މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ]އެމްޕީއެލް[ގެ ވަޒީފާ އިން ވަކިކުރި ދެ މީހަކަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައި ބިއުނަލުން އަމުރުކޮށްފި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެގޮތަށް އަމުރުކުރީ ޕޯޓްސް ލިމިޓެޑްގައި އެސިސްޓެންޓް ކްލިއަރެންސް އޮފިސަރުގެ މަގާމުގައި ތިބި މއ. ދަނޑިކޮށީއިރުމަތީގޭ، އަހުމަދު އަފްރާދާއި މ. ދޮއްތަޑަފިގޭ، މުހައްމަދު ވަހީދު އަހުމަދު މި އަހަރުގެ ޖެނުއަރީ މަހު ވަޒީފާ އިން ވަކިކުރުމުން އެ ދެ މީހުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު މިދިޔަ އާދީއްތަ ދުވަހު އެވެ.

ޕޯޓްސް ލިމިޓެޑުން އެ ދެމީހުން ވަޒީފާ އިން ވަކިކުރީ ކުންފުނީގެ ގަވާއިދުތަކާއި ކޯޑުއޮފް ކޮންޑަކްޓާ ޚިލާފަށް އެ ދެ މީހުން ތަކެތި ސުމަގުލް ކުރިކަމަށް ބުނެ އެވެ.

ޓްރައިބިއުނަލްގެ ނިންމުމުގައި ބުނަނީ އެ ދެ މީހުން ތަކެތި ސުމަގްލް ކޮށްފައި ވަނީ ކުންފުނީގެ ގަވާއިދާ ޚިލާފަށް ކަން ސާބިތުކޮށްދެވޭނެ ހެއްކެއް ޕޯޓްސް ލިމިޓެޑަށް ދެއްކިފައިނުވާތީ އެ ދެ މީހުން ވަޒީފާ އިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާގުން ކަނޑައެޅީ ކަމަށެވެ.

އެހެންކަމުން އެ ދެ މީހުންނަކީ އެއްވެސް ހާލެއްގައި ވަޒީފާ އިން ވަކިވެފައިވާ ބައެއްކަމަށް ނުބެލުމަށާއި އެ ދެ މީހުން ވަޒީފާ އިން ވަކިކުރި ތާރީޚު ކަމަށްވާ ޖެނުއަރީ އަށް ވަނަ ދުވަހުން ފެށިގެން މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް އެމީހުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދިނުމަށް ފަހު އެކަން ޓްރައިބިއުނަލަށް އެންގުމަށް ޕޯޓްސް ލިމިޓެޑްގެ މައްޗަށް އަމުރުކުރާކަމަށެވެ.