01 May 2012, 00:14
ދައުލަތް ހިންގުމުގެ ހުރިހާ ބާރުތައް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަބްދުﷲ ޔާމީނާއި ހަވާލުކުރަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕާ މަޝްވަރާކުރެއްވި ކަމަށް މަގާމުން ދުރުކޮށްފައިވާ އެމްޑީޕީގެ ނާއިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.
ދިޓީވީގައި މިރޭ ވާހަކަފުޅު ދައްކަވަމުން އަލްހާން ވިދާޅުވީ ރައީސް ނަޝީދު އެންމެ ފަހުން އިންޑިއާ އަށް ދަތުރުފުޅު ކުރެއްވުމުގެ ކުރިން ޓްރޭޑާސް ހޮޓެލްގައި އެ ޕާޓީގެ ޕީޖީއާ ބައްދަލުކުރައްވައި ޔާމީނަށް ދައުލަތް ހިންގުމުގެ ހުރިހާ ބާރުތައް ހަވާލުކޮށް މުޅި ސަރުކާރު އެކުލަވާލުމަށް ޔާމީނަށް ފުރުސަތު އަރުވަން އެ މަނިކުފާނު ގަސްދު ކުރައްވާ ކަމަށް ވިދާޅުވި ކަމަށާއި ރައީސް ނަޝީދު އެވާހަކަތައް ޕީޖީއާ ހިއްސާކުރެއްވީ ޔާމީނާއި ބައްދަލުކުރެއްވުމަށް އެޕޮއިންޓްމެން ވެސް ހެއްދެވުމަށް ފަހު ކަމަށާއި އެކަމަށް ފޮނުއްވެވި އެސްއެމްއެސްތައް ވެސް ދެއްކެވި ކަމަށެވެ.
"އަޅުގަނޑުމެންނާ ބައްދަލުކުރައްވާފައި ވިދާޅުވީ މިހާރު ޚިޔާލުފުޅުކުރައްވާ ގޮތަކީ ޔާމީނަށް ދައުލަތް ހިންގުމުގެ ހުރިހާ ބާރުތައް ހަވާލުކޮށް މުޅި ސަރުކާރު އެކުލަވާލުމަށް ޔާމީނަށް ފުރުސަތު އަރުވާގޮތަށް ކަމަށް. މިކަން ކުރައްވަން ޔާމީނާއި ބައްދަލުކުރެއްވުމަށް ނިންމަވާ ޓެކްސްޓް ކޮށް އެޕޮއިންޓްމެންޓް ހައްދަވާފަ އަޅުގަނޑުމެންނަށް ދެންނެވީ. އެމްޑީޕީގެ ޕީޖީގެ ހުރިހާ މެންބަރުންނަށް މިކަން އެނގިވަޑައިގަންނަވާނެ. ފޯނުން މެސެޖްތައް ވެސް ވިދާޅުވި،" އަލްހާން ވިދާޅުވި އެވެ.
އަލްހާން ވިދާޅުވީ އެ ދުވަހުގެ ބައްދަލުވުމުގައި އެގޮތަށް ވާހަކަދެކެވުނު ނަމަވެސް އަދި އެކަމުގައި ގޮތެއް ނިމިފައި ނުވާ ކަމަށެވެ.
ޔާމީނާއި ދައުލަތް ހަވާލުކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލުކުރެއްވި އިރު ޔާމީނަށް ތުހުމަތުކޮށް 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރީގެ މައްސަލައެއް އެމަނިކުފާނުގެ ސަރުކާރުގެ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަން ފަށާފައިވާތީ އެފަދަ ތުހުމަތެއް ކުރައްވާ ފަރާތަކާ ދައުލަތް ހަވާލުކުރަން ނަޝީދު ޚިޔާލުކުރެއްވީތީ އަލްހާން ވަނީ އެކަމާ ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
މީގެ އިތުރުން ރައީސް ނަޝީދު ބޭނުންވާ ކޮންމެ ކަމެއް އެމަނިކުފާނު ބޭނުންގޮތަކަށް އެޕާޓީގެ ތެރެއިން ފާސްވާ ގޮތަށް އޮންނަ ކަމަށް ވިދާޅުވެ އެކަމާވެސް އަލްހާން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ވެސް އެ ދުވަހުގެ ބައްދަލުވުމުގައި ހުށަހެޅުއްވީ ރައީސް ނަޝީދު ކަމަށާއި އެމަނިކުފާނު އެގޮތަށް ހުށަހެޅުއްވުމުން އެކަން ފާސްވި ކަމަށާއި ނަމަވެސް ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެޕާޓީގެ މެންބަރުން ކުރެއްވި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ.
"ރައީސް ނަޝީދު ހުށަހަޅުއްވާ ކޮންމެ ކަމެއް ފާސްވާ ގޮތަށް މި އޮންނަނީ. އަބްދުﷲ ޝާހިދުގެ ވޯޓެއް ނަގަން އެދުވަހު ހަމަ ވިދާޅުވީ ފާސްވީ. މި ހުރިހާ ދުވަހު އެކަން ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައި ވަނީ،" އަލްހާން ވިދާޅުވި އެވެ.