25 Jun 2023, 14:41
ރަޝިޔާގެ ކުލީ ސިފައިންގެ ކުންފުނި ކަމަށްވާ ވެގްނަރ ގުރޫޕުން ރަޝިއާގެ ދައުލަތާ ދެކޮޅަށް ދެއްކި ނުކިޔަމަންތެރިކަމާއި ގެންނަން އުޅުނު ބަޣާވާތުގެ ހަރަކާތްތައް ނާކާމިޔާބު ވުމާއެކު ރަޝިއާގެ އެތެރެއިން ރަޝިއާ ރޫޅާލައި އެގައުމު ހަލާކުކޮށްލެވޭނެކަމަށް އެމެރިކާއާއި ނޭޓޯ ކުރި އުންމީދުތައް ވިއްސިވިހާލިވެގެން ހިނގައްޖެއެވެ.
ބަޣާވާތް ނާކާމިޔާބު ވުމުން އެމެރިކާ ބުނެފައިވަނީ ރަޝިއާގެ އެތެރޭގައި ކަންކަން ބަދަލުވަމުންދާގޮތް އަދިވެސް ވަރަށް ގާތުން ބަލަމުން ގެންދާކަމުގައެވެ.
ރަޝިއާގެ އަމަނާބެހޭ ފަރާތްތައް ބުނާގޮތުން ބަޣާވާތުގެ ހަރަކާތްތައް ނާކާމިޔާބުވުމުން އެގައުމުގެ އަމަނާބެހޭ ކަންތައްތައް މިހާރު ދަނީ ކުރިން އޮތް ހާލަތަށް އެނބުރި ރުޖޫއަވަމުންނެވެ.
ބަޣާވާތުގެ ހަރަކާތްތައް ނާކާމިޔާބުވެ މައާފެއްގެ ދަށުން ގައުމުން ބޭރަށް ދިޔުމަށް ވެގްނަރ ގުރޫޕުގެ ލީޑަރު ޔެވްގެނީ ޕްރިގޮރިންވަނީ އެއްބަސްވެފައެވެ. މިއާއެކު އެޖަމާއަތުންވަނީ ނުކިޔަމަންތެރިކަމުގެ ހަރަކާތްތައް މުޅިން ނިމުމަކަށް ގެނަސް އެޖަމާއަތުން އަތްގަދަކުރި ރަޝިއާގެ ސަރަހައްދުތަކުން ސުލްހަވެރިކަމާއެކު ފާބަން ފަށާފައެވެ.
އަދި އެޖަމާއަތުގެ ހަނގުރާމަވެރިން މިހާރުވަނީ އަލުން އަނބުރައި ޔުކްރެއިންއަށް ދާންވެސް ފަށާފައެވެ. އެއީ ރަޝިއާ ސިފައިންނާ ގުޅިގެން ޔުކްރެއިން އާ ދެކޮޅަށް ކުރާ ހަނގުރާމައިގަ އަލުން ބައިވެރިވުމަށެވެ.
ރަޝިއާގެ ދިފާއީ ވުޒާރާއާ ހަވާލާދީ އެގައުމުގެ ރަސްމީ މިޑިއާ ބުނިގޮތުގައި ވެގްނާ ޖަމާއަތުގެ ހަނގުރާމަވެރިން މިހާރުވަނީ އެމީހުން އެރި ރަޝިއާގެ ދެ ސަރަހައްދުން ފައިބައިފައެވެ. އަދި އެމީހުން މިހާރުދަނީ ޔުކްރެއިން އާ ދެކޮޅަށް ރަޝިއާ ހިންގާ އަސްކަރީ އޮޕަރޭޝަންގައި (ހަނގުރާމާގައި) އަލުން ބައިވެރިވުމަށްޓަކައި ޔުކްރެއިންގައި އެމީހުން ތިބި ކޭންޕްތަކަށް އަލުން އެނބުރި އިޔާދަވާން ފަށާފައެވެ.
