23 Jun 2023, 15:28
ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް މޫސުން ރަނގަޅުވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
ކުރިއަށް އޮތް ހަފުތާއަށް މޫސުން ލަފާ ކުރާ ގޮތާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ހޯމަ ދުވަހަށް ފަހު މޫސުން ރަނގަޅު ވާނެކަމަށެވެ.
އެގޮތުން ވައި މަޑުވެ ކަނޑުތައް ވެސް މަޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހޯމަ ދުވަހުގެ ފަހުން ވެސް ކެރީގެ އަސަރު ފޯރުން އެކަށީގެން ވޭ. ނަމަވެސް މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ. ވައި ވެސް ކަނޑުތައް ވެސް މަޑުވާނެ. އެއްކޮށް މޫސުން ރަނގަޅު ވަނީ އެއް ނޫން ނަމަވެސް މޫސުން ގޯހެއް ނުވާނެ" އޭނާ ވިދާޅުވިއެވެ.
އީދު ދުވަހަކީ އަންނަ ބުދަ ދުވަހެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ކުލަ ގަދަކޮށް އީީދު ފާހަގަ ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
މިއަދާއި މާދަމާ މޫސުން ލަފާކުރާގޮތައް ބަލާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވެއެވެ. އަދި ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވެ، ވައި ވެސް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
ސްކޫލު ތަކުގެ ބޮޑު ޗުއްޓީ ފެށި އީދު ބަންދު ވެސް ކުރިމަތިވުމުން މި ދުވަސްވަރަކީ ގިނަ ބަޔަކު ދަތުރުކުރާ ދުވަސްވަރެކެވެ. އެހެންކަމުން ދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމަށް މެޓް އޮފީހާއި ސިފައިން ވެސް އިލްތިމާސް ކުރެއެވެ.