24 Jun 2023, 12:46
ކޮޓަރީގެ ދޮރާއި ހަމައަށް އެރުމަށްފަހު ފިޒާލް އޭނާގެ އަތްދަނޑި މައްޗަށް ލަޔާލް އުފުލާލިއެވެ. އަދި ލަޔާލްގެ މޫނުން ނަޒަރު ވަކިކޮށްލުމެއް ނެތި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ހުޅުވިގެންދިޔަ ދޮރާއިއެކު ފެނުނު މަންޒަރުން ލަޔާލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އިސާހިތަކު ފިޒާލްގެ ގައިގައި އޭނާއަށް ބާރަށް ހިފަހައްޓާލެވުނެވެ. ލަޔާލަށް ވީގޮތްފެނި ފިޒާލް ވެސް ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އެއާއިއެކު ފިޒާލްއަށް ވެސް ވީ ލަޔާލަށް ވީވަރެވެ.
*********
"މަޑުކުރައްޗޭ!..." ލަޔާލް ތިރީގައި ބެހެއްޓުމަށްފަހު ފިޒާލް ކޮޓަރިއަށް ވަނެވެ.
"ޔޫ އާ އޮންލީ މައިން..." ފާރުގައި ރަތްކުލައިން ލިޔެފައިވާ ލިޔުންކޮޅު ލަޔާލަށް ތަކުރާރުކޮށް ކިޔާލެވުނެވެ.
ބައެއް އަކުރުތަކުގެ ކުލަ ހުރީ ލޭ ފަދައިން ތިރިއަށް ފޭދިގެން ގޮސްފައެވެ. ތަށިމުށިތަކުގެ މަތީގައިވެސް ލޭ ފަދައިން ކުލައިގެ އަސަރު ފެންނަން ހުއްޓެވެ. އެއީ އިންޒާރެކެވެ. ބަލައިލަން ބިރުވެރި މަންޒަރެކެވެ.
"މީ ކާކު ކޮށްފަ ހުރި ކަމެއްބާ؟...." ފުން ވިސްނުމަކަށް ގެއްލިފައި ހުރެ ފިޒާލް ބުނެލިއެވެ.
"އާލް..." ލަޔާލްގެ ހިތަށް ފުރަތަމަ ވެސް އައީ އަކިއަލްގެ ނަމެވެ.
ލަޔާލްގެ ދެއަތް މުށްކެވުނެވެ. އިންޒާރު ދޭން އަކިއަލްއަށް އެނޫން މަގެއް ނުފެނުނީ ހެއްޔެވެ؟ އޭނާ ދަންނަ އަކިއަލްއަކީ އެފަދަ ކަމެއް ކުރާނެ މީހެއް ކަމަށްވެސް ލަޔާލަށް ގަބޫލެއް ނުކުރެވުނެވެ. އެ ހުރިހާ ކަމަކާއިއެކު، ލަޔާލް އަކިއަލްދެކެ އިތުރަށް ފޫހިވިއެވެ.
"އެނގިއްޖެއޭ މިވީގޮތެއް..." ފިޒާލް އެހެން ބުނުމާއިއެކު ލަޔާލް ދިޔައީ ސިއްސައިގެންނެވެ. އެކަން ކުރީ އަކިއަލް ކަން އެނގިއްޖެނަމަ، ދެން ވާނީ ކިހިނެއް ހެއްޔެވެ؟
"ޑޯންޓް ވޮރީ ބިއުޓިފުލް.... މަށަށް ޔަގީނޭ މީ އެއުޅޭ އާލްގެ ކަމެއްކަން...." ފިޒާލް ޖަހައިލީ ލުއި ހިނިގަނޑެކެވެ.
