ބްރަސެލްސް (ޖޫން 23): ބެލްޖިއަމްގެ ފައިނޭންޝަލް ސާވިސަސް އެންޑް މާކެޓްސް އޮތޯރިޓީ (އެފްއެސްއެމްއޭ) ރެގިއުލޭޓަރުން، އެގައުމުގެ ޑިޖިޓަލް ފައިސާގެ އެއްވެސް ޚިދުމަތެއް ނުދިނުމަށް ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ކަމަށްވާ ބައިނަންސްއަށް އަންގައިފިއެވެ.

ޝަންހާއީގައި 2017 ވަނަ އަހަރު ޗަންގްޕެންގް ޒާއޯ އުފެއްދި "ބައިނާންސް" އަކީ ކްރިޕްޓޯ އިންޑަސްޓްރީގެ ބާރު ގަދަ ކުންފުންޏަކަށް ވީ ނަމަވެސް، އެ ކުންފުނީގެ ޚިދުމަތްތަކުގެ ތެރެއިން ގަވާއިދާ ޚިލާފު މުއާމަލާތްތައް ހިނގާ ކަމަށް ތުހުމަތުކޮށް، މަނީ ލޯންޑަރިންއާ ދެކޮޅަށް މަސައްކަތްކުރާ ރެގިއުލޭޓަރުން ވަނީ އެ ކުންފުންޏަށް ފާޑުކިޔާފައެވެ.

އެފްއެސްއެމްއޭއިން ބުނި ގޮތުގައި ބެލްޖިއަމްގައި ބައިނަންސްއިން ދަނީ ޔޫރަޕިއަން އިކޮނޮމިކް އޭރިއާގައި ނުހިމެނޭ ގައުމުތަކުން، ޑިޖިޓަލް ފައިސާ އާއި ގާނޫނީ ގޮތުން ހުއްދަ ފައިސާ އެކްސްޗޭންޗް ކުރުމުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އެހެންކަމުން، އެ ޚިދުމަތްތައް ހުއްޓާލަން އަންގާ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

ބައިނާންސްއަށް ދުނިޔޭގެ ބޮޑެތި އިޤްޞާދުތަކުގައި މިފަދަ ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ ދަނޑިވަޅެއްގައި، ޑިޖިޓަލް ފައިސާގެ ޚިދުމަތް ދޭ ކުންފުންޏެއްގެ ގޮތުގައި ހިންގުމަށް ރަޖިސްޓްރީވާން ޖެހޭ ޝަރުތުތައް ފުރިހަމަ ނުކުރެވޭތީ ނެދަލެންޑްސްގެ މާކެޓުން ވަކިވާން ބައިނާންސް ނިންމި މައްސަލަ ފްރާންސުން އަންނަނީ ބަލަމުންނެވެ.