24 Jun 2023, 09:49
އެކްޓަރު ފަރްޚާން އަޚްތަރު ދާދިފަހުން އިއުލާނުކުރި ފިލްމު "ޖީ ލޭ ޒަރާ" އުފެއްދުން ލަސްކުރެވިފައިވާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
ބޮލީވުޑްގެ އެންމެ ތަޖުރިބާކާރު އަދި ކާމިޔާބު ބަތަލާއިންނާއެކު ފަރުޚާން އުފައްދަން ނިންމި ފިލްމު ފަސްކުރެވިފައިވަނީ ފަރުޚާންގެ އެކްޓިންގް ކެރިއަރަށް ވަގުތު ދިނުމުގެގޮތުންނެވެ.
މިފިލްމަކީ، ބަތަލާ ކެޓްރީނާ ކައިފް، އާލިއާ ބަޓް އަދި އަދި ޕްރިޔަންކާ ޗޯޕްރާ ހިމަނައިގެން އުފެއްދުމަށް ނިންމާފައިވާ ފިލްމެކެވެ. މިއީ ފިލްމު "ދިލް ޗަހަތާ ހެ"އަށްފަހު ފަރްޚާން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ފިލްމު "ޖީ ލޭ ޒަރާ"ގެ މަސައްކަތް ފަސްކުރެވުމާއެކު ފަރްޚާންވަނީ އެކްޓަރު އާމިރު ޚާންގެ ފިލްމު ކުންފުނިން އުފައްދާ ފިލްމު 'ޗެމްޕިއަންސް"ގެ މަސައްކަތްކުރުމަށް ނިންމާފައެވެ.
މިފިލްމަކީ، ހާއްސަ އެހީއަށް ބޭނުންވާ ބާސްކެޓް ކުޅުންތެރިންގެ ޙަޔާތުގެ މައްޗަށް ބިނާކޮށްގެން އުފައްދާ ރިމޭކްއެކެވެ. ފިލްމު "ޖީލޭ ޒަރާ"ގެ މަސައްކަތް ފަސްކުރެވުމުގެ ސަބަބުތަކުގެތެރޭގައި ބަތަލާ ޕްރިޔަންކާއަށް މިއަހަރު ފިލްމަށް ވަގުތު ނުދެވުމުންވެސް ހިމެނެއެވެ. މިފިލްމުގެ ލޮކޭޝަންތައް ނިންމުމަށް ފަރްޚާންވަނީ ދާދިފަހުން ދުބާއީއަށް ދަތުރެއްވެސްކޮށްފައެވެ.
ފަރްޚާން އިތުރު ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާއިރު މިފިލްމުގެ މަސައްކަތް ފަށާނެ ދުވަހެއް އަދި އިއުލާނުނުކުރެއެވެ. ފަރްޚާން އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2021ވަނަ އަހަރު ރިލީޒްކުރި ފިލްމު "ތޫފާން"އިންނެވެ.
ފަރްޚާންވަނީ، މިދިޔައަހަރު ރިލީޒްވި ފިލްމު "ޝަރްމާޖީ ނަމްކީން"ވެސް ޕްރޮޑިއުސްކޮށްފައެވެ. ފަރްޚާންގެ ކެރިއަރުގައި ޑައިރެކްޓްކޮށްފައިވާ ކާމިޔާބު ފިލްމުތަކުގެތެރޭގައި، "ދިލް ޗަހަތާހެ"، ""ލަކްޝްޔާ" އަދި ފިލްމު "ޑޮން" ހިމެނެއެވެ.