01 May 2012, 10:09
އާސާމް (މޭ 1): އިންޑިޔާގެ އާސާމްގެ ކޯރަކަށް ފެރީއެއް ބަންޑުންޖަހާލުމުގެ ސަބަބުން 68 މީހަކު މަރުވެ، 130 މީހުން ގެއްލިއްޖެވެ.
ތިން ސަތޭކަ ފަންސާސް އެއްހާ މީހުންނާ އެކު ފުރިބާރުވެގެން ދަތުރުކުރި ފެރީ ބަންޑުންޖަހާލީ މީހުން ގިނަވުމުގެ ސަބަބުންނާއި ކޯރުގައި އޮއިބާރުވެ ފެރީ އަރިއަޅާލުމުގެ ސަބަބުން ކަމަށާއި ފެރީގެ ފަސިންޖަރުންގެ ތެރެއިން 150 މީހުން ސަލާމަތްކުރެވިފައިވާ ކަމަށް އެސްޓޭޓްގެ މަސްއޫލުވެރިން ވިދާޅުވެ އެވެ.
ގެއްލިފައިވާ 130 މީހުން ވެސް ދިރިތިއްބާ ފެންނާނެކަމުގެ އުންމީދު ވަނީ ގެއްލިފަ އެވެ. އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ވަނީ މިއީ ކާރިސާއެއްކަމަށް ސިފަކުރައްވާފަ އެވެ. މިކާރިސާގައި ގެއްލުން ލިބުނު މީހުންނަށާއި މަރުވެ އަދި ގެއްލިފައިވާ މީހުންގެ ޢާއިލާތަކަށް އިންޑިޔާގެ މައިސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް މަންމޯހަން ސިންގް ވިދާޅުވި އެވެ.
އިންޑިޔާގެ އެތެރޭގެ ހިސާބުތަކުގެ ކޯރުތަކުގައި ފެރީގެ ގޮތުގައި ބޭނުންކުރާ އުޅަނދުފަހަރަކީ ވަރަށް ބައު ސަލާމަތީ ފިޔަޅުތައް އަޅާފައިނުވާ އަދި ކެޕޭސިޓީއަށް ވުރެ ގިނައިން މީހުން ދަތުރުކުރާ ފެރީތަކެކެވެ. އިއްޔެ ބަންޑުން ޖަހާލިފެރީވެސް ވަނީ ދެފަޅިވެފަ އެވެ. މިފެރީ ދަތުރުކުރީ އާސާމްގެ ދުބްރީން ފަކީރުގަންޖާން އަށެވެ. މިއީ އާސާމްގެ ވެރިރަށް ގުވަހައްޓި އާ 300 ކިލޯމީޓަރު ދުރުގައިވާ ހިސާބެކެވެ. (ރޮއިޓާސް)