ވެގްނަރ ގުރޫޕަކީ ރަޝިއާ ސަރުކާރާ ވަރަށް ގާތްގުޅުންތަކެއް އޮންނަ އަދި ރަޝިއާގެ ދިފާއީ ވުޒާރާގެ ކޮންޓްރަކްޓްތަކަށް މަސައްކަތްކޮށްދޭ ރަޝިއާގެ ކުލީ ސިފައިންގެ ޖަމާއަތެކެވެ. އެޖަމާއަތުގެ ވެރިޔާ ޔެވްގެނީ ޕްރިގޮރިން އަކީ ރަޝިއާގެ ރައީސް ވްލަދިމިޔާ ޕޫޓިން ވަރަށް އިތުބާރު ކުރައްވާ އަދި ކުރިން އޭނާއާ ވަރަށް އަރިސް ބޭފުޅެކެވެ.
ނަމަވެސް ޕްރިގޮރިން އިއްޔެވަނީ ވަރަށް ކުއްލިގޮތަކަށް ރަޝިއާގެ ސިފައިންނާ ދެކޮޅަށް ނުކިޔަމަންތެރިކަން އިއުލާނުކޮށް ބަޣާވާތުގެ ހަރަކާތެއް ހިންގަން ފަށާފައެވެ. މިގޮތުން އޭނާވަނީ ރަޝިއާ ސިފައިން އޭނާގެ ހަނގުރާމަވެރިންނަށް ވައިގެ މަގުން ހަމަލާތަކެއް ދިންކަމަށް ބުނެ ރަޝިއާގެ ދިފާއީ ވަޒީރު ސަރްގީ ޝުވީގޯރ އާއި ރަޝިއާ ސިފައިންގެ ކޮމާންޑަރު އަދި ޗީފް އޮފް ޖެނެރަލް ސްޓާފް ޖެނެރަލް ވެލަރީ ގްރަސިމޯވް މަގާމުންދުރުކޮށް އެދެބޭފުޅުންގެ މައްޗަށް ޝަރީއަތް ހިންގުމަށްޓަކައި އޭނާއާ ހަވާލުކުރުމަށް ރައީސް ވްލަދިމިޔަރ ޕޫޓިން އަށް ގޮވާލާފައެވެ.
ޕޫޓިން މިކަން ނުކުރެއްވުމުން ޕްރިގޮރިން ވަނީ ޔުކްރެއިން ދޫކޮށް ރަޝިއާއާ ދިމާއަށް މިސްރާބުޖެހުމަށް އޭނާގެ ވެގްނާ ގްރޫޕުގެ ހަނގުރާމަވެރިންނަށް އަމުރުކޮށްފައެވެ. މިއަމުރާއެކު ވެގްނާ ހަނގުރަމަވެރިންވަނީ ރަޝިއާއި ޔުކްރެއިންގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ރަޝިއާގެ ދެ ރަށެއް ހިފާފައެވެ.
އެއަށްފަހު ރަޝިއާގެ ވެރިރަށް މޮސްކޯއާ ދިމާއަށް މިސްރާބު ޖެހުމަށް ޕްރިގޮރިން އޭނާގެ ހަނގުރާމަވެރިންނަށް އަމުރުކުރުމުން އެމީހުން މޮސްކޯއާ ދިމާއަށް މިސްރާބު ޖެހިނަމަވެސް އޭގެ ހައެއްކަ ގަޑީއިރުފަހުން ޕްރިގޮރިން ވަނީ ރަޝިއާ ސަރުކާރުން ހުށަހެޅި ސުލްހައިގެ އެއްބަސްވުމެއް ގަބޫލުކޮށް ނުކިޔަމަންތެރިކަމާއި ބަޣާވާތް ނިމުމަކަށް ގެނަސްފައެވެ.
މިއާއެކު އޭނާވަނީ އަލުން އަނބުރައި ޔުކްރެއިންއަށް ގޮސް ރަޝިއާ ސިފައިންނާއެކު ޔުކްރެއިން ހަނގުރާމައިގާ ބައިވެރިވުމަށް ވެގްނާ ގްރޫޕުގެ ހަނގުރާމަވެރިންނަށް އަމުރުވެސް ކޮށްފައެވެ. ޕްރިގޮރިން އޭނާގެ ނުކިޔަމަންތެރިކަން ނިމުމަކަށް ގެނައީ އޭނާގެ ހަނގުރާމަވެރިންނާއި ރަޝިއާ ސިފައިންނާ ދެމެދު ކުރިމަތިލުމެއް ހިނގައި ބޮޑު ލޭއޮހޮރުވުމަކަށް ދާނެކަމަށް ބެލެވޭތީ އެކަމަށް ފުރުސަތު ނުދިނުމުގެ ގޮތުންކަން އޭނާ ވަނީ ހާމަކޮށްފައެވެ.
