އާޖެންޓީނާ ތަރި ލިއޮނެލް މެސީއާއެކު ބާސެލޯނާގެ ސްޕެއިން މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ވެސް އެމެރިކާގެ އިންޓަ މަޔާމީއަށް ސޮއިކޮށްފިއެވެ.

އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ އިންޓަ މަޔާމީއަށް ބުސްކެޓް ސޮއިކޮށްފައިވާކަން އެ ކްލަބުން ވެސް ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. އިންޓަ މަޔާމީއާ ބުސްކެޓްސް ގުޅިފައި މިވަނީ ސައުދީ އަރަބިއާގެ ކްލަބުތަކުން އޭނާ ހޯދުމަށް ބޮޑެތި އަގުތަކެއް ހުށަހަޅާފައިވަނިކޮށެވެ.

ބުސްކެޓްސް ވަނީ ބާސާގައި 15 އަހަރު ހޭދަކޮށްފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ނުވަ ސީޒަނެއްގެ ސްޕެނިސް ލަލީގާ އާއި ހަތް ކޮޕާ ޑެލްރޭ އަދި ތިން ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ސްޕެއިން ގައުމީ ޓީމާއެކު ވޯލްޑް ކަޕް 2010 އަދި ޔޫރޯ 2012 ވެސް ކާމިޔާބުކޮށްފައެވެ.

އިންޓަ މަޔާމީން މެސީގެ ސޮއި ހޯދާފައިވަނީ އެޑިޑާސް އާއި އެޕަލްގެ އެހީތެރިކަމާއެކުއެވެ. އެ ދެ ކުންފުނިން ވަނީ ފައިދާގެ ހިއްސާއެއް މެސީއަށް ދިނުމަށް އެއްބަސްވެފައެވެ. އޭގެ އިތުރުން ކުރިމަގުގައި އޭނާއަށް އިންޓަ މަޔާމީން ވެސް ހިއްސާއެއް ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމްއެލްއެސްގެ ވެސްޓާން ކޮންފަރެންސްގައި އިންޓަ މަޔާމީ މިވަގުތު އޮތީ 13 ވަނައިގައެވެ. އެ ލީގުގައި ވާދަކުރަނީ 14 ކްލަބެކެވެ. އެހެންކަމުން ލީގު ތާވަލުގެ ކުރިއަށް އިންޓަ މަޔާމީ ގެންދިއުމަށް މެސީ އާއި ބުސްކެޓްސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ.