23 Jun 2023, 23:05
މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ނެރުނު އަމުރު މުރާޖައާ ކޮށްދެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފިއެވެ.
އީސީން އެމްއާރްއެމް އުވާލަން ނިންމީ ޕާޓީއެއް ރަޖިސްޓްރީ ކުރަން ބޭނުންވާ އަދަދު ކަމުގައިވާ 3،000 މެންބަރުން ހަމަނުވާތީއެވެ. އީސީގެ ނިންމުމަށް އަމަލުކުރުން ފަސް ކުރަން ސިވިލް ކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ އަމުރެއް ނެރެފައެވެ.
އެ އަމުރު މުރާޖައާ ކޮށްދިނުމަށް އެ ކޮމިޝަންގެ ފަރާތުން ހުށަހެޅުމުން އެ ކޯޓުން މިއަދު ބުނެފައިވަނީ ގައިރު ހާޒިރުގައި އަމުރު ނެރެދިނުމަށް ހުރަސްއެޅޭ ފަދަ ހަގީގަތެއް އެމްއާރުއެމްގެ ފަރާތުން ހާމަނުކޮށް އޮތްކަން އީސީއަށް ބަޔާންކޮށްދެވިފައި ނެތް ކަމަށެވެ.
އަދި، އެމްއާރްއެމްއިން އަމުރަށް އެދި ހުށަހެޅި ހުށަހެޅުމަށާއި، އެއާ އެކު ހުށަހެޅި ލިޔެކިޔުންތަކަށް ބަލާއިރު ގައިރު ހާޒިރުގައި އަމުރު ނެރެދިނުމަށް ހުރަސްއެޅޭ ފަދަ ސަބަބުތަކެއް ހުރި ކަމަށް ޝަރީއަތަށް ބުރަނުވެވޭތީ އެ އަމުރު މުރާޖައާ ކޮށްދެވެން ނެތް ކަމަށް ކޯޓުން ބުނެފައިވެއެވެ.
އެހެންކަމުން، ޝަރީއަތުން ވަކި ގޮތެއް އަންގަންދެން، އީސީން އެމްއާރުއެމް އުވާލަން ނިންމި ނިންމުމަށް އަމަލެއް ނުކުރެވޭނެއެވެ.
އީސީގެ ނިންމުމާ ގުޅިގެން އެމްއާރްއެމުން ބުނީ އީސީގެ އެ ނިންމުމަކީ ވަރަށް ކޮރަޕްޓު، ނުފޫޒުން ނިންމި ނިންމުމެއް ކަމަށެވެ. އެމްއާރްއެމް އުވައިލަން ނިންމުމުން ދޭހަވަނީ ގައުމުގައި ކޮރަޕްޝަން އޮތް މިންވަރު ކަމަށާއި، ގާނޫނީ ބާރު ހިންގުމަށް ސަރުކާރު 'ނުކުޅެދިފައި' އޮތް މަންޒަރު އެކަމުން ހާމަވާ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.