މިމައްސަލާގައި ރަޝިއާ ސަރުކާރާއި ޕްރިގޮރިން އާ ދެމެދު މެދުވެރިއެއްގެ ބައި އަދާކުރައްވާފައިވަނީ ރަޝިއާގެ އަވަށްޓެރި ގައުމެއްކަމަށްވާ ބެލަރޫސް ގެ ރައީސް އެލެގްޒެންޑަރ ލުކަޝިންކޯފް އެވެ. ލުކަޝިންކޯފް މެދުވެރިކޮށް ރަޝިއާ ސަރުކާރާއި ޕްރިގޮރިން އާ ދެމެދު ސޮއިކުރި އެއްބަސްވުމުގައިވަނީ ޕްރިގޮރިން ހިންގި ބަޣާވާތާ ގުޅިގެން އޭނާއަށް އަދަބު ނުދީ އޭނާ ބެލަރޫސް އަށް ފޮނުވާލުމާއި ބަޣާވާތުގައި ބައިވެރިވި ވެގްނަ ގްރޫޕުގެ ހަނގުރާމަވެރިންނަށް އެއްކޮށް މައާފު ދިނުމެވެ.
މައާފް ދިނުމާއެކު އެމީހުން އަލުން އަނބުރައި ޔުކްރެއިން ހަނގުރާމައިގެ މައިދާނަށް ގޮސް ރަޝިއާ ސިފައިންގެ ކޮމާންޑްގެ ދަށުން ޔުކްރެއިން އާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އަލުން ބައިވެރިވުންވެސް މިއެއްބަސްވުުމުގައި ހިމެނެއެވެ.
މި އެއްބަސްވުމުގައިވާގޮތުން ވެގްނާ ގްރޫޕުގެ ހަނގުރާމަވެރިންގެ ތެރެއިން ރަޝިއާ ގެ ސިފައިންނާ ގުޅެން ބޭނުންވާ ހަނގުރާމަވެރިން ރަޝިއާ ސިފައިންގެ ތެރެއަށް ވައްދާނެއެވެ. އަދި ޔުކްރެއިން ހަނގުރާމައިގާ ބައިވެރިވާން ބޭނުންނުވާ ހަނގުރާމަވެރިންނާއެކު ރަޝިއާގެ ދިފާއީ ވުޒާރާއިން މުޅިން އައު ކޮންޓްރަކްޓެއްގައި ސޮއިކޮށް އެކޮންޓްރަކްޓްގެ ދަށުން އެމީހުން ޔުކްރެއިން ހަނގުރާމައިގާ ރަޝިއާ ސިފައިންނަށް އެހީތެރިވުމުގައި ދެމިތިބޭނެއެވެ.
ޕްރިގޮރިން ރަޝިއާގެ ދައުލަތާ ދެކޮޅަށް ފެށި ކުރު ބަޣާވާތް ރޭ ނިމުމަކަށް އައިސްފައިވާތީ މޮސްކޯ އާއި ރަޝިއާގެ އެހެން ސަރަހައްދުތަކުގައި އިއްޔެ އަޅާފައިވާ ސަލާމަތީ ފިޔަވަޅުތައް މިހާރުވަނީ ލުއިކުރަން ފަށާފައެވެ. ޕްރިގޮރިން ރަޝިއާގެ ސިފައިންގެ ލަޝްކަރުތަކާ ދެކޮޅަށް އިއްޔެ ފެށި ނުކިޔަމަންތެރިކަމުގެ ހަރަކާތްތަކަކީ ބަޣާވާތުގެ އަމަލެއްކަމަށާ އެކަމަށް އެއްވެސް ފުރުސަތެއް ނުދޭނެކަމުގެ އިންޒާރު ރައީސް ވްލަދިމިޔަރ ޕޫޓިންވަނީ ދެއްވާފައެވެ.