ހަގީގަތަކީ، ފިޒާލްވެސް ހުރީ ނުތަނަވަސްވެފައި ކަމެވެ. ލަޔާލް ގެއަށް އައި ފުރަތަމަ ދުވަހު އެފަދަ ކަމެއް ދިމާވާކަށް ފިޒާލް ބޭނުމެއް ނުވެއެވެ. އަކިއަލްއަކީ ކުރިން އެފަދަ ސަމާސާއެއް ކުރި މީހެއް ނޫނެވެ. ފިޒާލް ހުރީ ސުވާލު އުފެދިފައެވެ. ހަމައެއާއިއެކު، ހިތްހަމަވެސް ނުޖެހިފައެވެ.
"އަހަންނަށް ޝައްކުވިޔޭ ޕާޓީތެރޭގަ ހުރެފަ ދިޔަގޮތުން މިކަހަލަ ކަމެއް ކުރަންހެން ދިޔައީ.... ވަރަށް ލާނެތްވާނެ...." ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރަމުން، ފިޒާލް ވާހަކަ ދެއްކިއެވެ. "ކުލަކޮޅެއް ހާކާލީމަ އޯކޭވާނެ.... ވަރަށް ބިރުންތަ ތިހުރީ؟...."
ލަޔާލްގެ މޫނުން ފެނުނު ސިހުމާއި ބިރު ފެނި، ފިޒާލްގެ ހިތަށް ތަދުވިއެވެ. އެ ނުތަނަވަސްކަން ދުރުކޮށްދޭން އޭނާ ބޭނުންވިއެވެ. ލަޔާލްގެ ސަމާލުކަން ހޯދުމަށް ފިޒާލް ކުރީ ލާނެތް ސަމާސާއެކެވެ. ލަޔާލްގެ އަތުގައި ހިފައި ދަމާލުމަށްފަހު، މޭގައި ލައްކޮށްލިއެވެ.
ފިޒާލް އާއި އެހާ ގާތުގައި ހުންނަން ޖެހުމުން ލަޔާލް ހުރީ ނޭވާލާންވެސް ނުކެރިފައެވެ. ފިޒާލްގެ ހިތުގެ ތެޅުން އަވަސްވެފައިވާވަރު، ލަޔާލަށް އިހުސާސް ކުރެވުނެވެ.
"އަދިވެސް ބިރުންތަ؟...." ލަޔާލްގެ ދަތްދޮޅީގައި ހިފައި އުފުލާލަމުން ފިޒާލް އަހައިލިއެވެ.
އެއަޑުގައިވި މަސްތުކަމުން ލަޔާލްގެ ގައިގައިވާ ހުރިހާ ލޯލިތަކެއް ކޮޅަށްޖެހިގެން ދިޔައެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ހޭދަވީ މަދު ސިކުންތުކޮޅެކެވެ. ފިޒާލް ގުދުވެލުމާއިއެކު، ލަޔާލަށް ދެލޯ މަރާލެވުނެވެ.
"އައި ލަވް ޔޫ..." ލަޔާލްގެ ކަންފަތް ކައިރީގައި ވައި އަޑުން ފިޒާލް ބުނެލިއެވެ.
މީހެއްގެ ހިލަމެއް ވީހެން ހީވުމާއިއެކު ލަޔާލަށް ލޯހުޅުވާލެވުނެވެ. ކޮޓަރި ދޮރުމަތީގައި ހުރީ އަކިއަލްއެވެ. އޭނާ ހުރީ، ކުރިންވެސް ލަޔާލާއި ބައްދަލުވީއިރު، ހުރިގޮތަށް ހަމައެކަނި ސޯޓުކޮޅުގައެވެ. އެ ދެލޮލުގައި އަނދަމުންދިޔައީ ނަފުރަތުގެ އަލިފާނެވެ. އެއީ އޭގެ ކުރިން ދުވަހަކުވެސް އަކިއަލްގެ ދެލޮލުން ފެނުނު އަސަރެއް ނޫނެވެ. ލަޔާލް ސިހިފައި ފިޒާލްގެ ކައިރިން ދުރަށްދެވުނީ ބިރެއް ފެނުމުން ދުރަށްދާ ފަދައިންނެވެ.
