01 May 2012, 10:46
ހަރަދަތައް ބޮޑުވެ، ދެކޮޅު ނުޖެހޭ ކަމަށް ބުނެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށްދިނުމަށް އެދި މެނޭޖްމެންޓަށް ހުށަހެޅި ޕެޓިޝަނާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ މަސައްކަތް ހުއްޓާލުމަށް ފަހު ފެލިވަރުގެ މުވައްޒަފުން މިއަދު ހެނދުނުން ފެށިގެން މުޒާހަރާ ކުރަންފަށައިފި އެވެ.
މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ފެލިވަރުގެ މުވައްޒަފަކު ބުނީ 250 މުވައްޒަފަކު ސޮއިކޮށް މިދިޔަ މަހު 12 ވަނަ ދުވަހު ފެލިވަރުގެ މެނޭޖުމަންޓަށް ހުށަހެޅި ޕެޓިޝަނަށް މި ދިޔަ މަހު 25 ވަނަ ދުވަހުގެ ކުރިން ޖަވާބެއް ދިނުމަށް އެދިފައިވީ ނަމަވެސް އަދި ވެސް ޖަވާބެއް ދީފައިނުވާ ކަމަށެވެ.
އޭނާ ބުނީ އެކިއެކި ޝުއޫރުތައް ހިމެނޭ ބެނާތައް ހިފައިގެން މުޒާހަރާ ކުރަމުންދާ މީހުން ގޮވަމުން ދަނީ ޕެޓިޝަންގައި ހުށަހަޅާފައިވާ ކަންތައްތަކަށް އިޖާބަދީ އެކަންތައްތައް ކޮށްދިނުމަށް ކަމަށާއި މެނޭޖްމަންޓުން އެކަންތައްތަކަށް އިޖާބަ ނުދޭ ނަމަ ސިލްސިލާކޮށް މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
"މަސައްކަތް ހުއްޓާލުމަށް ފަހު 200 ވަރަށް މުވައްޒަފުން މުޒާހަރާ މިކުރަނީ. އަޅުގަނޑުމެން މިއަދު މިގޮވާލަނީ މުވައްޒަފުން ހުށަހަޅާފައިވާ ޕެޓިޝަންގައި ހުށަހަޅާފައިވާ ކަންތައްތަކަށް އިޖާބަދެއްވައި އެކަންތައް ކޮށްދެއްވާށޭ. ކިތަންމެ ދުވަހެއްގައި މުޒާހަރާ ކުރަން ޖެހުނަސް ޕެޓިޝަންގައިވާ ކަންތައްތަކަށް އިޖާބަ ނުދެއްވަންޏާ މުޒާހަރާތައް ހުއްޓާނުލާ ކުރިއަށް ގެންދާނަން،" އޭނާ ބުންޏެވެ.
ފެލިވަރު ހިންގުމާ ހަވާލުވެހުންނެވި ޑެޕިއުޓީ ޖެނެރަލް މެނޭޖާ މުހައްމަދު ވަހީދު މިއަދު ވިދާޅުވީ މުވައްޒަފުން ހުށަހަޅާފައިވާ ޕެޓިޝަންގައިވާ ބައެއް ކަންތައްތަކަށް އަމަލީ ސިފަ ގެނެވޭނީ އެ ކުންފުނީގެ ބޯޑަކާއި މެނޭޖިން ޑިރެކްޓަރަކު އައްޔަން ކުރެވިގެން ކަމަށެވެ. އަދި ވިދާޅުވީ ކުންފުނީގެ ބޯޑު އެކުލަވާނުލެވެނީސް މުވައްޒަފުންގެ ހުރިހާ ޑިމާންޑްތަކަށް އިޖާބަ ނުދެވޭނެކަން މުވައްޒަފުންނަށް މިހާރު އަންގާފައިވާ ކަމަށެވެ.
"ހަގީގަތަކީ ފެލިވަރުގެ ބޯޑެއް މިވަގުތަކު ނެތް. މެނޭޖިން ޑިރެކްޓަރެއް ވެސް ނެތް. އެބޭފުޅުންގެ އެއްބައި ޖަވާބުތަކަށް އަމަލީ ސިފަގެނެވޭނީ ފެލިވަރުގެ ބޯޑަކާއި މެނޭޖިން ޑިރެކްޓަރަކު އައްޔަން ކުރެވިގެން. އެބޭފުޅުން އައްޔަން ނުކުރެވޭހާ ހިނދަކު މުވައްޒަފުންގެ ހުރިހާ ޑިމާންޑްތަކަށް އިޖާބައެއް ނުދެވޭނެ. ޖަވާބެއް ވެސް ނުދެވޭނެ،" ވަހީދު ވިދާޅުވި އެވެ.