މާތް ﷲގެ ހަޒްރަތުން އެމީހަކަށް ލިބިފައިވާ ހެކި ވަންހަނާ ކޮށްފި މީހަކަށް ވުރެ އަނިޔާވެރިކަން ބޮޑު މީހަކު ނުވާކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ދުލުގެ އާފާތްތެރިކަމާ ގުޅޭގޮތުން މިއަދު ދިން ޚުތުބާގައި ބުނީ، ދުލުގެ އާފާތްތަކުގެ ތެރޭގައި ދޮގު ހެކި ދިނުމާއި ދޮގު ހުވާކުރުން ހިމެނޭ ކަމަށެވެ. އެގޮތުން ދޮގު ހެކި ދިނުމުގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ވާކަމަށް ޚުތުބާގައި ބުންޏެވެ.

އޭގެތެރޭގައި ޣާޒީއަށް ހައްގު އޮޅުމާއި، ބާތިލަކީ ހައްގު ކަމުގައި ހީވުމާއި، އޭގެ ސަބަބުން އެހެެން މީހުންގެ ހައްގުތައް ގެއްލުން ހިމެނެއެވެ. އަދި މުޖުރިމުން ކުށުން ބަރީއަ ވުމާއި ކުށެއް ނެތް މީހުނަށް ހައްގަކާ ނުލާ އަނިޔާ ލިބުމަކީ ވެސް ދޮގު ހެކި ދިނުމުގެ ސަބަބުން ކުރިމަތި ވެދާނެ ކަންކަމެވެ.

ދުލުގެ އާފަތްތަކުން ރައްކާތެރިވުމަށް ބާރު އަޅުއްވާ ކީރިތި ރަސޫލާގެ އަރިހުން އަބޫ ހުރައިރާ ރިވަކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.

"ތިޔަބައި މީހުން ހަސަދަވެރި ނުވާށެވެ. ތިޔަބައި މީހުން މަކަރުހަދާ އޮޅުވާ ނުލާށެވެ. އަދި ރުޅި ނާންނާށެވެ. އަދި ފުރަގަސް ނުދޭށެވެ. އަދި ތިބާގެ އަޚާގެ ވިޔަފާރިއަށް ގެއްލުން ވާގޮތައް ވިޔަފާރި ނުކުރާށެވެ. އަދި މާތް ﷲ އަށްޓަކާ ތިޔަބައި މީހުން އަޚުން ކަމުގައި ވާށެވެ. އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ،"

ޚުތުބާގައި ބުނީ، ބައެއް ފަހަރު މީސްމީހުނާ ބެހޭގޮތުން ފެތުރިފައި ހުންނަ ވާހަކަ ތަކުގެ ހަގީގަތް ނުހޯދާ އެ މީހުން ބަދުނާމު ކުރުމުގެ ނިޔަތުގައި އެ ވާހަކަތައް އާންމުކޮށް ފަތުރާ މީހުން އުޅޭ ކަމަށެވެ. އެކަމުގެ ނުރައްކާތެރިކަން ބަޔާންކުރައްވާ މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ،

"އަދި ތިބާއަށް އެކަމާމެދު އެންގުމެއް ނުވާކަމަކަށް، ތިމާ ތަބައަ ނުވާށެވެ. ހަމަ ކަށަވަރުން އިވުމާއި، ފެނުވާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު ސުވާލު ކުރައްވާނޭ ކަމެއް ކަމުގައި ވެއެވެ،"

ޣީބަ ބުނުމަށް މެދުވެރިވާ ބައެއް ސަބަބުތައް ވެސް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އެގޮތުން ޚުތުބާގައި ބުނީ، އެއީ ތިމާގެ ނަފްސަށް ތާއީދު ހޯދުމާއި، އަނެކާއާ މެދު ތިމާގެ ހިތުގައި އޮންނަ ހަސަދަ އާއި ނަފުރަތުގެ ސަބަބުން މީސްތަކުންގެ ކުރިމަތީގައި އޭނާގެ އަގު ވައްޓާލުން ކަމަށެވެ.