"ކިހިނެއްވީ؟...." ފިޒާލް ހުރީ ލަޔާލްގެ ދެލޮލަށް ބަލަހައްޓައިގެންނެވެ.
ދޮރަށް ފުރަގަސްދީގެން ހުރުމުން ދޮރުމަތީގައި އަކިއަލް ހުރިކަމެއް ފިޒާލަކަށް ނޭނގެއެވެ. އެ މަންޒަރު ފިޒާލަށް ފެނިދާނެތީ ލަޔާލް މާ ބިރުގަތެވެ. ހަގީގަތް އެނގުމުން ފިޒާލަށް ވާނީ ކިހިނެއް ހެއްޔެވެ؟ ލަޔާލަށް ކުރި އިތުބާރުވެސް ގެއްލިގެން ނުދާނެކަމެއް ނޭނގެއެވެ.
ފިޒާލަށް ނޭނގޭނެހެން ލަޔާލް އަކިއަލް އާއި ދިމާއަށް ދެލޯ ހަނިކޮށްލިއެވެ. އެތަނުން ދިޔުމަށް އެދުނެވެ. އަކިއަލް ހުރިތަނުން ގުޑިވެސް ނުލިއެވެ. ލަޔާލް ކުށްވެރިކުރާފަދަ ނަޒަރަކުން ބަލަން ހުރީއެވެ.
"މި...މި... މިތާ މަޑުކުރައްޗޭ ވަރަށް އަވަހަށް އެބަ އަންނަން... ދޮރު ލައްޕާފަ..." ލަޔާލަށް ވާހަކަ ދެއްކުނީ ހުއްޓަމުން ކަހަލަ ގޮތަކަށެވެ.
ފިޒާލްގެ ތުންފަތަށް ވެރިވީ މާނަ ފުން ހިނިތުންވުމެކެވެ. ލަޔާލްގެ އެ އަމަލުން އޭނާއަށް ނެގުނީ މުޅީން އެހެން މާނައެކެވެ.
ލަޔާލް އަވަސްވެގަތީ ދޮރު ލެއްޕުމަށެވެ. އޭރުވެސް ޖެހިބުދެއްހެން އަކިއަލް ހުއްޓެވެ. ތެޅެމުންދިޔަ ހިތަކާއިއެކު، ދޮރު ލެއްޕުމަށް ލަޔާލް ތަޅުގައި ހިފައިލިއެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. އަކިއަލް ޖެހިލުންކުޑައެވެ. ވަގުތުން ދޮރުގައި ހިފެހެއްޓިއެވެ. އެވަރުން ނިމުނީކީ ނޫނެވެ. ލަޔާލްގެ އަތުގައިވެސް ހިފެހެއްޓިއެވެ. ލަޔާލަށް ފަސްއެނބުރި ފިޒާލާއި ދިމާއަށް ބަލައިލެވުނެވެ. ފިޒާލް އެނބުރި ބަލައިނުލިކަން އެއީ ލަޔާލްގެ ނަސީބެވެ.
"މޮޔަވީތަ؟..." ލަޔާލް ވާހަކަދެއްކީ ވައިއަޑުންނެވެ.
އަކިއަލްގެ އަތްދަށުން މިނިވަންވާން ލަޔާލް މަސައްކަތް ކުރިއެވެ. ގަދަ ހަދަމުން ދިޔަ ވަރަކަށް އަކިއަލްގެ ބާރުގަދަ އަތުގެ ތެރޭގައި ލަޔާލް އިތުރަށް ގައިދުކޮށްލިއެވެ. ލަޔާލް ގެންގޮސް އޭނާގެ ތަނަވަސް މޭގައި ޖައްސައިލީ، ލަޔާލް އެކަމަށް އިންކާރު ކުރަމުން ދަނިކޮށެވެ.
