06 Aug 2010, 09:58
14:30
ފަނޑިޔާރުން ދާއިމީކުރުމަށްޓަކައި ޖުޑީޝަލް ސަރވިސަސް ކޮމިޝަނުން ނިންމާފައިވާ ކަންތައްތަކާބެހޭ ގޮތުން އ.ދ ގެ ސްޕެޝަލް ރެފަޓުއަރ އޮން އިންޑްޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔަރސް ގެބްރިއެލާ ނައުލް ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފަނޑިޔާރުން ދާއިމީކުރުމާ ގުޅޭ ގޮތުން ގެބްރިއެލާ ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ ދިވެހި ސަރުކާރަށް ފޮނުއްވި ސިޓީފުޅެއްގައި ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެ އެވެ.
ސަރުކާރަށް ފޮނުއްވާފައިވާ އެ ސިޓީފުޅުގައި ފަނޑިޔާރުގޭގެ މުސްތަޤިއްލުކަން ދެމެހެއްޓުމަށްޓަކައި ގައުމުތަކުން އަމަލުކުރަންޖެހޭ ބައިނަލްއަޤްވާމީ އުސޫލުތަކަށް އިޝާރާތްކުރައްވައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް އިލްތިމާސްކުރައްވާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ދިވެހި ސަރުކާރުގެ ދަޢުވަތަކަށް އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓިސް ނުވަތަ އައި.ސީ.ޖޭގެ ފަރާތުން ވަފުދެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ. އެގޮތުން މި މިވަފުދުގެ ބޭނުމަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް މިނިވަންކަމާއި ތެދުވެރިކަމާއި ޤާބިލްކަމާއި އަދި ތަމްރީނު ލިބިފައިވާ ޢަދުލު އިންސާފުގެ ދާއިރާއެއް ރާއްޖޭގައި ޤާއިމްކުރުމުގައި ސަރުކާރަށާއި ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށް، އެހީތެރިކަންފޯރުކޮށްދިނުން ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.