ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށް ފަހު އެމަނިކުފާނު އުޅުއްވި ގެކޮޅު "މުރައިދޫގެ"އިން ނުކުމެ ވަޑައިގެން އަނބުރާ އާއިލީ ގެކޮޅު ގ. ކެނެރީގެއަށް ބަދަލުވެ ވަޑައިގެންފިއެވެ.

ކެނެރީގެއަށް ވަޑައިގަންނަވާނޭކަމަށް މީގެ ކުރިން ވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. އެގޮތުން ނޫސްވެރިންނާ ބައްދަލަކުރައްވާ ނަޝީދު ވިދާޅުވީ، އެމަނިކުފާނު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް މުއްދަތު ހަމަވުމުން މުރައިދޫގެއިން ނުކުމެވަޑައިގަންނަވާނެ ކަމަށެވެ.

މުރައިދޫގެއަކީ އެމަނިކުފާނު މާ ހިތްޕުޅާ ވެވަޑައިގަންނަވާ ގެކޮޅެއް ނޫން ކަމަށާއި، މާލޭގައި ދިރިއުޅުއްވާނެ ގެކޮޅު އެބަ ހުރި ކަމަށް ވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ 54 މެންބަރުންގެ ސޮޔާ އެކުއެވެ. އެ މައްސަލައިގައި އެ މަނިކުފާނަށް ނޯޓިސް ފޮނުވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެ މައްސަލަ ހުށަހަޅާފައިވީ ނަމަވެސް އެޖެންޑާ ކުރެވޭނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.