އެމްޑީޕީގެ ފުރަތަމަ ކޮންގްރެސްގައި ޕާޓީގެ ފުރަތަމަ ރައީސަކަށް ހޮވި ވަޑައިގެންނެވީ އިބްރާހިމް އިސްމާއީލް (އިބްރާ) އެވެ. އޭނާ ރައީސް ކަމަށް ވަޑައިގެންނެވީ ޑިސެމްބަރު 20، 2005 ގައި 193 ވޯޓުންނެވެ. އެމްޑީޕީގެ ރައީސް ކަމުން އިބްރާ އިސްތިއުފާ ދެއްވެވީ މޭ 1، 2006ގަ އެވެ. އެހެން ކަމުން އެމްޑީޕީގެ ރައީސް ކަމުގައި އިބްރާއަށް ހުންނެވުނީ 132 ދުވަހު އެވެ. އިބުރާ އަށް ފަހު އެމްޑީޕީގެ ރައީސް ކަމަށް ވަޑައިގެންނެވީ ޑރ. މުހައްމަދު މުނައްވަރެވެ. އެއީ 4457ވޯޓުން ޖޫން 3، 2007 ގައެވެ. މުނައްވަރު އިސްތިއުފާ ދެއްވީ އޯގަސްޓް 13، 2008 ގައެ. މުނައްވަރަށް އެމްޑީޕީގެ ލީޑާޝިޕްގައި ހުންނެވުނީ 437 ދުވަހު އެވެ.

އެމްޑީޕީގެ ރައީސް ކަމަށް ދެން ވަޑައިގެންނެވީ ޑރ. އިބްރާހިމް ދީދީ (ޑީޑީ) އެވެ. ޑީޑީ އެމްޑީޕީގެ ރައީސް ކަމަށް 6909 ވޯޓުން ވަޑައިގަތީ 1 މޭ 2011 ގަ އެވެ. އިއްޔެ ކުއްލި ގޮތަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަކުން އިތުބާރު ނެތް ކަމަށް ފާސްކޮށް ޑީޑީ އެމްޑީޕީގެ ރައީސް ކަމުން ވަކި ކުރެއްވުމުން ޑީޑީއަށް ރައީސްގެ ގޮނޑީގައި އިންނެވުނީ 365 ދުވަހު އެވެ. އޭނާއާ އެކު ނައިބު ރައީސް ކަމަށް ވަޑައިގެންނެވި އަލްހާން ފަހުމީ އަށް ވެސް ޖެހުނީ އެއް ދަތުރެކެވެ. "މަގޭ ވޯޓް ކޮބައިހޭ؟" ސުވާލު ކުރައްވާށެވެ.

މާޒީ އޮތް ގޮތުން އެމްޑީޕީގެ ރައީސުން އިސްތިއުފާ ދެއްވާ ވަގުތުކޮޅު ވެގެންދަނީ ވަރަށް ބޮޑު ސިހުމެއް ގެނެސްދޭ ވަގުތު ކޮޅަކަށެވެ. މިއަދު ޑރ. ޑީޑީ އާއި އަލްހާން މަގާމުން ވަކި ކުރެއްވުމުން ވެސްވީ އެހެނެވެ. ސުވާލަކީ އެމްޑީޕީގެ އެއްވެސް ރައީސަކަށް ދައުރު ފުރިހަމަ ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟

އެމްޑީޕީގެ ރައީސުންގެ ތެރެއިން ފުރަތަމަ ރައީސް އިބްރާ އަށް އޭނާގެ ބާރުތައް ގެއްލި، ޕާޓީގެ ރައީސް ކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންވި ހިސާބަށް ދަމާހެއްޔެވެ؟

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ ރައީސަކީ ޕާޓީގެ އެންމެ އިސްފަރާތެވެ. އެހެން ވިޔަސް އެމްޑީޕީގެ "ވަކި ހިސާބަކަށް ޖަމާވާ' މެމްބަރުން އެއް އިރެއްގައި ވެސް އެގޮތަށް ގަބޫލެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ފެންނަނީ ޕާޓީގެ ރައީސަކީ އެއްވެސް ކަމެއްގައި ނަގާ ކިޔޭ މީހަކަށް ނުވެ "ސެރެމޯނިއަލް" ލީޑަރެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރާތަނެވެ. އިބްރާ އަށް ވެސް ޑރ. މުހައްމަދު މުނައްވަރަށް ވެސް އަދި އިއްޔެ މަގާމު ވަކި ކުރެއްވި ޑރ. އިބްރާހިމް ދީދީ އާއި ނައިބު ރައީސް އަލްހާން ފަހުމީއަށް ވެސް ވީ އެހެނެވެ. އަސާސީ ގަވައިދުން ލިބިވަޑައިގެންނެވި ބާރުތައް އޮއްވައި އޭގެ މައްޗަށް "ގަދަވަގަތީ" ޕާޓީގެ އިސްލީޑަރު ކަމަށް ނިންމާފައިވާ، ޕާޓީގެ އެއްވެސް އިލެކްޓެޑް މަގާމެއްގައި ނެތް، ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ރޭވުންތެރިން ކަމާއި ބާރެވެ.

ދެ ހާސް ހަތަރުވަނަ އަހަރުން ފެށިގެން އިބްރާއަކީ އެމްޑީޕީގެ ވަރުގަދަ ތަނބެކެވެ. އޭނާއަކީ ސިޔާސީ ތަޖުރިބާއާ އެކު އާދަޔާހިލާފު ލީޑަރެއް ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނު ލީޑަރެކެވެ. އިބުރާ ވިދާޅުވާ ގޮތަށް އޭނާ އޮތީ "ބަސް ވިދާޅުވެފަ" އެވެ.

ކަން ދިމާވި ގޮތުން އެމްޑީޕީން ވަކިވެ ވަޑައިގެން ހުންނެވުމަށް ފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ހުންނެވި އިބުރާގެ މިހާރުގެ ވާހަކަފުޅު ދެއްކެވުމާއި ރާގު، ހާއްސަކޮށް ބަސްކޮށާރު ބަދަލުވެފައި ވިޔަސް 2004، 2005ގައި އިބުރާ ދެއްކެވި ވާހާކަފުޅުތަކަކީ ސިޔާސީ ގޮތުން އޮއްޓަރު ހުރި ސުލޫކީ މިންގަނޑުގައި ހިފައްހެއްޓެވި ވާހަކަތަކަކެވެ. ކަންކަން ހައްލު ކުރުމުގައި ރައީސް މައުމޫނުގެ "ވަރުގަދަ" ސަރުކާރާ ވާހަކަ ދެއްކެވުމަށް އިސްކަން ދެއްވައި އެމްޑީޕީ ބޭނުންވި ގޮތަށް ކަންކަން ބަދަލުކޮށްލެވި ބޭފުޅެކެވެ.

ނަމަވެސް އެމްޑީޕީގެ ރައީސަކަށް އިބުރާ އިންތިހާބު ވެވަޑައިގަތުމާއެކު މަޑުމަޑުން ރައީސް ކަމުގެ ބާރުތައް އޭރުގެ ޗެއާޕާސަން ރައީސް ނަޝީދުގެ އަތްޕުޅު މައްޗަށް ފުރޮޅެން ފެށި އެވެ. އަދި މަޑުމަޑުން ރީނދޫ މަންޒަރުގެ ތެރެއިން އިބްރާ ދިޔައީ ފޭދެމުން ގެއްލެމުންނެވެ. ސީޔާސީ ގޮތުން އޭނާ ގެންގުޅުއްވި މޮޑަރޭޓް އުސޫލުތައް އެމްޑީޕީ އަށް ކަމު ނުދިޔައީ އެވެ. ދެން މަޖުބުރުވީ އިސްތިއުފާ ދެއްވާށެވެ. ހަގީގަތަކީ ޕާޓީގެ ރައީސަކު ހުއްޓަސް، އަސާސީ ގަވައިދުގައި ކޮންމެ ބާރެއް އޮތަސް ގައުމީ މަޖިލިސް ނަޝީދު ފިކުރަށް އަބަދުވެސް އަތް ނަގައިގެން ތިބުމެވެ.

