މެންޗެސްޓާ ސިޓީއާ ގުޅުމަށް ޗެލްސީގެ ކްރޮއޭޝިއާ މިޑްފީލްޑަރު މަޓިއޯ ކޮވަސިޗް މެޑިކަލް ފުރިހަމަކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސިޓީން ވަނީ ކޮވިސިޗް ހޯދުމަށް ޗެލްސީއަށް 25 މިލިއަން ޕައުންޑް (32 މިލިއަން ޑޮލަރު)ގެ އަގެއް ދިނުމަށް އެއްބަސްވެފައެެވެ. އޭގެ އިތުރުން ބޯނަސްގެ ގޮތުގައި ފަސް މިލިއަން ޕައުންޑު ދިނުމަށް ވެސް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކުރާ ގޮތުގައި ސިޓީއާ ގުޅުމަށް ނިންމައި، ކޮވަސިޗް މިހާރު ވަނީ އެ ކްލަބުގެ މެޑިކަލްގައި ބައިވެރިވެފައެވެ.

ޗެލްސީއާއެކު ކޮވިސިޗް ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ އަންނަ ސީޒަނުގައެވެ. ނަމަވެސް ޗެލްސީގެ ހަރަދު ކުޑަކޮށް، އާ ކުޅުންތެރިން ހޯދުމަށް އެ ކްލަބުން ވަނީ ކޮވިސިޗް ދޫކޮށްލުމަށް ނިންމައިފައެވެ. މިދިޔަ ހަފުތާގައި ކޮވިސިޗްއާ ވެސް ވާހަކަދައްކައި، ސިޓީން ޓްރާންސްފާގެ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

ޗެލްސީން ދަނީ އަންނަ ސީޒަނުގައި އެޓީމުގެ މިޑްފީލްޑަށް ބޮޑު ބަދަލެއް ގެނައުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު ޗެލްސީން އިޓަލީ މިޑްފީލްޑަރު ޖޯޖީނިއޯ އާސެނަލަށް ދޫކޮށްލާފައިވާ އިރު، ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ވަނީ ބޮޑު އަގަކަށް ސައުދީ އަރަބިއާގެ އަލް އިއްތިހާދާ ގުޅިފައެވެ.

ޗެލްސީގެ މިޑްފީލްޑަށް ގެންނަން އެންމެ މަސައްކަތްކުރާ އެއް ކުޅުންތެރިޔަކީ ބްރައިޓަންގެ މޮއިސަސް ކައިސޭޑޯއެވެ. އޭނާއަށް ޗެލްސީން 80 މިލިއަން ޕައުންޑް ހަރަދުކުރަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.