25 Jun 2023, 12:25
އެމްޑީޕީން ވަކިވި މެންބަރުން އުފައްދަވަން އުޅުއްވާ، ދި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދޭން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައި، އެ ޕާޓީއަށް އެކަން އަންގައިފިއެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު "ސަން"އަށް ވިދާޅުވީ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އަންނަ އާދިއްތަ ދުވަހު ދޭން ނިންމައި، އެ ކަން އެ ޕާޓީއަށް އަންގާފައިވާ ކަމަށެވެ. އާދިއްތަ ދުވަހަކީ، ޢީދު ބަންދަށް ފަހު އަންނަ އެންމެ ފުރަތަމަ ރަސްމީ ދުވަހެވެ.
އޭނާ ވިދާޅުވީ، ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން ވަކިވަކިން ހުރިހާ މެންބަރުންނާ ވާހަކަދެއްކިން ކަމަށާއި އެ ޕާޓީއަށް، ބަންދު ނިމުމުން އާދިއްތަ ދުވަހު ހުއްދަ ދޭން މިހާރު ނިންމާފައިވާ ކަމަށެވެ.
ދި ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވަނީ، ސަރުކާރާ މެދު ދެބަސްވުން އުފެދި އެމްޑީޕީ ދޫކޮށްލި މެންބަރުންނެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދަ އާދިއްތަ ދުވަހު ދޭން ނިންމާފައިވާއިރު، އެ ޕާޓީއަށް ހުއްދަ ދޭން އިލެކްޝަންސް ކޮމިޝަނުން ބާއްވަން ޖެހޭ ބައްދަލުވުން ނުބޭއްވި ލަސްވި މައްސަލަ ވަނީ ހޫނުވެފައެވެ. އެ ކޮމިޝަނުގެ ބައްދަލުވުން ނުބޭއްވުނީ، އީސީގެ ރައީސް ފުއާދު ތައުފީގަށް އިތުބާރު ނެތް ކަމަށް ބުނެ، ކޮމިޝަންގެ ތިން މެންބަރަކު ޖަލްސާއަށް ހާޒިރުނުވާން ނިންމުމުންނެވެ.
އެހެންވެ، ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދޭން ފުރަތަމަ ތާވަލު ކުރި ދުވަހު، ކޯރަމް ހަމަނުވުމުގެ ސަބަބުން އެ ހުއްދަ ދެވިފައެއް ނުވެއެވެ.