ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ އޭގައި ފިންގާ ޕްރިންޓް ހުރި ނަމަވެސް ބަލާ ފާސްކުރިއިރު ތުހުމަތުވާ މީހާ ގެންގޮސްފައިނުވާތީ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

އެ މައްސަލައިގެ ތުހުމަތަށް މާލެ އިން ހައްޔަރުކޮށްފައިވަނީ ތ. ވިލުފުއްޓަށް ނިސްބަތްވާ 22 އަހަރުގެ ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން ވަނީ ދެ ގެއެއް ބަލާ ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައެވެ. އެތަނުން އެއް އެޕާޓްމެންޓުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދަޅުތަކެއް އަޅާފައިވާ ކޮތަޅަކުން ތުހުމަތުވާ ޒުވާނާގެ ފިންގާޕްރިންޓް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެޕާޓްމެންޓް ބަލާ ފާސްކުރިއިރު އެ ޒުވާނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވިޔަސް އެތަނަށް އޭނާ ހާޒިރުކޮށްފައެއް ނުވެއެވެ. އެހެންކަމުން އެތަނުން ފެނުނު ތަކެއްޗަކީ އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކެތި ކަމަށް ނުބެލެވޭ ކަމަށް ބަންދުން ދޫކޮށްލި ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ދެވަނައަށް ބަލާ ފާސްކުރި އެޕާޓްމެންޓުން ފެނުނު މަސްތުވާތަކެއްޗާ, އޭނާއާ ގުޅުވޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. ހަމައެކަނި ހުށަހަޅާފައިވަނީ އިންޓެލިޖެންސް ރިޕޯޓް ކަމަށްވާއިރު އެ ރިޕޯޓަށް ބަލައި މީގެ ކުރިން ދެފަހަރު ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އެހެންކަމުން ފުލުހުން ބަލާފާސްކުރި ދެ ތަނުން ފެނުނު މަސްތުވާތަކެއްޗާ އޭނާއާ ގުޅުވާލެވޭ މިންވަރަށް ހެކި ހުށަހަޅާފައިނުވުމުން ތުހުމަތެއް ވުޖޫދުވާ މިންވަރަށް ހެކި ހުށަހަޅާފައިނުވާތީ އެ ޒުވާނާ ބަންދުން ދޫކޮށްލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.