23 Jun 2023, 16:04

މީގެ 111 އަހަރު ކުރިން އެޓްލާންޓިކް ކަނޑުގެ އަޑިއަށްދިޔަ ފަސިންޖަރު ބޯޓު ޓައިޓޭނިކް އޮތްތަން ބެލުމަށް ޓައިޓަން ސަބްމެރީންގައި މިދިޔަ އާދީއްތަ ދުވަހު އަޑިއަށް ދިޔަ ފަސް މީހުންގެ ތެރޭގައި ޕާކިސްތާނުގެ އެންމެ މުއްސަނދި އެއް ޢާއިލާގެ ދެބަފައިން ހިމެނެއެވެ.
މި ސަބްމެރީން އާ ގުޅުން ކެނޑުނުތާ ހަތަރު ދުވަސް ފަހުން އިއްޔެ، ސަބްމެރީންގެ ބައެއް ބައިތައް 16000 ފޫޓު އަޑިން ފެނިފައިވާކަމަށް އެމެރިކާގެ ކޯސްޓްގާޑުން ބުނެފައިވެއެވެ.
އަޑިއަށްދިޔަތާ ޤަރުނަކަށްވުރެ ގިނަ ދުވަސްވެފައިވާ ޓައިޓޭނިކް ބަލައިލުމަށް ދިޔުމަކީ ރިސްކު ބޮޑު އަދި އަގުވެސް އިންތިހާއަށް ބޮޑު ކަމެކެވެ. މިފަދަ ދަތުރުތައް ޢާންމުގޮތެއްގައި ކުރަނީ މުއްސަނދި މަހުޖަނުންނާއި އާކަންކަން ތަޖުރިބާ ކުރުމުގެ ޝައުޤްވެރިކަން ހުންނަ މީހުންނެވެ.
ޓައިޓަން ސަބްމެރީންގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސަބްމެރީން އޮޕަރޭޓްކުރާ ކުންފުނީ އޯޝަންގޭޓްގެ ސީއީއޯ ސްޓޮކްޓަން ރަޝް (61 އަހަރު) އާއި އިނގިރޭސި ވިލާތުގައި ދިރިއުޅޭ ޕާކިސްތާނުގެ ވިޔަފާރިވެރިޔާ ޝާހުޒާދާ ދާއޫދު (48 އަހަރު) އާއި އޭނާގެ ފިރިހެން ދަރިފުޅު ސުލައިމާން (19 އަހަރު) އާއި އިނގިރޭސިވިލާތުގެ ބިލިއަނަރެއް ކަމުގައިވާ ހާމިޝް ހާޑިންގް (58 އަހަރު) ގެ އިތުރުން ފްރާންސްގެ ސައްޔާޙެއްކަމުގައިވާ ޕޯލް ހެންރީ ނާޖިއޮލެޓް (77 އަހަރު) އެވެ.
ސަބްމެރީންގެ ފުނޑުވެފައިވާ ބައިތައް ފެނުނީ ރިމޯޓް ކޮންޓްރޯލް އުޅަނދެއްގެ އެހީގައެވެ. ނަމަވެސް މަރުވެފައިވާ އެއްވެސް މީހެއްގެ ހަށިގަނޑުގެ އެއްވެސް ބައެއް ފެނިފައެއް ނުވެއެވެ.
ސަބްމެރީންގައި މަރުވި ޕާކިސްތާނަށް ނިސްބަތްވާ ދެބައިފައިންނަކީ ޕާކިސްތާނުގެ ދަނޑުވެރިކަމާގުޅޭ ވިޔަފާރި ކުންފުނި އެންގްރޯ ކޯޕަރޭޝަންގެ ވައިސް ޗެއާމަން، ދާއޫދު ދިރިއުޅެނީ އޭނާގެ އިނގިރޭސި އަނބިމީހާ ކްރިސްޓީން އާއެކު އިނގިރޭސިވިލާތުގައެވެ. ދަރިފުޅު ސުލޭމާނަކީ ކިޔަވާކުއްޖެކެވެ. ރިޕޯޓްތައް ބުނާގޮތުން މި ދަތުރުގައި ސުލޭމާން ހުރީ އެހައި ދާހިތަކުންނޫނެވެ. ކަނޑުއަޑިއަށް އެހައި ރިސްކުބޮޑު ދަތުރެއްކުރަން ވަރަށް ފަސްޖެހުނެވެ. ނަމަވެސް އޭނާގެ ބައްޕަ ހިތްހަމަޖައްސައިދޭން ދިޔައީކަމުގައި އެ ރިޕޯޓްގައި ބުނެފައިވެއެވެ.