އެމްޑީޕީގެ "މެޝިނަ" ށް އަބަދު ވެސް ދިމާވާ މައްސަލައަކީ އެއީ އެވެ. ޕާޓީގެ ރައީސްގެ ބާރުވެރި ކަމާއި ރައީސް ނަޝީދުގެ ބާރުތައް ފެށޭ ހިސާބާއި ނިމޭ ހިސާބު އޮޅުން ނުފިލާ އޮންނަ މައްސަލަ އެވެ. ނަޝީދަށް ފަހު ޗެއާޕާސަންގެ މަގާމަށް މާރިޔާ އަހުމަދު ދީދީ ވަޑައިގެންނެވި ނަމަވެސް އަދި ފަހުން ވަގުތީ ބޭފުޅެއްގެ ގޮތުގައި ރީކޯ މޫސާ މަނިކު ވަޑައިގެންނެވި ނަމަވެސް އެއީ ސިޔާސީ ގޮތުން ޖައްސަވާފައިވާ ނަންބޯޑުތައް ކަމަށް ބެލެވިދާނެ ހަގީގަތްތައް އެބަހުއްޓެވެ. އެ ދެބޭފުޅުން ނަކީ ވެސް ރައީސް ނަޝީދުގެ ފޭވަރިޓުންނެވެ. ހަގީގީ ބާރަކީ ރައީސް ނަޝީދެވެ. ނަތީޖާއެއްގެ ގޮތުން ޕާޓީގެ ރައީސެއްގެ ބާރެއް އެމްޑީޕީއަކު ނޯވެ އެވެ.

ދެވަނަ އަށް ޕާޓީގެ ރައީސް ކަމަށް ވަޑައިގެންނެވި ޑރ. މުހައްމަދު މުނައްވަރަކަށް ވެސް ރައީސް ނަޝީދު ބޭނުންފުޅު ނުވާ ގޮތަކަށް ކަންކަން ކުރައްވާނެ އިހުތިޔާރު ލިބިވަޑައެއް ނުގެނެންނެވި. އަމުދުން ކުޑަ ފުރުސަތެއް ވެސް ޑރ. މުނައްވަރަށް ލިބިވަޑައެއް ނުގެންނެވި އެވެ. މުނައްވަރު ހުންނެވީ ގާތްގަނޑަކަށް "އެހެލާފަ" އެވެ. ދެން އައި މަރުހަލާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ނަޝީދު ވަޑައިގަތުމުގެ މަރުހަލާ ފެށުމެވެ. އެހާ ހިސާބުން އަދި ޗެއާޕާސަން ކަމަށް މާރިޔާ ވަޑައިގެންނެވީ އެވެ. މުނައްވަރު "ކޮއްޕާލުމަށް" ފަހު ހުރިހާ ބާރެއް ދެއްވީ ނައިބު ރައީސް އިބްރާހިމް ހުސައިން ޒަކީއަށެވެ. އެއީ ވެސް ރައީސް ނަޝީދުގެ ފޭވަރިޓެކެވެ. އެހެން ކަމުން ރައީސް ނަޝީދުގެ ސިޔާސީ ކުޅިޖެއްސެވުމުގައި ތިއްބެވީ އެ ދެބޭފުޅުނެވެ. މުނައްވަރަށް ޖެހިވަޑައިގަތީ ނޮމިނަލް ބޭފުޅަކަށް ވެވަޑައިގަންނަވާށެވެ. ބޮޑަށް އަދާ ކުރެއްވީ ޕާޓީގެ ލޯޔަރެއް ދައުރެވެ.

މުނައްވަރު ވިދާޅުވާ ގޮތުގައި އެމްޑީޕީގެ ރައީސް ކަން ކުރެއްވޭނީ ރައީސް ނަޝީދުގެ "ޕަޕެޓަކަށް" ވެގެނެވެ. މާނައަކީ އިބްރާ އާއި މުނައްވަރާ ޑރ. ޑީޑީ އަށް ރައީސްކަމާ ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ ނަޝީދު ބޭނުން ފުޅުވާ ގޮތަށް ދީއްލާ ނުލެއްވުމުންނެވެ. އަދި ޕާޓީގެ ރައީސްގެ މައްޗަށް ނަޝީދުގެ ބާރު ގަދަވެފައި އޮތުމެވެ.

