24 Jun 2023, 09:41
މި އާޓިކަލް ކިޔައި އެންމެ އުފާވާނެ މީހަކަށް ވާނީ ފާތިމަތު އިޝާ އިބްރާހިމްގެ އެއްބަނޑުއެއްބަފާ ދައްތަ މި ދުނިޔޭގައި ހުރި ނަމަ، އޭނާއެވެ.
އެހެން ނަމަވެސް، މީގެ ތިން އަހަރު ކުރިން މި ދުވަހު އިޝާގެ ދައްތަ މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކީއެވެ. ދައްތަގެ ކުއްލި ވަކިވުމަކީ އިޝާ އާއި އާއިލާއަށް ވެސް ލިބުނު ބޮޑު ހިތާމައެކެވެ.
ގދ. ފިޔޯރީ ސްކޫލްގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި ދައްތަގެ ހުވަފެނުގައި އިޝާ ކުލަ ޖައްސައިދިނެވެ. އެއީ އޭނާގެ މައިންބަފައިންގެ ހުވަފެން ވެސް މެއެވެ.

އިޝާ އޭނާގެ މައިންބަފައިންނާއެކު --
ހަތަރު އޭ ސްޓާ އާއި ތިން އޭ އާއި އެއް ބީ ހޯދައިގެން އޭނާ ފިޔޯރީ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ހާސިލުކުރީއެވެ. ގައުމީ ގަދަ ދިހައެއްގެ ހަވަނަ މަގާމު ވެސް ހޯދީއެވެ.
އިޝާގެ މި ބޮޑު ހުވަފެނުގެ ވާހަކަ ފަށަން ޖެހެނީ އޭނާގެ ޅަފަތުގެ ދުވަސްތަކަށް ފީނައިލާށެެވެ. އެ ހަނދާންތަކުގެ ތެރެއަށް ވަދެލާށެވެ.
އިޝާ ކިޔައިދިނެވެ. އެއީ ގުރޭޑް ފަހެއްގައި އޭނާ ތައުލީމް ހާސިލުކުރި ދުވަސްވަރެވެ. އެ އަހަރު ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި އިނާމު ލިބޭ ދަރިވަރުންގެ ނަން އިއުލާން ކުރުމުގެ ފުރުސަތު އިޝާއަށް ލިބުނެވެ.
އެ އަހަރު ސްކޫލްގެ އެންމެ މޮޅު ދަރިވަރު އިއުލާން ކުރި ވަގުތު އިޝާއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. އެ މަގާމުގައި ކޮންމެވެސް ދުވަހަކުން ހުންނަން އޭނާ ވެސް ބޭނުންވިއެވެ.
"އެ ދުވަހު އަޒުމުކަނޑައެޅީ މަންމައާއި ބައްޕައާއެކު ބެސްޓް އޯލް ރައުންޑްގެ ސޭޝް އަޅައިގެން ސްޓޭޖްމަތީގައި ކޮންމެވެސް ދުވަހަކުން ހުއްޓި ހުންނާނަމޭ އިންޝާﷲ،" އިޝާ ކިޔައިދިނެވެ.
ކިޔެވުމަށް ޓަކައި އިޝާ ގަދަ އަޅައި މަސައްކަތް ކުރިއެވެ. މަންމައާއި ބައްޕަ ދުށް ހުވަފެނުގައި ކުލަ ޖައްސައިދޭން އޭނާ ވަރަށް ބޮޑަށް ބޭނުންވިއެވެ.

އިޝާ އޭނާގެ މައިންބަފައިންނާއެކު --
އެކަމަކު، ހުރިހާ ކަމެއް ބަދަލުވީ ދައްތަގެ މަރާއެކުއެވެ. އެންމެ އެކުގައި އުޅުނު ދައްތަގެ ކުއްލި ވަކިވުން ވީ އިޝާއަށް ބަރުދާސްތުކުރަން ދަތި ހިތާމައަކަށެވެ.
