24 Jun 2023, 10:45
މި މަހުގެ މިހާތަނަށް 77،000އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް 77،734 ފަތުރުވެރިން ވަނީ އައިސްފައެވެ. އެހެންނަމަވެސް މިއީ މިދިޔަ އަހަރު ޖޫން މަހުގެ މިހާތަނަށް ފަތުރުވެރިން އައި ވަރަށް ވުރެ ދަށް އަދަދެކެވެ. 2022 ވަނަ އަހަރުގެ ޖޫން މަހުގެ މިހާތަނަށް ވަނީ 78،173 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައެވެ.
އަހަރުގެ މިހާތަނަށް 886،978 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 13.6 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މިހާތަނަށް އައިސްފައިވަނީ 780،507 ފަތުރުވެރިންނެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރާ ޤައުމުކަމަށްވާ އިންޑިއާއިން މިހާތަނަށް 241،369 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ދެ ވަނަގައި އޮތް ރަޝިޔާއިން މިއަހަރު 201،957 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ތިން ވަނައިގައި އޮތް ޔޫކޭ އިން ވަނީ 179،312 ފަތުރުވެރިން އައިސްފައިވެއެވެ.
މިދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ ދަށަށް ދާން ފަށައިފައެވެ.
އެގޮތުން މި އަހަރުގެ އޭޕްރީލް މަހާ ހަމައަށް ރާއްޖެއަށް ކޮންމެ ދުވަހަކު ވެސް އެވްރެޖްގޮތެއްގައި 5،500 އެއްހާ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ނަމަވެސް މެއި މަހު އެ އަދަދު 3،900އަށް ވެއްޓިފައިވާއިރު، މިމަހު އެ އަދަދުވަނީ އެއަށް ވުރެ ވެސް ދަށަށް ދާން ފަށައިފައެވެ. އެގޮތުން މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް 3،702 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ގިނަ މާހިރުން ވެސް ދެކޭ ގޮތުގައި މި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވުމުގެ އެންމެ މައިގަނޑު ސަބަބަކީ ޗައިނާއަށް ރާއްޖެ އެންމެ ފުރިހަމަ ގޮތުގައި ނުހުޅުވުމެވެ.