"ނަޝީދު ބޭނުންވާ ގޮތަކަށް ކަންތައް ކުރާ، ނަޝީދުގެ ބަސް އަހާ، ނަޝީދުގެ ޕަޕެޓެއްކަމަށް ވެއްޖިއްޔާ އެ މަގާމު އަދާކުރެވިދާނެ. ނަޝީދާ ހިޔާލު ތަފާތުވާ އަމިއްލަ ހިޔާލެއް ގެންގުޅޭ މީހަކަށް އެކަން ފުރިހަމައަށް އަދާ ކުރެއްވެވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މުނައްވަރު ވިދާޅުވި އެވެ.
ފުރަތަމަ ރައީސް އިބްރާގެ އިސްތިއުފާގެ ސިޓީއަށް ބަލައިލާށެވެ؛ އެ ސިޓީން ދޭހަކޮށްދެނީ އޭނާ އަކީ އެމްޑީޕީގެ ރައީސް ކަމަށްވިޔަސް ބާރެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ނޫން ކަމެވެ. ރައީސްގެ އެއްވެސް ކަމަކަށް ޕާޓީގެ އިސް ފަރާތްތަކުގެ ރުހުމެއް ނޯވެ އެވެ. ރުހުން ލިބެނީ ޗެއާޕާސަނަށެވެ. އެހިސާބުން އިބްރާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ގައުމީ ހިންގާ ކޮމެޓީއަށް ވަނުމުން ރައީސްކަމުން އިސްތިއުފާ ދެއްވީ އެވެ. ޗެއާޕާސަން ނަޝީދުގެ ބާރާއި ނުފޫޒު ގަދަވެގެނެވެ.

ޑރ. މުނައްވަރު ޕާޓީގެ ރައީސް ކަމަށް ވަޑައިގަތުމަށް ފަހު ވެސް ރީނދޫ ދިދައިގެ ރިޔާސަތުގައި ތަކުރާރުވީ އެއް ކަމެކެވެ. ޕާޓީގެ ރައީސްގެ ބާރުތަކުގެ މައްޗަށް ޗެއާޕާސަންގެ ބާރު ގަދަވެގަތުމެވެ. އެހެންނަމަވެސް ޑރ. އިބްރާއާ ތަންކޮޅެއް ތަފާތެވެ. އިސްތިއުފާ ދެއްވާ ޕާޓީން ވަކިވެ ވަޑައިގެންނެވީ "ރިއެކްޓް" ކުރެއްވުމުގެ ބަދަލުގައި ސޮފްޓް ކޯނާއެއް ހޯއްދަވައިގެން މަންޒަރު ބައްލަވަން ދުރުގައި ހުންނެވުމަށް ފަހު އެވެ.

އިބްރާ ވެސް މުނައްވަރު ވެސް އަދި ޑީޑީ ވެސް ރީނދޫ ޕޯޑިއަމްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ ލާބަޔާއި މަންފާ އަށް މަސައްކަތް ކުރާ، ރައްޔިތުންގެ ތާއީދު ލިބިފައިވާ އަދި ތާއީދު ލިބޭ ޕާޓީއަކަށް އެމްޑީޕީ ހަނދާނެ ކަމަށެވެ. ނަމަވެސް އިބުރާ އާއި މުނައްވަރު ވެސް މަގާމު ދޫކޮށްލެއްވީ ޕާޓީގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ "ވިސްނުންފުޅު ހުރި ގޮތުން" އެ މަގުސަދު ހާސިލުކުރެވިދާނެ ކަމަށް ގަބޫލުނުކުރެއްވޭނެ ކަމަށް ވިދާޅުވަމުންނެވެ. ހާއްސަކޮށް މުނައްވަރު ވިދާޅުވެފައި ވަނީ ޑިމޮކްރެޓިކް ނޫން ބާރުގަދަ ނުފޫޒުތަކެއް އެމްޑީޕީގެ ލީޑާޝިޕްގެ ތެރެއަށް ވަދެފައިވާ ކަމަށެވެ.