އަކިއަލްއަށް އެފަދަ ކަމެއް ކުރަން ކެރޭނީ ވަރަށް ޖެހިލުންކުޑަވީމައެވެ. ހާއްސަކޮށް ފިޒާލް ފެންނަ ހިސާބުގައި ހުއްޓައެވެ. ލަޔާލްގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އަމިއްލަ ބޭބެގެ އަނބިމީހާއަށް އެފަދަ ދަށު ދަރަޖައަކަށް އަމަލުކުރަން ކެރޭނީ ކިހާ ގޮތެއް ފޮތެއް ނެތް މީހަކަށް ހެއްޔެވެ؟ ލަޔާލަށް ލޯބިވެވުނީ އެފަދަ ނުބައި އިންސާނަކުދެކެ ހެއްޔެވެ؟
"ދޮރު ލައްޕަން ހާދަ އިރެކޭ...." ވާހަކަ ދައްކަމުން ފިޒާލް އެނބުރުނެވެ.
ލަޔާލް ނަގާ ހިއްލާލަމުން، އަކިއަލްގެ ކޮނޑުމައްޗަށް ލިއެވެ. އަކިއަލް ހުށިޔާރެވެ. ފިޒާލް އެނބުރުމުގެ ކުރިން އޭނާ ދޮރުމަތިން ދުރަށް ދިޔައެވެ. ގެއިން ބޭރަށް ނުކުތުމަށް އޭނާ ހިނގައިގަތީ ލަޔާލް ގަދަ ހަދަހަދާ އޮއްވައެވެ.
"ލަޔާ؟..." ލަޔާލް ފެންނަން ނެތުމުން، ފިޒާލްގެ ހިތުގައި ސުވާލު އުފެދުނެވެ. އޭނާ ދޮރާއި ދިމާއަށް ދިޔައީ ވެދިޔަ ކަންތަކުގެ ކުޑަވެސް ހިލަމެއް ނެތިއެވެ.
އެދިޔަ ބާރުމިނުގައި އަކިއަލް ގޮސް ގޭގެ މައިދޮރު ހުޅުވާފައި، ބޭރަށް ނުކުތެވެ. ލަޔާލް ބިންމަތީގައި ބެހެއްޓިނަމަވެސް، ލަޔާލްގެ އަތުން އޭނާ ދުލެއް ނުކުރެއެވެ. ލަޔާލް ގެއަށް ވަންނަން އުޅުމުން، ދެއަތުގައި ހިފާ ގެންގޮސް ފާރުގައި ޖައްސައި، ފިއްތާލިއެވެ. އެއަށްފަހު، ލަޔާލްގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.
މާހައުލަށް ވެރިވެފައިވަނީ އަނދިރި ކަމެވެ. ހަމަހިމޭނެވެ. ދިރޭ ފުރާނައެއްގެ ހިލަމެއް އެއިން ހިސާބެއްގައިވެސް ނުވާ ކަހަލައެވެ. އަކިއަލްގެ މާނޭވާގެ އަޑު ފިޔަވާ އިތުރު އަޑެއް ނީވެއެވެ. އެ އަޑު ލަޔާލަށް ހޮނު ގުގުރިއެއްގެ އަޑަށްވުރެވެސް ބިރުވެރިއެވެ.
"ދޫކުރޭ!... ތަދުވެޔޭ...." ލަޔާލްގެ ދެލޯ ފެންކަޅިވިއެވެ. "ކޮބާތަ އާލްގެ މައްސަލައަކީ؟... ކޮންކަމެއްތަ ބޭނުންވެގެން ތިއުޅެނީ؟... އަހަރެން މީ އާލްގެ ބޭބެގެ އަނބިމީހާކަން ނޭނގެނީތަ؟..."
"އަހަރެންގެ ހިތަށްވެސް ތަދުވެޔޭ..." އަކިއަލް ހުރީ ދެދަތްޕިލަ ޖައްސާ ބާރުކޮށްލައިގެންނެވެ.
"އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް އިތުރަށް ވަންނަން ނުހަދާ..." ނަފުރަތުން ފުރިގެންވީ ނަޒަރަކުން އަކިއަލްގެ މޫނަށް ބަލައިލަމުން ލަޔާލް ބުންޏެވެ. "އަހަންނަކީ މިހާރު މީހެއްގެ އަނތްބެއް... އިތުރަށް އާލްއަށް ކޮށްދެވޭނެ ކަމެއް ނެތް..."
