މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުން މަޑުޖައްސައިލަން ނެރުނު އަމަރު ސިވިލް ކޯޓުން ދެމެހެއްޓުމާ ގުޅިގެން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި މި ވަގުތު އެއްވެސް ހުރަހެއް ނެތް ކަމަށް އެ ޕާޓީން ބުނެފިއެވެ.

ސިވިލް ކޯޓުގެ ނިންމުމާ ގުޅިގެން އެމްއާރްއެމްއިން ނެރުނު ބަޔާނެއްގައި ވަނީ އެ ޕާޓީ އުވާލަން ނިންމި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކުރުމަކީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ކުރި ކަމެއް ކަމަށް ޝައްކު ކުރެވޭ ގޮތަކަށް ހިންގި ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

އީސީގެ މި ނިންމުމުގެ ސަބަބުން ޕާޓީއަށް ނުހަނު ގެއްލުން ވަމުންދާ ކަން ފާހަގަކޮށް ބަޔާނުގައި އިތުރަށް ވަނީ، އެ ޕާޓީއަކީ މިހާރު ވުޖޫދުގައި ނެތް ޕާޓީއެއް ކަމަށް ދެކެވި، ޕާޓީގެ މެންބަރުން އެހެން ޕާޓީތަކަށް ސޮއި ކުރުމާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވަމުން ދިޔަ ތައްޔާރީ ތަކަށް ވެސް ހުރަސް އެޅިފައިވާ ކަމަށެވެ.

މީގެ އިތުރުން އީސީން ގާނޫނުއަސާސީއާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ރޫހާއި ޚިލާފަށް ކަމަށް މަސައްކަތްކުރާ ކަމަށް ވެސް އެމްއާރްއެމްއިން ވަނީ ތުހުމަތުކޮށްފައެވެ. އަދި އީސީގެ މި އަމަލުތަކުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ އިންސާފުވެރިވާނެ ކަމުގެ އުންމީދު ކުޑަވެ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެމްއާރްއެމްއިން ވަނީ އެ ހުރިހާ ގޮންޖެހުންތަކަކާއެކު ވެސް ޒިންމާދާރު ފުރިހަމަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިސްލާހަށް މަސައްކަތް ކުރުމުގައި ފަސްޖެހުމެއް ނެތި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދީފައިއެވެ.

އީސީން އެމްއާރްއެމް އުވާލަން ނިންމީ ޕާޓީއެއް ރަޖިސްޓްރީ ކުރަން ބޭނުންވާ އަދަދު ކަމުގައިވާ 3،000 މެންބަރުން ހަމަނުވާތީއެވެ. އީސީގެ ނިންމުމަށް އަމަލުކުރުން ފަސް ކުރަން ސިވިލް ކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ އަމުރެއް ނެރެފައެވެ.

ސިވިލް ކޯޓުގެ އަމުރު މުރާޖައާ ކޮށްދިނުމަށް އެ ކޮމިޝަންގެ ފަރާތުން ހުށަހެޅުމުން ޤައިރު ހާޒިރުގައި އަމުރު ނެރެދިނުމަށް ހުރަސްއެޅޭ ފަދަ ހަގީގަތެއް އެމްއާރުއެމްގެ ފަރާތުން ހާމަނުކޮށް އޮތްކަން އީސީއަށް ބަޔާންކޮށްދެވިފައި ނެތް ކަމަށް ކޯޓުން ވަނީ ބުނެފައެވެ. އެހެންކަމުން، ޝަރީއަތުން ވަކި ގޮތެއް އަންގަންދެން، އީސީން އެމްއާރުއެމް އުވާލަން ނިންމި ނިންމުމަށް އަމަލެއް ނުކުރެވޭނެއެވެ.