މިއިންޒާރާއެކު ރަޝިއާގެ ސަލާމަތީ ބާރުތަކުން ގެންދިޔައީ ޕްރިގޮރިން ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން އަވަސް ގޮތަކަށް އަމާން ނުދީފިނަމަ ޕްރޮގޮރިން އަށް ޖާނު ސަލާމަތް ނުކުރެވުނީސްކަން ޚުދު އޭނާއަށްވެސް އެނގުމަކީ އޭނާ އަމާންދިން މައިގަނޑު ސަބަބުކަމަށްވަނީ ބެލެވިފައެވެ.
ބަޣާވާތާއެކުވެސް ރަޝިއާ ސިފައިންވަނީ ވެގްނާ ގްރޫޕުގެ ހަނގުރާމަވެރިންނަށް ހަމަލާ ނުދީ ކެތްތެރިކަން އިސްކޮށްފައެވެ. ހަމަލާދީގެން ވެގްނާ ގްރޫޕުގެ ހަނގުރާމަވެރިން ބަލިކޮށްލެވުނު ނަމަވެސް އެއީ ބޮޑު ލޭއޮހޮރުވުމެއް ހިނގާނެކަމަކަށްވާތީއާއި ވެގްނާގެ ހަނގުރާމަވެރިންގެ ތެރޭގައި ގިނައީ ރަޝިއާގެ ރައްޔިތުންކަމަށްވާތީ އެކަން އޮތީ އެހެން ގޮތެއް ނެތިގެންކުރާނެ އެންމެ ފަހުގެ ކަމަކަށް ބާއްވާފައެވެ.
ޕްރިގޮރިން ގެ ނުކިޔަމަންތެރިކަމާ ގުޅިގެން ރަޝިއާ އަށް ލިބުނު ކުއްލި ސިހުމާއެކު ރަޝިއާގެ ދައުލަތުގެ ޓީވީ މެދުކޮށް ދެއްވި ރައީސް ޕޫޓިން ދެއްވި ޚިތާބުގައި ޕޫޓިން ވަނީ ނުކިޔަމަންތެރި ކަމުގެ މިއަމަލަކީ ފަހަތުން ވަޅިޖެހުން ކަމަށާ އަދި ގައުމީ ޚިޔާނާތެއްކަމަށް ސިފަކުރައްވައި އެކަމަށް ހަރުކަށިކޮށް ރައްދުދޭނެކަމުގެ އިންޒާރު ދެއްވާފައެވެ.
އަޚުންގެ ގޮތުގައި ގުޅިގެން ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދަނިކޮށް އަޚުންނާ ދެކޮޅަށް ހަތިޔާރު އުފުލައި ގައުމަށް ޚިޔާނާތްތެރިވުމަކީ އާދައިގެ ކަމެއްނޫންކަމަށާ އެކަންކުރިބަޔަކު އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ. މިއިންޒާރުތަކާއެކުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށްކަމަށް ޕޫޓިން ވިދާޅުވިއެވެ.
ޔުކްރެއިން އާއި ޔުކްރެއިންގެ ފަހަތުގައިވާ އެމެރިކާއާއި ނޭޓޯ އޮތީ ޕްރިގޮރިން ގެ ބަޣާވާތް ކާމިޔާބުވާނެކަމުގެ އިންތިޒާރުގައެވެ. މިއާއެކު ރަޝިއާ ހަނގުރާމައިގާ ނާކާމިޔާބުވެ ރަޝިއާ ގެ އެތެރެ ގަޑުބަޑުވެ ރަޝިއާ ރޫޅިގެންދާނެކަމަށްވެސް މިކަމާބެހޭގޮތުން ޔުކްރެއިންއާއި ޔުކްރެއިންގެ ބައިވެރިން ދެމުން ގެންދިޔަ ބަޔާންތަކުން ސާފުވިއެވެ. ނަމަވެސް ކުއްލިގޮތަކަށް ބަޣާވާތް ނާކާމިޔާބުވުމުން އެފަރާތްތަކުގެ އުންމީދުތައްވަނީ ވިއްސި ވިހާލިވެގެން ގޮސްފައެވެ.