ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން ދަނޑުވެރިކަމަށް ޚާއްސަކުރެވިފައިވާ ސަރަޙައްދަކުން 'ފާމް ލޭންޑެއް' ގަނެފިއެވެ.

އިންޑިއާގެ އައްސޭރިފަށްކަމަށްވާ އަލީބަގްއިން ސުހާނާ ގަތް މި ފާމްލޭންޑްގެ އަގު 12 ކްރޯޑް ރުޕީސްއަށް އަރާކަމަށް ރިޕޯޓުތައް ބުނެއެވެ. ސުހާނާ ގަނެފައިވާ ފާމްލޭންޑް ރަޖިސްޓަރކުރުމުގެ ލިޔެކިޔުންތަކުގައި ސުހާނާގެ ހައިސިއްޔަތަކަށް ލިޔެފައިވަނީ އެގްރިކަލްޗަރިސްޓެއްގެގޮތުގައިކަމަށްވެސް މީޑިއާ ރިޕޯޓުތަކުންވަނީ ބުނެފައެވެ.

ފިލްމީ ދާއިރާއަށް ނުކުންނަން ތަޢާރަފްވެފައިވާ މިޒުވާނާ ފިލްމީ ތަރިއަކަށްވުމުގެކުރިން އެގްރިކަލްޗަރިސްޓު ނުވަތަ ދަނޑުވެރިކަމުގެ ހާއްސަ މާހިރެއްގެ ލަގަބު ސުހާނާ ހޯދާފައިވާކަމަށް ރިޕޯޓުތަކުންވަނީ ބުނެފައެވެ.

ސުހާނާ މީގެކުރިންވެސްވަނީ އަލީބަގްއިން އަމިއްލަ ނަމުގައި ބިމެއް ގަނެފައެވެ. އަލީބަގްގެ ތަލް ވިލެޖްއިން ސުހާނާ ގަނެފައިވާ ދަނޑުވެރިކަމާ ގުޅުންހުރި ފާމް ލޭންޑް ގަނެފައިވަނީ ކޮން މަސައްކަތެއްކުރުމަށްކަމެއް އަދި ހާމައެއް ނުކުރެއެވެ. ސުހާނާގެ އިތުރުން ބައްޕަ ޝާހްރުކް ޚާންގެވެސް ވަރަށް ރީތި ގެއެއް އަލީބަގްގައި ހުރެއެވެ. މި އަގުބޮޑު ބަންގްލޯއަކީ ޝާހްރުކްގެ އާއިލާއާއެކެ ވަރަށް ގިނައިން ޗުއްޓީ ހޭދަކުރުމަށް ބޭނުންކުރާ ބަންގްލޯއެކެވެ.

ސުހާނާ ޚާންއަކީ، ވަރަށް ކާމިޔާބު އުއްމީދީ ފިލްމީ ކެރިއަރެއް މިދާއިރާގައި އޮތް ޒުވާނެއްކަމަށާއި އެކަން ސުހާނާ އަންނަނީ ސާބިތުކޮށްދެމުންކަމަށް ގިނަބަޔަކުވަނީ ބުނެފައެވެ.

ފިލްމީ ދާއިރާއަށް ނުކުން ތަޢާރަފްވެފައިވާއިރު ސުހާނާއަށް އަންނަނީ ތަފާތުއެކި ބްރޭންޑް އެންޑޯސްމަންޓްތަކުންވެސް ފުރުސަތު ލިބެމުންނެވެ.

ދާދިފަހުން ސުހާނާވަނީ އެމެރިކާގެ މަޝްހޫރު 'މެއިބެލައިން' ބްރޭންޑްގެ އެމްބެސެޑަރުކަން ގަބޫލުކޮށް ސޮއިކޮށްފައެވެ. އަދި ސުހާނާއަކީ މިބްރޭންޑްގެ އެންމެ ޒުވާން އެމްބެސެޑަރުވެސްމެއެވެ.

ސުހާނާ ހިންދީ ސިނަމާއަށް ތަޢާރަފްވާ ފިލްމު "ދަ އާޗީސް"ގެ ޓްރެއިލާ ރިލީޒްކޮށްފައިވާއިރު މިފިލްމު ނެޓްފްލިކްސްއިން ޕްރިމިއަކުރާނެ ތާރީޚެއް އަދި އިއުލާނުނުކުރެއެވެ.