ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ލެވޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި 551 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ބަންދުވެފައިވާތީ، ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެ ޝަކުވާތަކަށް އެ ކޮމިޝަނުން ޖަވާބު ދޭނެ ކަމަށެވެ. އަދި، އެ ކޮމިޝަނުންދޭ ޖަވާބާ މެދު ހިތްހަމަ ނުޖެހޭނަމަ، އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު ވެސް ޝަކުވާ ހުށަހަޅާ ފަރާތަށް ލިބިގެންވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަންނަ މަހު ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރާނެ ކަމަށެވެ. އެ ލިސްޓް އާންމު ކުރުމާ އެކު ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޝަކުވާ ހުށަނާޅާ ފަރާތަކަށް ދެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދާއިމީ ލިސްޓުގައި ނަން ނެތް މީހަކަށް ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ނުލިބޭނެ" ހަބީބު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މިއަދު އިލެކްޝަންސް ކޮމިޝަން ނެރެފައިވާ ޝަކުވާ ލިސްޓުގައިވާ ގޮތުން ހުށަހަޅާފައިވާ 551 ޝަކުވާގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ މަރުވެފައިވާ މީހުން ލިސްޓުގައި ހިމަނާފައިވާތީ ހުށަހެޅިފައިވާ ޝަކުވާއެވެ.

އެގޮތުން މަރުވެފައިވާ މީހުން ލިސްޓުގައި އޮތުމުގެ 465 ޝަކުވާ ވަނީ ހުށަހަޅާފައެވެ.

އެ ލިސްޓުގައި ދެން ހުށަހަޅާފައި ވަނީ ދިރިއުޅޭ ތަން ބަދަލުވެގެން ހުށަހަޅާފައިވާ 58 ޝަކުވާއަކާއި، ލިސްޓުގައި ނަން ނެތުމުގެ ސަބަބުން ހުށަހަޅާފައިވާ 19 ޝަކުވާއަކާއި ދާއިރާ ބަދަލުވެގެން ތިން ޝަކުވާއަކާއި ނަން ބަދަލުވެގެން ހުށަހަޅާފައިވާ ފަސް ޝަކުވާއެއްގެ އިތުރުން އައިޑީކާޑު ބަދަލުވެގެން ހުށަހަޅާފައިވާ ޝަކުވާއެކެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބު، ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން އަންނަނީ ތައްޔާރު ވަމުންނެވެ.