"ތީ އަހަރެންގެ ފުރަތަމަ އަދި އެންމެ ފަހުގެ ލޯބި.... ބޭބެއަކަސް ކޮއްކޮއަކަސް އަލަތު ލޯބި ގުރުބާން ކޮށެއް ނުލެވޭނެ.... ތީ ހަމައެކަނި އަހަރެންގެ މީހެއް...." ލަޔާލްގެ ގައިގައި ބައްދާލަމުން އަކިއަލް ބުންޏެވެ.
"އަކިއަލް މޮޔަވެގެންތަ ތިއުޅެނީ؟... ދޫކުރޭ... އެހެންނޫނީ ހަޅޭއްލަވައިގަންނާ..." ލަޔާލަށް އޭނާގެ ޖުމުލަ ފުރިހަމަ ނުކުރެވެނީސް، އަކިއަލް ލަޔާލްގެ އަނގަމަތީގައި އަތް އެޅިއެވެ.
"ކޮންތާކަށް ދާންތަ ތިއުޅެނީ؟...." އަކިއަލް ރުޅިގަދަވިއެވެ. "ބުނެފީމެއްނު ތީ ހަމައެކަނި އަހަރެންގެ މީހެކޭ... ތި ހަށިގަނޑުގަ އިތުރު މީހަކު ބީހުމުގެ ފުރުސަތެއް އަހަންނަކަށް ނުދެވޭނެ..... އެކަން ކުރާ މީހެއްގެ ދުވަސް ދުއްވާލާނަން..." ލަޔާލްގެ އިސްތަށިގަނޑުގައި ހިފައި އަކިއަލް އާއި ދިމާއަށް އުފުލާލަމުން އޭނާ ބުންޏެވެ. ވީތަދުން ލަޔާލްގެ ދެލޮލުން ކަރުނަ ހިލުނެވެ.
އަކިއަލް އަކީ ހަމަ އެހާ ރަހުމުކުޑަ މީހެއް ހެއްޔެވެ؟ ލަޔާލް ހާސިލުކުރުމަށް މީހަކު މެރުމަށް ތައްޔާރަށް ހުރިއިރު، އެހާ ދުވަހު ލަޔާލާއި ދުރުގައި ހުރީ ކީއްވެ ހެއްޔެވެ؟ "ލޯބި" އެލަފުޒު ވެސް އަކިއަލްގެ ދުލުން އަޑުއަހާކަށް މިއަދު ލަޔާލް ބޭނުމެއް ނުވިއެވެ. ލަޔާލްގެ ލޮލުގައި ބޮނޑިވެގަތް ކަރުނަތައް ކޯތާފަތް މައްޗައް ފައިބައިގަތެވެ.
ލަޔާލް ހޯދަމުން ކޮޓަރިން ނުކުތް ފިޒާލް ފުރަތަމަ ދިޔައީ ކާގެއަށެވެ. ކާގެއިން ނުކުތް ވަގުތު، ބޭރު ދޮރު ހުޅުވާފައި ހުއްޓާ ފެނިގެން އެދިމާއަށް ހިނގައިގަތެވެ. އެފަދަ ވަގުތެއްގައި ލަޔާލް ގެއިން ބޭރަށް ނުކުންނަންވީ ކީއްވެބާއޭ ފިޒާލްގެ ހިތަށް އެރިއެވެ.
"ލަޔާ...." ފިޒާލްގެ އަޑު އިވުނީ ދޮރާއި ހަމައިންނެވެ. ލަޔާލަށް އަކިއަލް އާއި ދިމާއަށް ބަލާލެވުނީ ބިރެއް ފެނިގެން ބަލާހެންނެވެ. ފިޒާލް އަންނަނީ ބޭރަށް ކަން އެނގުމުން، ލަޔާލްގެ ހިތް އަވަސްވިއެވެ.
