23 Jun 2023, 14:47
ޢަރަފާތު ދުވަސް ނުވަތަ ހައްޖު ދުވަހަކީ ފާފަ ފުއްސެވުމާއި ޢަފޫ ކުރެއްވުުގެ ދުވަސް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޢަރަފާތު ދުވަހުގެ މާތް ކަމުގެ މައްޗަށް އަލި އަޅުވާލާ މިއަދު ދިން ޚުތުބާގައި ބުނީ، ޢަރަފާތު ދުވަހަކީ ނަރަކައިން ދިންނެވުމާއި މުއްތި ކުރެއްވުމުގެ ދުވަސް ކަމަށެވެ. އަދި ޙައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން ވެސް މި ދުވަހުގެ ސަވާބުން މަހުރޫމް ނުވާކަމަށް ޚުތުބާގައި ބުންޏެވެ.
"ޙައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން، ޢަރަފާތު ދުވަހު ރޯދަ ހިފުން މޮޅު އިތުރު ވެގެން ވޭ. ޢަރަފާތު ދުވަހުގެ ރޯދަ ހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި، އަންނަން އޮތް އަހަރުގެ ފާފަތައް ފުއްސަވާނޭ ކަމެއްކަމަށް ރަސޫލާގެ ހަދީޘުން ސާބިތުވެފައި ވެއެވެ،" ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ، މި މަސްތެރޭ އަންނަ އަނެއް ދުވަހަކީ އަޟްހާ ޢީދު ދުވަސް ކަމަށެވެ. މިއީ އެހެން މީހުނަށް ހެޔޮ ފޯރުވައި އެހީތެރިވެ ދިނުމުގެ ދުވަސް ކަމަށް ޚުތުބާގައި ބުންޏެވެ.
މި ދުވަހު ސަވާބާއި ދަރުމަ ބަޔާންކޮށް ޚުތުބާގައި ބުނީ، ތަނަވަސްކަން ލިބިގެންވާ މީހުން އުޟުހިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށެވެ.
"އުޟުހިޔާ ކަތިލުމަކީ އަޟްހާ ޢީދު ދުވަހު ޢީދު ނަމާދަށް ފަހު ހައްހު މަހުގެ 13 ވަނަ ދުވަހު އިރު އޮއްސެއްޖެއުމަށް ދާންދެން ގެރި ބަކަރި، ޖަމަލު ދަފަ ނަޢަމުސޫފި ﷲގެ މަގުގައި ކަތިލުމެވެ.،" ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ، ޙައްޖުގެ އަޅުކަމަށް ފަހު އަންނަ އަޟްހާ ޢީދުގެ އުފާވެރި ދުވަސްތަކަކީ ކެއުމާއި ބުއިމާ، ރީތި ފޭރާން ލާ، ޒީނަތްތެރިވެ އުޅުމާއި، ކުޅިވަރު ކުޅެ، އުފާ ފާޅުކުރުމުގެ ދުވަސްތައް ކަމަށެވެ.
މިފަދަ ކޮންމެ މުނާސަބަތެއް ވެސް ފާހަގަ ކުރަން ވާނީ، ﷲއަށް ކުރެވޭ މަތިވެރި އަޅުކަމުގައި ކަމަށް ޚުތުބާގައި ވަނީ ހަނދާން ކޮށްދީފައެވެ.
"ޢީދު ނަމާދަކީ ފިރިހެނުންނާއި އަންހެނުންނާ ކުޑަކުދީންނާއި ދަތުރުވެރީންނާއި ރަށުގައި ގާއިމްވެ ތިބޭ މީހުން ކުރުން ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. އަދި އަންހެނުންގެ ތެރެއިން ޢީދު ނަމާދުގައި ބައިވެރިނުވެވޭ ޢުޒުރުވެރިން ވެސް ޢީދު ނަމާދު ކުރާ މައިދާނަށް ނުކުމެ ޢީދު ޚުތުބާ އަޑު އެހުމަށް ރަސޫލާ އަންގަވާފައި ވެއެވެ،" ޚުތުބާގައި ބުންޏެވެ.