ރައީސް ކަމުގެ މަގާމުން ވަކިކުރި ޑރ. ޑީޑި އާއި ވިދާޅުވަމުން އައި ވާހަކައެއް އޮވެ އެވެ. މުނައްވަރާއި އިބްރާ އެމްޑީޕީންގެ ރައީސް ކަމުން ވަކިވެވަޑަންނަވަން ޖެހުނީ "ވެރިކަމުގެ ދަހިވެތި ކަމުގެ ބަލީގައި" ޖެހުމުން ކަމަށެވެ. އޭނާއަށް ދުވަހަކު ވެސް އެ ބަލި ނުޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު މިވަނީ ހުރިހާ ކަމެއް މުޅިން ފުށުން ޖެހިފަ އެވެ. ޑީޑީ ހީފުޅު ކުރެއްވި ގޮތާ ހިލާފަށް ޑރ. ޑީޑީއަށް ވެސް ޖެހުނީ މުނައްވަރާއި އިބްރާއަށް ވެސް ޖެހިވަޑައިގެންނެވި ދަތުރުފުޅެވެ.

މިހާރު ޑީޑީގެ ލަވަ ވަނީ ބަދަލު ކުރައްވާފަ އެވެ. ވިދާޅުވަނީ އޭނާ މަގާމުން ދުރުކުރުން އެއީ ޑިމޮކްރަޓިކް ޕާޓީގެ ނަމުގައި ތިބެ، ހިންގި ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަލްހާން ފަހުމީގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމުގެ ކުއްލި މައްސަލަ ހުށަހެޅުއްވީ ރައީސް މުހަންމަދު ނަޝީދާ ގާތުން މަސައްކަތްކުރައްވާ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ އަމީންއާއްމު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރެވެ. އަދި އެ މައްސަލަ އަށް ތާއީދު ކުރެއްވީ ރައީސް ނަޝީދުގެ އެންމެ ކައިރީގައި ގެންގުޅުއްވާ ރައީސް އޮފީހުގެ ކުރީގެ އެގްޒެކެޓިވް ސާވިސަސް ސެކްރެޓަރީ މުހައްމަދު ޒިޔާދު (ޒިޔައްޓޭ) އެވެ. އެހެން ކަމުން މިއީ ވެސް ޕާޓީގެ ރައީސްގެ ބާރުތައް ކަނޑުވާލުމަށް ރައީސް ނަޝީދު ކުޅުއްވެވި ކުޅިއެއް ކަމަށް ނުބެލެވޭނެ ސަބަނެއް ސިޔާސީ ގޮތަކުން ނުފެނެ އެވެ.

އެމްޑީޕީން ކުރިން ވަނީ ރައީސްގެ މަގާމު އުވާލަން ކޮންގްރެހަށް ހުށަހެޅުމުން ޕާޓީގެ މެންބަރުން އެކަމަށް ތާއީދު ނުކޮށްފަ އެވެ. އެހެންނަމަވެސް ޕާޓީގެ ވަކި ހިސާބަކުން ފެންނަމުން މިދަނީ ޕާޓީގެ ރައީސަށް ހުރަސް އަޅުއްވާ ބާރުތައް ހިފަހައްޓަވާ މަންޒަރެވެ. އިބްރާ އާއި މުނައްވަރު ވެސް ވިދާޅުވި ފަދައިން ޑރ. ޑީޑީ އަށް މިފަހަރު ވިދާޅުވެވުނީ ރައީސް ނަޝީދުގެ 100 ޕަސެންޓް ބާރު އޮންނަ ގައުމީ މަޖިލީހަކުން އެފަދަ ވޯޓެއް ނިމިގެން ދާނީ ރައީސް ނަޝީދުގެ ބްލެސިން އޮވެގެން ކަމަށެވެ. އެވިދާޅުވެވެނީ ރައީސް ނަޝީދުގެ ބާރު ގަދަވެ އެހެން ލީޑަރަކަށް ވެސް ބާރަކަށް ވެސް އެމްޑީޕީގައި ފުރުސަތެއް ނެތް ކަމަށެވެ. ދެން އޮތީ އެންމެ ގޮތެކެވެ. އެއީ ރައީސް ނަޝީދުގެ ވިސްނުން ނިމޭ ހިސާބުން އެމްޑީޕީގެ މެންބަރުން ވިސްނަން ފެށުމެވެ.