އޭރު އޭނާއަކަށް ނުނިދެއެވެ. ސްކޫލްގައި ޓީޗަރުން ކިޔަވައިދޭ އެއްޗަކަށް ސަމާލުކަމެއް ނުދެވެއެވެ. ފެންނަ ކޮންމެ ތަނަކާއި ވާ ކޮންމެ ކަމެއް އޭނާއަށް ގެނުވަނީ ދައްތަގެ ހަނދާންތަކެވެ.
"ދައްތަ އަޅުގަނޑަށް ކިޔަވައި ވެސް ދޭނެ. ވޯކްޝީޓްތަކުގައި ދައްތަގެ އަތުން ލިޔެފައި ހުރި އެއްޗެހި ފެނުނީމަ ކިޔަވަން އިނދެފައި ވެސް ހުއްޓައިލެވެނީ. ދައްތަގެ ހަނދާންވެ އަބަދުވެސް ރޮވޭ،" އިޝާ ކިޔައިދިނެވެ.

އިޝާ ބެސްޓް އޯލް ރައުންޑްގެ ޓްރޮފީއާއެކު --
އެއީ އޭނާ ގުރޭޑް ނުވައެެއްގައި ތައުލީމް ހާސިލުކުރަމުން ދިޔަ ދުވަސްތަކެވެ. އެ އަހަރު އޭނާގެ ނަތީޖާ ބޮޑުތަނުން ދަށްވިއެވެ.
ހިތާމަތައް މުޅިން ފިލައެއް ނުދެއެވެ. ދައްތަގެ ހަނދާންތައް އަދިވެސް ތާޒާކަމާއެކު އިޝާއާއެކުގައި ވެއެވެ. އެހެން ނަމަވެސް، އިޝާ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ވުމަކީ ދައްތަގެ ވެސް ހުވަފެނެކެވެ.
އެހެންވެ، އައު އަޒުމަކާއި ހިތްވަރަކާއެކު އިޝާ ތެދުވެ ހަށިފޮޅައިލާ ދުއްވައިގަތީއެވެ. އޭނާ ހިތްވަރު ހޯދީ ނަމާދާއި ދުއާއިންނެވެ. ދަމުނަމާދުކޮށް ގުރުއާން ކިޔެވުމުގައި ވަގުތު ހޭދަކޮށްގެންނެވެ.
"ވަކިވަކިން ޓޮޕިކްތައް ކިޔަވަން ފެށީ. އަޅުގަނޑު އަމިއްލައަށް ކިޔެވީ. ޓިއުޝަނަކަށް އަދި ގްރޫޕް ސްޓަޑީއަކަށް ވެސް ނުދަން،" އިޝާ ކިޔައިިދިނެވެ.
އޭރު އޭނާގެ ދުވަހުގެ ބޮޑުބައި ހޭދަވާނީ ކިޔެވުމުގައެވެ. ރޭގަނޑުގެ ނިދި ނަގައިލައި އޭނާ ހޭދަކުރަނީ ކިޔެވުމުގައެވެ. ވަރުބަލިވުމުން ނަމާދުކޮށްލައި ދުއާކޮށްލަނީއެވެ. ހިތް ނުތަނަސްވާން ފެށުމުން ވެސް، ނަމާދުން ހަމަޖެހުން ހޯދަނީއެވެ.
"ދުއާއަކީ މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރު. ދުއާ ކޮށްގެން މަސައްކަތްކޮށްފިއްޔާ ކޮންމެ ކަމެއް ވެސް ހާސިލުކުރެވޭނެ،" އިޝާ ބުންޏެވެ.

ފިޔޯރީ ސްކޫލްގެ އިނާމުދިނުމުގެ ޖަލްސާގައި އިޝާ ވާހަކަ ދައްކަނީ --
އިޝާގެ ކިޔަވާ މޭޒު ކައިރި ފުރިފައިވަނީ ހިތްވަރުގެ އެކި ބަސްތައް ލިޔެފައިވާ ސްޓިކީ ނޯޓްތަކުންނެވެ. މޯޓިވޭޝަނަލް ކޯޓްސް ލިޔެ، އޭނާ ތަތްކޮށްފައި ބަހައްޓަނީ އެއީ ވެސް އޭނާއަށް ހިތްވަރު ލިބޭ ކަމަކަށް ވާތީއެވެ.
