ބަތަލާ ކަންގަނާ ރަނާވަތުގެ އަމިއްލަ ކުންފުނިން މިދިޔަ އަހަރު އިޢުލާނުކުރި ފިލްމު "އިމަޖެންސި" ރިލީޒްކުރުން ފަސްކޮށްފިއެވެ.

މިއަހަރުގެ އޮކްޓޯބަރު މަހުގެ 20ގައި ރިލީޒްކުރުމަށް ކުރިން ނިންމި ފިލްމު މިހާރު ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 24ގައެވެ. ކަންގަނާގެ ފިލްމު ކުންފުނި މަނީކަރުނިކާ ފިލްމްސްއިން ގެނެސްދޭ މިފިލްމުގެ ސްކްރިޕްޓްއަކީ ޚުދު ކަންގަނާ އަމިއްލައަށް ލިޔެ ތައްޔާރުކޮށްފައިވާ ސްކްރިޕްޓެކެވެ.

އިންޑިއާގެ ފުރަތަމަ އަންހެން ބޮޑުވަޒީރު އިންދިރާ ގާނދީގެ ރޯލްއިން ކަންގަނާ ފެންނަ މިފިލްމަކީ، ބައޮގްރަފިކަލް ތާރީޚީ ޑްރާމާއެކެވެ. މިފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ، 1975އާއި 1977އާ ދެމެދު ކުރީގެ ބޮޑުވަޒިރު އިންދިރާ ގާނދީ އިޢުލާނުކުރެއްވި ސްޓޭޓް އޮފް އިމަޖަންސީގެ ޙާލަތާ ގުޅުވައިގެންނެވެ.

އިންޑިއާގެ ގިނަ ބައެއްގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނުވި މި ސްޓޭޓް އޮފް އިމަޖެންސީ ނުވަތަ ކުއްލި ޙާލަތު ދެމިގެންދިޔައީ، 25 ޖޫން 1975އިން 21 މާޗް 1977އަށެވެ. އިންޑިއާގެ ތާރީޚުގައި ހިނގި އެންމެ މުހިއްމު ބައެއް ހާދިސާތައް ކިޔައިދޭ މިފިލްމަކީ މިއަހަރު ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ފިލްމެވެ. ކަންގަނާ ބުނެފައިވަނީ މިފިލްމަކީ، އިންޑިއާގެ ތާރީޚުގެ އަނދިރި ސޮފުހާތައް މިހާރުގެ ޖީލަށް ކިޔައިދެވޭނެ މުހިއްމު ފިލްމެއްކަމަށެވެ.

ކަންގަނާގެ އިތުރުން ފިލްމުން ދެން ފެންނާނީ ވެސް ވަރަށް ތަޖުރިބާކާރު ތަރިންނެވެ. އޭގެތެރޭގައި، އެކްޓަރު އަނޫޕަމް ޚޭރު، ޝްރެޔަސް ތަލްޕަޅޭ، ބަތަލާ މަހީމާ ޗައުދަރީ، މިލިންދު ސޯނަމް އަދި ދާދި ފަހުން ހާޓް އެޓޭކެއް ޖެހިގެން މަރުވި ސަތީޝް ކޯޝިކް ހިމެނެއެވެ.

މީޑިއާ ރިޕޯޓުތަކުން ބުނެފައިވަނީ ފިލްމު ރިލީޒްކުރުން ނޮވެމްބަރު 24އަށް ލަސްކޮށްފައިވަނީ، ކުރިން ފިލްމު ރިލީޒްކުރަން ނިންމި ތާރީޚުގައި އެކްޓަރު ޓައިގާ ޝްރޮފް އާއި ބަތަލާ ކްރިތީ ސެނޮންގެ "ގަންޕަތު" ރިލީޒްކުރުމަށް ތާވަލުކުރުމާ ގުޅިގެން ކަމަށެވެ.