ އަމިއްލަ ކެންޑިޑޭޓުން ކަމަށް ދެ ފަރާތުން ވަނީ ބުނެފައެވެ.