ޓެލެވިޒަން އެކްޓަރު މޯހިތު މަލިކު ބޮލީވުޑަށް ނިކުންނަން ތައްޔާރުވެއްޖެއެވެ.

ޓީވީ ޑްރާމާ "ޑޯލީކީ އަރުމާން ކީ" އަދި "ކުލްފީ ކުމާރު ބަޖެވަލާ"އިން މަޤުބޫލުވި އެކްޓަރުގެ ފުރަތަމަ ފިލްމު ގެނެސްދޭނީ ޑައިރެކްޓަރު އަބީޝެކް ކަޕޫރެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ މިފިލްމުގައި މޯހިތުއާއެކު އަޖޭ ދޭވްގަން، ރަޝާ ތަޑާނީ އަދި އަޖޭއަށް ބޮޑު ބޭބެކިޔާ އަރުމާނު ދޭވްގަންގެ އިތުރުން ބަތަލާ ޑަޔާނާ ޕެންޓީ ފެންނާނެ ކަމަށެވެ. މިފިލްމަކީ، އަޖޭއަށް ބޮޑު ބޭބެކިޔާ އަރުމާނު ދޭވްގަންއާއެކު ބަތަލާ ރަވީނާ ޓަންޑަންގެ އަންހެން ދަރިފުޅު ރަޝާ ތަޑާނީ ބޮލީވުޑަށް ލޯންޗުކުރާ ފިލްމުވެސްމެއެވެ.

މޯހިތު ބޮލީވުޑަށް ނިކުންނަށް ތައްޔާރުވެފައިވާއިރު މިފިލްމާއެކު އިތުރު ތިން ފިލްމަކަށް މޯހިތު ސޮއިކޮށްފައިވާކަމަށްވެސް އިތުބާރުހުރި ފަރާތަކުންވަނީ އިންޑިއާގެ މީޑިއާތަކަށް މަޢުލޫމާތުދީފައެވެ. އެއީ އަބީޝެކް ކަޕޫރުގެ ޕްރޮޑަކްޝަން ހައުސްގެ ތިން ފިލްމުކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއް ނުވެއެވެ.

އަބީޝެކް ކަޕޫރުގެ މަގުބޫލު ފިލްމުތަކުގެތެރޭގައި، 2013ވަނަ އަހަރު އެކްޓަރު ސުޝާންތު ސިންގާ ރާޖުޕުތު ހިންދީ ސިނަމާއަށް ތަޢާރަފްވި ފިލްމު "ކައި ޕޯޗޭ"، "ރޮކް އޮން"، "ރޮކް އޮން 2" އަދި ބަތަލާ ސާރާ ޢަލީ ޚާން ބޮލީވުޑަށް ނެރުނު ފިލްމު "ކެދަރުނާތު" ހިމެނެއެވެ. ފިލްމު "ކެދަރުނާތު"ގައި ސާރާއާއެކު ލީޑް ރޯލް ކުޅެފައިވަނީވެސް ކުރީގެ އެކްޓަރު ސުޝާންތު ސިންގު ރާޖުޕުތުއެވެ.

މޯހިތުގެ އާ ފިލްމާބެހޭ ތަފުސީލު ވަރަށް އަވަހަށް އާއްމުންނާ ހިއްސާކުރާނެކަމަށް ޕްރޮޑަކްޝަން ހައުސްއިންވަނީ ބުނެފައެވެ. ޓީވީ ސިލްސިލާތަކުގެ އިތުރުން ރޯހިތުވަނީ ޓީވީ ރިއަލިޓީ ޝޯވްތަކާއި ވެބް ސީރީސްތަކުގައިވެސް މުހިއްމު ދައުރެއް އަދާކޮށްފައެވެ. އޭގެތެރޭގައި ވެބް ޝޯވް "ސައިބަވާރު" އަދި ކަލަސް އިން ދެއްކި "ޚަތުރޯން ކޭ ކިލާޅީ" ހިމެނެއެވެ.