ލަޔާލް އުއްމީދުވެސް ނުކޮށް ހުއްޓާ އަކިއަލް އޭނާގެ ގައިން ދޫކޮށްލިއެވެ. ކަރުނަތައް ފޮހެމުން ލަޔާލް ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ.
"ލަޔާ؟... ބޭރުގަ؟ މިގަޑީ؟...." ލަޔާލަށް އެރުނީ ފިޒާލްގެ ކުރިމައްޗަށެވެ.
ގޭތެރޭގައި ދިއްލާފައިވާ ބޮކީގެ ފަނޑު އަލިކަމުގެ ތެރެއިން ލަޔާލްގެ މޫނު ފިޒާލްއަށް ރަނގަޅަށް ނުފެންނާނެ ކަން އޭނާއަށް އެނގެއެވެ.
ފިޒާލްގެ ސުވާލަށް ދޭނެ ޖަވާބެއް ލަޔާލަކަށް ނޭނގުނެވެ. ލޯބިވާ ކޮއްކޮގެ އަމިއްލަ އެދުން ބޮޑުކަމުގެ ވާހަކަ ފިޒާލްގެ ކައިރީގައި ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ ލަޔާލަކީ ދޮގު ހެދުމަށް އާދަވެފައިވާ މީހެއް ނޫނެވެ. ފިޒާލް އޭނާގެ ސުވާލު ތަކުރާރު ކުރިއެވެ. އަކިއަލްގެ ވާހަކަ ބުނުމަށް ލަޔާލް އަނގަ ހުޅުވައިލިއެވެ. އޭގެ ކުރިން އަކިއަލް ގެއަށް ވަނެވެ.
"މަ ބުނެގެނޭ އައީ..." އަކިއަލް ހުރީ ހަމަޖެހިފައެވެ.
ލަޔާލްގެ ލޭ ކެކިގަތެވެ. މަކަރުހަދާ އޮޅުވާލަންވެސް އަކިއަލް އެހާ މޮޅެވެ.
"ޔަގީނޭ އަހަންނަށް ޖެއްސުމެއް ކޮށްލީކަން...." އަކިއަލްގެ ބުރަކަށީގައި ޖަހައިލަމުން ފިޒާލް ބުންޏެވެ. "ބިރުން ކިރިޔާ ހަލާކުނުވީ... މިއަދު ކައިވެނި މިކުރީ..... އެހާ އަވަހަށް މިކުއްޖާ ގެއްލިއްޖެއްޔާ ކިހިނެއްވާނީ؟..."
ހިނގަނޑެއް ޖަހާލަމުން ފިޒާލް އެހެން ބުނެލީ ލަޔާލްގެ އަތުގައި ހިފައި، އިތުރަށް ގާތްވެލަމުންނެވެ.
"ތިހާވަރުން އުޅުނަސް ގެއްލޭނެ..." އަކިއަލް ބަލައިލީ ލަޔާލަށެވެ.
"އާލް ކީކޭ ހިތަށް އަރައިގެން ކުރި ކަމެއްތަ އެއީ؟... ލަޔާ ވަރަށް ބިރުންނޭ އެހުރީ..." ފިޒާލް ދެއްކީ ކޮޓަރީގެ ވާހަކައެވެ.
"އަދި އެބަ ހުރެއެއްނު ނޭނގޭ ކަމަށް ހަދައިގެން... އަހަންނަށް އެނގެޔޭ އާލް ކަން ކޮޓަރި ފާރުގަ ލިޔުނީ..... އެދެން މީހުން ކުރާކަހަލަ ކަންކަމެއް ވެސް ނޫނެއްނު..... ދެން އެކަހަލަ ސަމާސާ ނުކުރާތި!..." މަޖަލަކަށް ހަދާފައި ބުނި ނަމަވެސް، ފިޒާލް ހުރީ ހިތްހަމަނުޖެހިފައެވެ.
