24 Jun 2023, 21:21
ހުޅުމާލޭ ފްލެޓްތަކުގެ ކުލި މާފުކޮށްދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޤާސިމް އިބްރާހީމް ވައުދުވެ ވަޑައިގެންފިއެވެ.
ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ބޭއްވި ޖުމްހޫރީ ޕާޓޫގެ 158ވަނަ ކައުންސިލް ބައްދަލުވުމުގެ ރިޔާސަތުގައި އިންނަވާ ޤާސިމް ވިދާޅުވީ، މާލޭ ސަރަހައްދުން އެއްބަޔަކަށް ގޯތި ވިއްކާއިރު، އަނެއް ބަޔަކަށް ގޯތި ހިލޭ ބަހަނީ ކަމަށެވެ. މިކަމުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދަވަމުން ޤާސިމް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ހުޅުމާލޭގައި ދީފައި ހުރި ފްލެޓުތަކުގެ ކުލި އެއްކޮށް މާފުކޮށްދޭނެ ކަމަށެވެ.
ނަމަވެސް، މިކަމުގެ ތަފްސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ. އަދި އެ ވާހަކަ ނިސްބަތް ކުރެއްވީ ހުޅުމާލޭގެ ކޮން ފްލެޓުތަކަކަށް ކަމަށް ވެސް ވިދާޅެއް ނުވެއެވެ.
ޤާސިމް މިހެން ވައުދުވެޑައިގެންފައިވާއިރު، ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވަނީ ހިޔާ ފްލެޓުގެ ކުލި 4000 ރުފިޔާއަށް ކުޑަ ކޮށްދޭނެކަމަށް ވައުދުވެ ވަޑައިގެންފައެވެ.
ހިޔާ ފްލެޓުގެ ކުލީގެ ގޮތުގައި މި ސަރުކާރުން ފުރަތަމަ ކަނޑައައެޅީ 7500 ރުފިޔާއެވެ. ނަމަވެސް، މި އަގު ބޮޑުވެގެންނާއި ފްލެޓުތަކުގެ ފިނިޝިންއަށް ބޮޑު ޚަރަދެއް ކުރަން ޖެހި މީޙުން ޝަކުވާ ކުރާތީ ސަރުކާރުން ވަނީ ފްލެޓުގެ ކުލި ދައްކާ މުއްދަތަށް ހަތް އަހަރު އިތުރުކޮށް އެ މުއްްދަތުގެ ތެރޭގައި ކުއްޔަކީ 5300 ރުފިޔާ ކަމަށް ނިންމާފައެވެ.
ހިޔާ ފްލެޓުތަކުގެ ކުލީގެ އިތުރުން މެއިންޓެއިނަންސްއަށް 1000 ރުފިޔާ ދައްކަން ޖެހެއެވެ.