ޓައިޓަން ސަބްމެރީން ޓައިޓޭނިކާ ހަމައަށް ދިޔުމަށް ދެ ގަޑިއިރު ނަގައެވެ. 18 ޖޫން (އާދީއްތަ) ދުވަހު ހެނދުނު އަށެއް ޖެހިއިރު ފަސް މީހުންނާއެކު ޓައިޓަން ކަނޑުއަޑިއަށް ފެށި ދަތުރު ފެށިތާ އެއް ގަޑި 45 މިނެޓް ފަހުން، ހެނދުނު 9:45 ގައި ފެންމަތީގައި އޮތް އުޅަނދާ އެ ސަބްމެރީންގެ ގުޅުން ކެނޑުނެވެ. ނަމަވެސް އެމެރިކާގެ ކޯސްޓްގާޑަށް މި ކަމާގުޅޭ ޚަބަރެއް ކޮށްފައިވަނީ އެދުވަހުގެ ހަވީރު 5:40 ގައެވެ. އެހާ ހިސާބުން ފެށިގެން މި ސަބްމެރީން ހޯދުމަށް ވައިގެ މަގުންނާއި ކަނޑުމަގުން ޚާއްޞަ އޮޕަރޭޝަންތައް ހިންގިއެވެ. މިގޮތުން ސޯނާ ބޮއެތައް އަޅައިގެން ކަނޑުގެ އަޑިން އަޑުއަހަމުން ގެންދިޔައެވެ. ނަމަވެސް ޓައިޓަންގައި ހުރީ އެންމެ 96 ގަޑިއިރުގެ އޮކްސިޖަނަށް ވެފައި ލަސްވާކޮންމެ ސިކުންތަކީ ވެސް ރިސްކުބޮޑު ކަމަކަށްވާތީ އެމެރިކާ އާއި ކެނެޑާ އަދި ފްރާންސްގެ 10 އުޅަނދެއް މިކަމުގައި ޙަރަކާތްތެރިވިއެވެ. މިގޮތުން ބުދަ ދުވަހު 19 ހާސް ފޫޓު އަޑިއަށް ފޮނުވޭ ރޮބޮޓެއް ވެސް ބޭނުންކުރަން ފެށިއެވެ. ޓައިޓަން ހޯދުމަށް ހިންގުނު އޮޕަރޭޝަނަށް މިހާތަނަށް 6.5 މިލިއަން ޔޫއެސްޑޮލަރު ހޭދަކޮށްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
ތަޖުރިބާކާރުން ހާމަކޮށްފައިވާގޮތުގައި ފުނޑުވެފައިވާ ބައިތައް ފެނުނީމަ އިންސާނަކަށް އެއިން ސަލާމަތް ނުވެވޭނެކަން އެނގުނެވެ. އެހައި މަތީ ޕްރެޝަރުގައި އެހައި އަޑީގައި ސަބްމެރީން އޮންނައިރު ފުނޑުފުނޑުވާން ނަގާނީ ފަޅި ސިކުންތެއްކަމަށް ސައިންސްވެރީން ބުނެފައިވެއެވެ.
ޓައިޓަންއަކީ އަދިވެސް ތަޖުރިބާކުރުމުގެ މަރްޙަލާގައި އޮތް އުޅަނދެކެވެ. ޓައިޓޭނިއަމާއި ކާބަން ފައިބަރ ބޭނުންކޮށްގެން އެންމެ މަތީ ޕްރެޝަރ ތަހައްމަލުކުރެވޭ ފެންވަރަށް އުފައްދާފައިވާ މި އުޅަނދަށް އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ހުއްދަ ދީފައި ނުވާތީ އޮޕަރޭޓް ކުރަމުންދަނީ އެމެރިކާގެ އިޙްތިސާސުން ބޭރުގައެވެ. އަދި މި އުޅަނދުގައި ދަތުރުކުރުމުގެ ރިސްކު ބޮޑުކަމުން ފުރާނައަށް ނުރައްކާ ވެދާނެ 10 ހާލަތަކަށް އެއްބަސްވެ ދަތުރު ފެށުމުގެ ކުރިން ފަސިންޖަރުން ސޮއިކޮށް އިގުރާރުވެސް ވާންޖެހެއެވެ.
މި ސަބްމެރީން އޮޕަރޭޓްކުރާ ކުންފުނި އޯޝަންގޭޓާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. މި ދަތުރުތަކަށް އޮންނަ ޑިމާންޑުގެ ސަބަބުން މިހާތަނަށް ވެސް މި ދަތުރުތައް ދިޔައީ ކުރަމުންނެވެ. ޓައިޓަންގައި ޓައިޓެނިކް ޝިޕްރެކް ބަލައިލުމަށް ފަސިންޖަރަކަށް ދެލައްކަ ފަންސާސްހާސް ޔޫއެސް ޑޮލަރު ދައްކަންޖެހެއެވެ.