ކޮޓަރިއަށް ވަންގޮތަށް ލަޔާލްގެ ނަޒަރު ހުއްޓުނީ ފާރުގައި ލިޔެފައިވާ އިބާރާތްކޮޅަށެވެ. ލަޔާލަށް ހަމަހޭވެރިކަންވީ، ފިޒާލް އައިސް އެއަތުގެ ތެރޭގައި އޭނާ ހައްޔަރުކޮށްލުމުންނެވެ.
"މާދަމާ ކުލަ ލާނަން އިނގޭ..." ފިޒާލް ނުހަނު ލޯބިން ބުނެލިއެވެ.
ފިޒާލްގެ ބީހުންތަކުން ލަޔާލަށް އެއްވެސް އުފާވެރިކަމެއް ނުލިބުނެވެ. ކައިވެންޏަށްފަހު، ލަޔާލާއި ގާތްވުމުގެ ފުރިހަމަ ހައްގު ފިޒާލަށް އޮންނާނެއެވެ. ހިތް ނުރުހުނަސް، އެއިން އެއްވެސް އެދުމަކަށް ފުރަގަސްދޭކަށް ލަޔާލް ބޭނުމެއް ނުވިއެވެ. ނުރުހުމުގެ ކުޑަވެސް މިންވަރެއް މޫނުން ނުދައްކާވޭތޯ ލަޔާލް މަސައްކަތް ކުރިއެވެ. ފިޒާލް ދެމުންދިޔަ ކޮންމެ ދައުވަތަކަށް ލަޔާލްވެސް މަރުހަބާ ކިޔަމުން ދިޔައެވެ. މުޅި އުމުރު ފިޒާލާއިއެކު ހޭދަކުރުމަށް ލަޔާލް އަމިއްލަ ނަފުސަށް ވައުދުވިއެވެ.
********
އެއްޗެއް ވެއްޓި ތަޅައިގެން ދިޔަކަހަލަ އަޑެއް އިވުމާއިއެކު، ސިއްސައިގެން ގޮސްފައި ލަޔާލަށް ހޭލެވުނެވެ. އަޑު އައީ ބޭރުންނެވެ. މޯޅިއަކަށް ދެމިލުމަށްފަހު ލަޔާލް ތެދުވެ އެނދުގެ ހެޑުބޯޑުގައި ލެނގިލިއެވެ.
"ގުޑް މޯނިންގް ޕްރިންސެސް..." ފިޒާލްގެ އަޑު އިވުނީ ލަޔާލާއި ނުހަނު ކައިރިންނެވެ.
ރޭގެ ހާދިސާ ކުރިމަތިން ސިފަވިހެން ލަޔާލަށް ހީވިއެވެ. ފިޒާލްގެ އޯގާތެރިކަން ކޮންމެ އަމަލަކުންވެސް އޭނާ ލަޔާލަށް އަންގައިދިނެވެ. ލަދުން ލަޔާލްގެ މޫނު ރަތްވިއެވެ. ހަމައެކަނި ތުވާލި ކޮޅެއްގައި ފިޒާލް ހުރިއިރު، ފުރަތަމަ ފަހަރަށް ޝައުޤުވެރިކަމާއިއެކު ފިޒާލްގެ ހަށިގަނޑަށް އޭނާއަށް ބަލާލެވުނެވެ. ދެންމެ ފެންވަރާލައިގެން އައިސް ހުރުމުން އެހަށިގަނޑު އިތުރަށް ތާޒާކަމަށް ދައްކައެވެ. އެމަންޒަރު ނުބަލާން ލަޔާލް އަވަހަށް ލޯ މަރާލިއެވެ.
"ސްޓިލް ސްލީޕީ؟..." ލަޔާލްގެ ކައިރީގައި އިށީންނަމުން ފިޒާލް އަހައިލިއެވެ.
"ނޫން..." ލަޔާލް އަވަސް އަވަހަށް ތެދުވެގެން ފާހާނާއާއި ދިމާއަށް ހިނގައިގަތެވެ.
(ނުނިމޭ)