24 Jun 2023, 09:45
ތިން އަހަރުފަހުން ބަތަލާ ކަރީނާއާއި ކިއާރާ އެއް ފިލްމަކަށް ސޮއިކޮށްފިއެވެ.
ކަރީނާއާއި ކިއާރާ ސޮއިކޮށްފައިވަނީ ޑައިރެކްޓަރު އަޝްވިނީ އިއަގެ ފިލްމަކަށެވެ. މިފިލްމަކީ، އެކްސެލް އެންޓަޓެއިންމެންޓް އަދި ބާލާޖީ ޓެލެފިލްމްސް ބެނާގެ ދަށުން އުފައްދާ ފިލްމެކެވެ.
މިފިލްމަކީ، މީގެ ދެ އަހަރުކުރިން އެކްސެލް އެންޓަޓެއިންމަންޓާ ގުޅިގެން އަޝްވިނީ އުފެއްދުމަށް ނިންމާފައިވާ ފިލްމެކެވެ. އެކްސެލް އެންޓަޓެއިންމެންޓް ކުންފުންޏަކީ، އެކްޓަރު އަދި ޕްރޮޑިއުސަރު ފަރްޚާން އަޚްތަރު އަދި ރިތޭޝް ސިދްވާނީގެ ކުންފުންޏެކެވެ.
ކަރީނާއާއި ކިއަރާ މިފިލްމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު ފިލްމުގެ ސްކްރިޕްޓް އަޑުއެހުމަށްފަހު ފިލްމަށް ސޮއިކުރުމާމެދު ދެ ތަރިން ގޮތެއް ނިންމާނެކަމަށް ޑައިރެކްޓަރު އަޝްވިނީވަނީ ބުނެފައެވެ. ފިލްމު "ގުޑް ނިވްސް"އަކީ ކިއާރާ، ކަރީނާ އަދި އަކްޝޭ ކުމާރުގެ އިތުރުން ލަވަކިޔުންތެރިޔާ ދިލްޖީތު ލީޑް ރޯލް ކުޅެފައިވާ ފިލްމެކެވެ. މިފިލްމަކީ، ވަރަށް ކުޑަ ބަޖެޓަކުން އުފެއްދި ފިލްމެއްނަމަވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ކޮމެޑީ ޑްރާމާ ފިލްމެކެވެ.
ކިއާރާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިމަހުގެ 29ގައި ރިލީޒްކުރުމަށް ނިންމާފައިވާ ފިލްމު "ސަތުޔަ ޕްރޭމް ކީ ކަތާ"އިންނެވެ.
މިފިލްމަކީ، ފިލްމު "ބޫލް ބުލައްޔާ2"އަށްފަހު އެކްޓަރު ކާތިކްއާއެކު ބަތަލާ ފެންނާނެ ދެވަނަ ފިލްމެވެ. ދާދިފަހުން ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއިން އުފައްދާ ފިލްމު "ވޯ"އަށް ސޮއިކޮށްފައިވާ ބަތަލާވަނީ ރާމް ޗަރަންއާއެކު ކުޅޭ ތެލުގޫ ފިލްމު "ގޭމް ޗޭންޖާ"އަށްވެސް ސޮއިކޮށްފައެވެ.
މިދިޔަ އަހަރު ފިލްމު "ލާލް ސިންގް ޗައްދާ"އިން ފެނުނު ބަތަލާ ކަރީނާ ކަޕޫރު ޚާންވެސް އަންނަނީ ތިން ފިލްމެއްގައި މަސައްކަތްކުރަމުންނެވެ. އޭގެތެރޭގައި ދާދިފަހުން މަސައްކަތް ނިންމާލި ފިލްމު "ދަ ކްރޫ"، "ދަ ބަކިންގްހަމް މަޑަރސް" އަދި "ދަ ޑިވޯޝަން އޮފް ސަސްޕެކްޓް"ނަމަކަށްކިޔާ ފިލްމެއް ހިމެނެއެވެ.