ޗެލްސީގެ އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ތިންވަނަ ފަހަރަށް ބިޑު ކުރުމަށް ނިންމައިފިއެވެ.

އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކުރާ ގޮތުގައި ޔުނައިޓެޑުން ފަހު ބިޑެއްގެ ގޮތުގައި މައުންޓަށް ހުށަހެޅުމަށް ނިންމާފައިވަނީ 55 މިލިއަން ޕައުންޑުގެ އަގެކެވެ.

ޔުނައިޓެޑުން ހުށަހެޅުމަށް ނިންމާފައިވާ އެ އަަގަކީ ޗެލްސީން މައުންޓް ވިއްކަން ކަނޑައަޅާފައިވާ އަގާ ގާތްކުރާ އަދަދެކެވެ. ޗެލްސީން މައުންޓް ވިއްކާލަން ބޭނުންވަނީ 60 މިލިއަން ޕައުންޑާއެކު ބޯނަސްގެ ގޮތުގައި ފަސް މިލިއަން ޕައުންޑް ލިބޭ ގޮތަށެވެ. ޔުނައިޓެޑުން މައުންޓާ މަޝްވަރާކޮށް، އޭނާ ވެސް އެ ކްލަބާ ގުޅުމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މައުންޓް ހޯދުމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް މަސައްކަތްކުރަމުންދަނީ އެ ކްލަބުގެ މިޑްފީލްޑް އިތުރަށް ވަރުގަދަކުރުމުގެ ގޮތުންނެވެ. އެހެންކަމުން ޔުނައިޓެޑުން ކުރިން ހުށަހެޅި ދެ ބިޑު ޗެލްސީން ގަބޫލުކޮށްފައިނުވި ނަމަވެސް، ބޮޑު އަގެއް ދީގެން ވިޔަސް މައުންޓް ހޯދުމަށް ޔުނައިޓެޑުން ބޭނުންވެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޗެލްސީން މައުންޓް ވިއްކާލަން ބޭނުންވި ނަމަވެސް، އެ ކަލްބުން މަޑުކުރަނީ އެންމެ ރަނގަޅު ހުށަހެޅުމެއް ލިބެންދެނެވެ. އަނެއްކޮޅުން ޗެލްސީން މައުންޓްގެ ބަދަލުގައި ބޭނުންވަނީ ބްރައިޓަންގެ މިޑްފީލްޑަރު މޮއިސެސް ކައިސޭޑޯއެވެ. ޗެލްސީން އޭނާ ހޯދުމަށް 80 މިލިއަން ޕައުންޑު ހަރަދުކުރަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.