23 Jun 2023, 22:27
މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ސްލޮޓެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިސްމާއީލް ޒަބީހު, އިއްޔެ އެ މަގާމުން ވަކިކޮށްފިއެވެ.
އޭނާ އެ މަގާމުން ވަކިކުރިކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ "ސަން"އަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބު ވިދާޅުވެފައެއް ނުވެއެވެ.
ޒަބީހު މަގާމުން ވަކިކޮށްފައިވާއިރު، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބެވޭނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސިޔާސަތުތަކަށް ތާއީދުކުރާ ބޭފުޅުންނަށް އެކަނި ކަމަށާއި ނޫން ނަމަ ސިޔާސީ މަގާމުތަކުން ވަކިކުރާނެ ކަމަށް ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ރައީސް ޞާލިޙް ދެއްވާފައިވާ ދައުވަތު ގަބޫލުކޮށްފައިވަނީ އަދާލަތު ޕާޓީން އެކަންޏެވެ. ސަރުކާރު ކޯލިޝަންގައި އޮތް އެމްއާރުއެމުން ވަކި ގޮތެއް ނިންމާފައިނުވާއިރު، ޖުމްހޫރީ ޕާޓީން ނިންމީ ވަކިން ވާދަ ކުރާށެވެ. އެމްޑީޕީއާ އެކު މި ވަގުތު ކޯލިޝަންގައި ދެން އޮތީ މޯލްޑިވިސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އެވެ.
ރިޔާސީ އިންތިޚާބާ ހަމައަށް އެކުގައި ސަރުކާރާ އެކު ނުތިބެވޭނަމަ ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ރައީސް ޞާލިޙް ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އެގޮތުން، އެއްބަސްވެވޭ އެއްބަސްވުމަކީ ތަންފީޒުކުރެވޭ އެއްޗަކަށް ވާން ޖެހޭ ކަމަށާއި އެއްބަސްވުން ތަންފީޒު ނުކުރެވޭ ކަމަށް ވަނީ ނަމަ އޭގެ ބޭނުމެއް ނޯންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޞާލިޙަށް ތާއީދުކުރަން ނިންމައި އެމްއާރްއެމްގެ ސްލޮޓުތަކެއްގައި ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިބި މެންބަރުންތަކެއް މިދިޔަ މަހު އެ ޕާޓީން ވަނީ ވަކިވެފައިވެއެވެ.