މި ވާހަކަތައް އޭނާ ކިޔައިދިނީ އެހެން ދަރިވަރުންނަށް އިބުރަތަކަށް ޓަކައެވެ. ނަމާދާއި ދުއާއިން ހިތްވަރު ހޯދުމަށް އެހެން ދަރިވަރުންނަށް ބާރު އެޅުމަށް ޓަކައެވެ.
މިއީ އިޝާގެ މައިންބަފައިންގެ ވެސް ހުވަފެނެކެވެ. މަންމަގެ ނަސޭހަތާއި ދިން އެއްބާރުލުމަކީ އިޝާއަށް ކުރިއަށް ދިއުމަށް ލިބުނު އެންމެ ބޮޑު އެއް ހިތްވަރެވެ. ކުޑައިރުއްސުރެ ވެސް، އިޝާގެ ހުރިހާ ކަމެއް އެންމެ ލޯބިން ކޮށްދެނީ އޭނާގެ ދޮންބައްޕަ، ފައިޒަރު ރަޝީދެވެ. އެއީ އިޝާގެ ކާމިޔާބީގައި ވަރަށް ބޮޑު ހިއްސާދާރެކެވެ.
އިޝާގެ މަންމަ ޚަދީޖާ ދީދީ ބުނީ މިއީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި އުންމީދެއް ކަމަށެވެ. އިޝާއަށް އެ މަގާމު ލިބުމުން އޭނާ ވަރަށް އުފާވިކަމަށާއި އިޝާ އެ ކުލަ ޖައްސައިދިނީ އޭނާގެ ޒަމާންވީ ހުވަފެނެއްގައި ކަމަށެވެ.
"އިޝާއަށް ބުނެލަން ބޭނުމީ، މަންމައާއި ބައްޕައާ ދެ މީހުން ތިބޭނަމޭ އިޝާގެ ހައްގުގައި. އިޝާ ބޭނުންވާ ވަރަކަށް އިޝާއަށް ކިޔަވައިދޭން ތައްޔާރަށޭ މި ތިބީ. އިޝާ ހަމަ ކިޔަވަންވީއޭ،" އޭނާ ބުންޏެވެ.
އިޝާ ހޯދި ނަތީޖާއަކީ ފިޔޯރީ ސްކޫލްގެ ވެސް ފަޚުރެކެވެ. ގައުމީ ގަދަ ދިހައެއްގެ ހަވަނަ މަގާމު އޭނާ ހޯދުމަކީ މުޅި ރަށާއި ސްކޫލަށް ވެސް ލިބުނު ރީތި ނަމެކެވެ.
ފިޔޯރީ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަތީފް ވިދާޅުވީ އިޝާއަކީ ވަރަށް މަޑުމައިތިރި ކުއްޖެއް ކަމަށެވެ. ކިޔެވުމަށް ވަރަށް ގަދައަޅާ މަސައްކަތްކުރާ އަޚްލާގު ރަނގަޅު ކުއްޖެއް ކަމަށެވެ.

ސްކޫލްގެ ޕްރިންސިޕަލް އިޝާއަށް އެވޯޑެއް ހަވާލުކުރަނީ --
"ސްކޫލްގެ ހުރިހާ ހަރަކާތެއްގައި ބައިވެރިވާނެ. އިންޓަ ހައުސް މުބާރާތެއް ވިޔަސް އެހެން އެކްޓިވިޓީއެއް ވިޔަސް ބައިވެރިވާނެ ހުރިހާ ހަރަކާތެއްގައި ވެސް. ވަރަށް ބަސްއަހާ ކިޔަމަންތެރި ކުއްޖެއް އިޝާއަކީ،" އޭނާ ވިދާޅުވިއެވެ.
