24 Jun 2023, 20:48
މަދީނާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނާ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްދަލު ކުރައްވައިފިއެވެ.
ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢުދީ އަރަބިއްޔާއަށް ވަޑައިގެން އުޅުއްވަމުން ރާއްޖޭގެ ދަރިވަރުންނާއި ނައިބު ރައީސް ބައްދަލުކުރެއްވި އިރު އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލު ކުރެއްވުމުގައި ނައިބު ރައީސް ވަނީ ދަރިވަރުންގެ ކިޔެވުމުގެ ކަންކަން ކުރިއަށްދާގޮތާއި ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުއްވާފައެވެ.

މަދީނާގައި ކިޔަވަން ތިބޭ ދަރިވަރުންނާ ނައިބު ރައީސް ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ނައިބު ރައީސް ހައްޖަށް ވަޑައިގެން އުޅުއްވަނީ ދިވެހި ޙައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށް ޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވުމުންނެވެ. އެމަނިކުފާނު ސައުދީ އަރަބިއްޔާއަށް ފުރާ ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑުއެވެ.
ރާއްޖޭން ޙައްޖަށް މީހުން ގެންދިއުމަށް މި އަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. ރާއްޖެއަށް ލިބިފައިވާ ކޯޓާތަކުގެ ތެރެއިން ޙައްޖަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ތިން ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުސަތެވެ. ބާކީ ކޯޓާތަކުގައި މީހުން ގެންދިޔައީ ހައްޖު ކޯޕަރޭޝަނުންނެވެ.