އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓަށް މެންޗެސްޓާ ޔުނައިޓެޑުން ހުށަހެޅި ތިންވަނަ ބިޑު ވެސް ޗެލްސީން ގަބޫލުނުކޮށް ދޫކޮށްލައިފިއެވެ.

ޔުނައިޓެޑުން ތިންވަނަ ފަހަރަށް މައުންޓަށް ބިޑު ކޮށްފައިވަނީ އެ ކްލަބުން ހުށަހެޅި ފުރަތަމަ ދެ ބިޑު ވެސް ޗެލްސީން ގަބޫލުކޮށްފައި ނުވުމުންނެވެ. ޗެލްސީން އެންމެ ފަހުން ބިޑުކޮށްފައިވަނީ މައުންޓަށް 55 މިލިއަން ޕައުންޑް (69.8 މިލިއަން ޑޮލަރު)ގެ އަގެކެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ޗެލްސީން ޔުނައިޓެޑުގެ ތިންވަނަ ބިޑު ގަބޫލުނުކޮށް ދޫކޮށްލައި، މައުންޓަށް ބޭނުންވަނީ 58 މިލިއަން ޕައުންޑާއެކު ހަތް މިލިއަން ޕައުންޑުގެ އަގެއްކަން ވަނީ އަންގައިފައެވެ. އަދި އެކަމާ ގުޅޭގޮތުން އިތުރަށް މަޝްވަރާކުރުމަށް ދެ ކްލަބުން ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މައުންޓް ހޯދުމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް މަސައްކަތްކުރަމުންދަނީ އެ ކްލަބުގެ މިޑްފީލްޑް އިތުރަށް ވަރުގަދަކުރުމުގެ ގޮތުންނެވެ. އެހެންކަމުން ޔުނައިޓެޑުން ކުރިން ހުށަހެޅި ބިޑުތައް ޗެލްސީން ގަބޫލުކޮށްފައިނުވި ނަމަވެސް، ބޮޑު އަގެއް ދީގެން ވިޔަސް މައުންޓް ހޯދުމަށް ޔުނައިޓެޑުން ބޭނުންވެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޗެލްސީން މައުންޓް ވިއްކާލަން ބޭނުންވި ނަމަވެސް، އެ ކަލްބުން މަޑުކުރަނީ އެންމެ ރަނގަޅު ހުށަހެޅުމެއް ލިބެންދެނެވެ. އަނެއްކޮޅުން ޗެލްސީން މައުންޓްގެ ބަދަލުގައި ބޭނުންވަނީ ބްރައިޓަންގެ މިޑްފީލްޑަރު މޮއިސެސް ކައިސޭޑޯއެވެ. ޗެލްސީން އޭނާ ހޯދުމަށް 80 މިލިއަން ޕައުންޑު ހަރަދުކުރަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.