24 Jun 2023, 19:54
ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވުމުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ނަންގަވަން ޖެހޭނެ ކަމަށާއި އެއީ އެމަނިކުފާނުގެ ޕާޓީން ކުރެއްވި ކަމެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ޖުމްހޫރީ ޕާޓޫގެ 158ވަނަ ކައުންސިލް ބައްދަލުވުމުގެ ރިއާސަތުގައި އިންނަވާ ޤާސިމް ވަނީ މަޖިލީހުގައި މަރުތަޅު އެޅުވުމާ ގުޅިގެން ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން ޤާސިމް ވިދާޅުވީ، ސުޕްރީމް ކޯޓުގައި ތަޅު އެޅުވި މަންޒަރު މީގެ ކުރިން ފެނިފައި ވާކަމަށެވެ. ނަމަވެސް މިއަދު ފެންނަނީ ދައުލަތުގެ ތިން ބާރު ތެރެއިން އެއް ބާރު އެ ވަނީ ތަޅުލާފައި ކަމަށް މަޖިލީހުގެ ޖަލްސާތައް ނުބޭއްވުނު މައްސަލަައިގައި އޭނާ ވިދާޅުވިއެވެ. އަދި ގާނޫނީ ހުސްކަމެއްގެ ތެރެއަށް މިހާރު ނުވަންނަ ތަނެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮބާތޯ ދައުލަތުގެ ވެރިޔާ ކުރެއްވި ކަމަކީ؟ ކޮބާތޯ ސަރުކާރުގެ ވެރިޔާ ކުރައްވާ ކަންތައްތައް؟ ގާނޫނު އަސާސީގެ 115ވަނަ މާއްދާގައެއް ނެތްތޯ ބާރު ދީފައެއް؟ އަދި އެ ނޫން މާއްދާތައް ކޮބައިތޯ؟" ގާސިމް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބުރައީސް ވަކިކުރަން ހުށަހެޅި މައްސަލައިގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އަމަލުކުރި ގޮތަށް ފާޑުވިދާޅުވަމުން، ޤާސިމް ވަނީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ އެއްކޮށް މަޖިލީހަށް ވައްދާއިރު ވާނެ ގޮތް އެމްޑީޕީ މެމްބަރުންނަށް އެނގި ނުލައްވަނީތޯ ސުވާލު އުފައްދަވާފައެވެ.
"ގާނޫނު އަސާސީ ނުބަލާތަ ތިތިބީ؟ ދެން ގާނޫނު އަސާސީއާ އެއްގޮތައް ގަވާއިދުތައް ނުބެލިތަ ހުރީ،" ޤާސިމް ވިދާޅުވިއެވެ.
މިއީ ވަރަށް ބޮޑު މައްސަލައެއްކަން ފާހަގަކޮށް ޤާސިމް ވިދާޅުވީ، މި ސަރުކާރުން ދައްކަވަނީ ރަނގަޅު މިސާލެއް ނޫންކަމެއް ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރަން މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 23 ވަނަ ދުވަހެވެ. އަދި އެއަށް ފަހު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މި މަހުގެ 7 ވަނަ ދުވަހެވެ.