މަޝްހޫރު ސްޓަންޓު އަދި އެކްޝަން އެކްޓަރު ވިދުޔުތު ޖަމްވާލްގެ ފިލްމު 'އައިބީ 71" ޑިޒްނީ ޕްލަސް ހޮޓް ސްޓާގައި ރިލީޒްކުރުމަށް ނިންމައިފިއެވެ.

ޓީ-ސީރީސްއާއި ރިލަޔަންސް އެންޓަޓެއިންމެންޓް ގުޅިގެން ގެނެސްދޭ މިފިލްމު ހޮޓް ސްޓާގައި ރިލީޒްކުރުމަށް ނިންމާފައިވަނީ ކުރިޔަށް އޮތް ޖުލައި މަހުގެ ހަތެއްގައެވެ. މިފިލްމަކީ، ނެޝަނަލް ފިލްމު އެވޯޑްވެސް ލިބިފައިވާ ތެލުގޫ ޑައިރެކްޓަރު ސަންކަލްޕް ރެޑީގެ ޑައިރެކްޝަނެކެވެ.

ވިދުޔުތު ޖަމްވާލުގެ އިތުރުން އެކްޓަރު އަނޫޕަމް ޚޭރް މުހިއްމު ރޯލް ކުޅޭ މިފިލްމަކީ، 1971ވަނަ އަހަރުތެރޭ އިންޑިއާ އާއި ޕާކީސްތާނާ ދެމެދު ކުރިޔަށްދިޔަ ތާރީޚީ ހަނގުރާމައިގެ ވާހަކަތައް ކިޔައިދޭ ފިލްމެކެވެ. މިފިލްމުގައި ވިދުޔުތު ފެންނާނީ އިންޑިއާގެ އިންޓެލިޖެންސް ބިއުރޯ އެޖެންޓެއްގެގޮތުގައެވެ.

ޑައިރެކްޓަރު ސަންކަލްޕް ބުނެފައިވާގޮތުގައި އިންޑިއާގެ ތާރީޚުގައި ހިނގި އެންމެ ވަރުގަދަ ހަނގުރާމައިގެ ހަޤީޤަތް މިފިލްމުން ދައްކުވައިދޭނެއެވެ. އަދި ފިލްމު ހޮޓް ސްޓާގައި ޕްރިމިއާކުރުމާއެކު ފިލްމު ބެލުމުގެ ފުރުސަތު ލިބޭނެ މީހުންގެ ޢަދަދު އެތައް ގުނައަކަށް އިތުރުވާނެކަމަށް ޑައިރެކްޓަރު ސަންކަލްޕްވަނީ ބުނެފައެވެ.

ވިދުޔުތު ޖަމްވާލްއަކީ، އިންޑިއާގެ ޖައްމޫ-ކަޝްމީރަށް ނިސްބަތްވާ ފިލްމީ ތަރިއެކެވެ. އޭނާއަކީ އިންޑިއާގެ ސިފައިންގެ ދާއިރާގައި މަސައްކަތްކުރި ޢާއިލާއަކަށް އުފަންވި އެކްޓަރެކެވެ. ވިދުޔުތު ބުނެފައިވަނީ، ކުޑައިރުއްސުރެވެސް ބައްޕަގެ ފަރާތުން އިންޑިއާގެ ސިފައިންގެ ދިރިއުޅުމާބެހޭ ވަރަށްގިނަ ވާހަކަތައް އަޑުއިވިފައިވާކަމަށެވެ. އަދި އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްވި ގިނަ ބައެއްގެ ދިރިއުޅުން އޭރު ވަރަށް ގާތުން ފެނިފައިވުމާއެކު މިފިލްމުގެ ވާހަކަތައް ސްކްރީނަށް ގެނެސްދިނުމުގައި އޭނާއަށް ވަރަށް ބޮޑަށް ފަސޭހަވިކަމަށްވަނީ ބުނެފައެވެ.

ވިދުޔުތުގެ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރު ސިނަމާތަކަށްއައި "ޚުދާ ޙާފިޒު: ޗެޕްޓަ 2 – އަގްނީ ޕަރިކްޝާ"އިންނެވެ. ފިލްމު "އައިބާ71"ގެ އިތުރުން ވިދުޔަތުވަނީ "ޝޭރް ސިންގް ރަނާ" އަދި "ކްރެކް"ގެ ނަމުގައި އުފައްދާ ފިލްމަކަށް ސޮއިކޮށްފައެވެ.