އިޝާގެ ކާމިޔާބީގައި އެތައް ބައެެއްގެ ހިއްސާވެއެވެ. އެންމެ ބޮޑު ހިއްސާއެއް ވަނީ އޭނާގެ މަންމައާއި ބައްޕައެވެ. އަބަދުމެ އޭނާއަށް ހިތްވަރުދީ އެއްބާރުލުން ދެއެވެ. ދުވަހަކު ވެސް، އޭނާ އެކަނިކޮށް ނުލައެވެ. އަބަދުމެ ގާތުގައިވެއެވެ. އެއީ އަބަދުވެސް އިޝާ ޝުކުރުވެރިވާ ކަމެކެވެ.
އެއަށްފަހު، އޭނާގެ އެއްބަނޑުއެއްބަފާ ދައްތައިންނެވެ. އޭނާގެ ދެ ދައްތަ ތިބިއިރު، އެއް ދައްތަ ނިޔާވީއެވެ. އޭނާގެ ގާތުގައި ދެން ހުރި ދައްތައަކީ، މިހާރު އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ.
އޭނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ހިއްސާކުރާ މީހަކީ ވެސް އެއީއެވެ. އިޝާގެ މި ކާމިޔާބީއާއެކު އެންމެ އުފަލުން ހުރި އެކަކީ ވެސް އޭނާއެވެ.
"ދައްތަ ދެކެ ވަރަށް ލޯބިވޭ. ދައްތަގެ އެހީތެރިކަން އަބަދުވެސް ހަނދާންކުރާނަން. ދުވަހަކު ވެސް ބޭނުމެއް ނޫން ދައްތަ ގެއްލޭކަށް،" އިޝާ ބުންޏެވެ.

އިޝާ އޭނާގެ ދައްތައާއެކު --
އޯލެވެލް ނިންމުމަށްފަހު، މިހާރު އިޝާ އޭލެވެލްއަށް ކިޔަވަނީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައެވެ. އޭނާގެ އުންމީދަކީ އޯލެވެލްގައި ހޯދި ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް އޭލެވެލްގައި ހޯދުމެވެ. އަނެއްކާ ވެސް، އާއިލާއާއި ރަށް ފަހުރުވެރިވާފަދަ ނަތީޖާއެއް ހޯދުމެވެ.
އެއަށްފަހުގައި، އޭނާގެ ހުވަފެންތައް ގުޅިފައިވަނީ ސިއްހީ ދާއިރާއާއެވެ. ޑޮކްޓަރެއްގެ ގޮތުގައި ގައުމަށް ޚިދުމަތް ކުރުމަކީ އިޝާގެ އެންމެ ބޮޑު ހުވަފެނެވެ. އެ ހުވަފެން ހަޤީޤަތަކަށް ހެދުމަށް ޓަކައި އޭނާއަށް ކުރެވެން އޮތް މަސައްކަތެއް ކުރާނެއެވެ.
ކުޑައިރުއްސުރެ އިޝާ ދުށް ހުވަފެނުގައި މިއަދު ކުލަޖެހިއްޖެއެވެ. ދައްތަ ގާތުގައި ނެތަސް، ދައްތަގެ ހުވަފެން ހަގީގަތަކަށް ހަދައިދެވުމުގެ އުފާވެރި އިހުސާސްކުރެވިއްޖެއެވެ. އެކަމަކު، ދެން އޮތީ މާ ބުރަ މަސައްކަތެކެވެ. އޭނާ މުސްތަގުބަލަށް ދެކޭ ހުވަފެންތަކުގައި ކުލަ ޖައްސަން ކުރަން ޖެހޭ މަސައްކަތްތައް މާ ގިނަވެފައި ބުރައެވެ.
އެކަމަކު، އިޝާ ހުރީ ގަދަ އަޒުމަކާއެކު ވަރަށް ތައްޔާރަށެވެ. ކާމިޔާބަށް އޭނާ ކުރާ ދަތުރުގައި ދެން ވެސް ކަން ކުރަންވީ ގޮތް އިޝާއަށް އެނގެއެވެ. ނަމާދާއި ދުއާއިން ހިތްވަރު ހޯދާ އިޝާ އެ ފަށަނީ އަނެއްކާ ވެސް ކާމިޔާބަށް ކުރާ އައު ދަތުރެކެވެ.